އަޅުގަނޑުމެންގެ
މިދިވެހި މުޖުތަމަޢުއަށް ނަޒަރު ހިންގާލާއިރު ފެނިގެން މިދަނީ ދިވެހިންނަށް
އައިސްފައިވާ ކުރިއެރުންތަކެވެ. ޢިލްމީ ގޮތުންނެވެ. ވިސްނުމާއި ފިކުރުގެ
ގޮތުންނެވެ. އުމުރާނީގޮތުންނެވެ. ޓެކްނޮލަޖީގެ ރޮނގުންނެވެ. މިހުރިހާ ގޮތްގޮތުން
ކުރިއެރުން އައިސްފައިވާއިރު މިމުޖުތަމަޢުގައި މިވަނީ މިނިވަންކަން ވަރަށް
ފުޅާދާއިރާއެއްގައި ބޭނުން ކުރުމުގެ އިޙްތިޔާރުވެސް ލިއްބާދީފައެވެ.
އެމިނިވަންކަމުގެ އިޙްތިޔާރުގެ ދަށުން މުޖުތަމަޢުގައި ފިޠުނަ އުފެދޭގޮތަށް މީހުން
ވާހަކަ ދައްކާ އުޅޭކަމީ މެންދުރުގެ އިރު ފެންނަން ހުންނަ ފަދައިން އަޅުގަނޑުމެން
ކޮންމެ މީހެއްގެ ލޯ ކުރިމައްޗަށް ފެންނަން އޮތް ހަގީގަތެކެވެ. އެހެންނަމަވެސް
ދަންނާށެވެ. މިދުނިޔެއަކީ ފާނަވަނިވި ހުވަފެނެއް ކަހަލަ ތަނެކެވެ. ދުނިޔެއަށްވުރެ
އާޚިރަތް އިސްކުރާށެވެ.
އެހެންކަމުން ތިބާ
ދައްކާ ވާހަކަތަކަކީ ތެދުކަމުގައި ހެދުމަށް ޢަޒުމު ކަނޑައަޅާށެވެ. އަދި ތިބާ
ހިއްސާވާ ތަންތަނުން ފަތުރާ ވާހަކަތަކަކީ ތެދު ޙަޤީޤަތްކަމުގައި ހަދަމާ ހިނގާށެވެ.
ތިމާގެ އިޙްސާސްތަކުގެ މައްޗަށް ތިމާގެ ބުއްދި އިސްކޮށް ޙަޤީޤަތަށް ވާޞިލުވާށެވެ. އިވޭ
ކޮންމެ އަޑެއް ޤަބޫލުކޮށް އެވާހަކަ ފެތުރުމަކީ ތިބާގެ އީމާންކަމުގެ ބަލިކަށިކަމުގެ
ޢަލާމަތެއްކަން ހަނދާންކުރާށެވެ. މާތް ﷲ
ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ، حجرات ﴿٦﴾ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އިހަށް އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! ނޫންނަމަ ނޭނގިތިބެ، ތިޔަބައިމީހުންނަށް
އަނެކުންނަށް ގެއްލުން ދެވިދާނެއެވެ. ދަންނާށެވެ! އެހެންވެއްޖެނަމަ، ތިމާމެން
އެކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
ޢަދުލުވެރިއެއްކަމުގައި
ތިމާއަށް ހީވާ މީހަކު ގެނެސްދޭ ޚަބަރެއް ކަމުގައި ވިއަސް، އެޚަބަރަކީ ޤަބޫލުކުރަން
ދަތި ޚަބަރެއްކަމަށްވާނަމަ ނުވަތަ އެކަމުގެ ޙަޤީގަތް ރަނގަޅަށް ނޭނގޭނަމަ
އެޚަބަރެއް ފެތުރުމުގައި ތިމާ އަވަސްވެގެން ނުވާނެއެވެ. މާތް ﷲ ރަޙްމަތްލެއްވި
އިމާމު އިބްނު ތައިމިޔާ އެކަލޭގެފާނުންގެ ފޮތް منهاج السنة 6-3030 ގައި ވިދާޅުވެފައި ވެއެވެ." ވަރައް ގިނަ މީހުންނަކީ ވާހަކަ
ފެތުރުމުގައި ދޮގު ހެދުމަކީ ތިމާމެންގެ މަޤްޞަދުކަމަށް ދެކިގެން އެވާހަކައެއް
ފަތުރަން އުޅޭ ބަޔަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް އެބައިބައިމީހުން
ހަދާގޮތަކީ، އެނެކުންގެ ވާހަކަ ނަގުލުކުރުމުގައި އެމީހުން ބޭނުންކުރި ލަފުޒު ނޫން
އެހެން ލަފުޒުތަކެއް ތިމާމެންގެ ކިބައިން އިތުރުކޮށްގެން ބޭނުން ކުރުމެވެ.
މިކަމުގެ ސަބަބުން ވަރަށް ގިނަފަހަރު ބަސް ބުނި މީހާގެ މުރާދަކީ ކޮބައިކަން ނޭގި
އެވާހަކަ ދެން އަޑުއަހާ މީހުންގެ ކުރިމަތީގައި ވާހަކަ ވިސްނައިގަތުމުގައި، އޭގެ
މަޤަޞަދުގެ އޮޅިގެންގޮސް އެވާހަކަ އަޞްލު މަޤްޞަދާ ހަމައަށް ވާޞިލުވުމަށް
އަނެކާއަށް ނުކުޅެދޭގޮތް ވެދެއެވެ."
މިމޭރުމުން މާތް ﷲ
ރަޙްމަތްލެއްވި އަލްއިމާމު އިބްނުލް ޤައްޔިމު، އެކަލޭގެފާނުންގެ ފޮތް أعلام الموقعين1-87 ގައި ވިދާޅުވެފައި ވެއެވެ." މާތް ﷲ އިންސާނާއަށް
ދެއްވި އެންމެ ބޮޑު ނިޢުމަތުގެ ތެރެއިން މީހުން ދައްކާ ވާހަކަ ރަނގަޅަށް
ވިސްނުމާއި އެވާހަތަކުގެ ރަނގަޅު މަޤްޞަދާ ހަމައަށް ތިމާއަށް ވާޞިލުވެދިއުން
ހިމެނިގެން ވެއެވެ." އަދި ވެސް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ކަންކަން
ރަނގަޅަށް ވިސްނޭ ވިސްނުމަކީ މާތް ﷲ ގެ ޙަޟުރަތުން އަޅާހިތަށް ވައްދަވާ
ބަރަކާތްތެރި ނޫރެކެވެ. އެއިލާހުގެ ރަޙްމަތެކެވެ."އިސްވެދެންވުނު
ދަލީލުތަކާއި ވާހަކަތަކުން ހަބަރެއް ފެތުރުމުގެ ކުރިން އެކަމުގެ ޙަޤީގަތް ބަލައި
ތެދު ހަބަރު ފެތުރުމުގެ މުހިންމުކަން އެނގިގެން ހިނގައްޖެވެ.
ތިބާ ފަތުރުވާ
ހަބަރުތަކުގެ އިތުރަށް ތިބާ ދައްކާ ވާހަކަތަކަކީވެސް ތެދުކަމުގައި ހަދަމާ
ހިނގާށެވެ. ނޫންނަމަ ތިބާއަށް އެންމެ އިތުބާރުކުރާ ފަރާތްތަކުން ތިބާއާ
ދުރުހެލިވެދާނެއެވެ. ތިބާގެ ރަނގަޅު ރަޙުމަތްތެރިން ގެއްލި ހިނގައިދާނެއެވެ. ތިބާ
އެކަނިވެރި ވެދާނެއެވެ. އަލްޙަސަން ބްނު ޢަލީއާ މުޚާޠަބުކުރައްވައި ކީރިތި ރަސޫލާ
ހަދީސްކުރައްވާފައިވެ އެވެ. "ކަލޭގެފާނަށް އެކަމަކާ މެދު ޝައްކު އުފެދޭ
ކަންކަން ދޫކޮށްލައި ޝައްކު ނުއުފެދޭ ކަންކަމަށް ތަބާވާށެވެ. ފަހެ ހަމަކަށަވަރުން
ދޮގުހެދުމަކީ ޔަގީންކަން ގެއްލޭ ކަމެކެވެ. ތެދުބުނުމަކީ ޝައްކުކަން ފިލައި
ހިތްހަމަޖެހުން ލިބޭ ކަމެކެވެ."
ތެދުވެރިވުމަކީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިވެ ސުވަރުގެއަށް މަގުދައްކައިދޭ
ކަމެވެ. އަދި ދޮގުހެދުމަކީ ސުވަރުގޭގެ ނިޢުމަތް ގެއްލި ނަރަކައަށް މީހާ ވައްޓާލާނެ
ކަމެކެވެ. އިތުރު އެކަލޭގެފާނު
ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ތެދުބުނުމަށް ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން
މަގުދައްކަނީ ހެޔޮކަމަށެވެ. އަދި ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި މާތް
ﷲ ގެ ޙަޟުރަތުގައި ޞިއްދީޤަކު (ތެދުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު
ތެދުބުނުމަށް މަސައްކަތްކޮށް ތެދުބުނުމުގައި ދެމިހުރެއެވެ. އަދި ތިޔަބައިމީހުން
ދޮގުހެދުމުން އެއްކިބާވެ ރައްކާތެރިވާށެވެ! ދޮގުވެރިކަން މަގުދައްކަނީ
ފާޖިރުކަމަށެވެ. ފާޖިރުކަން މަގުދައްކަނީ ނަރަކައިގެ އަލިފާނަށެވެ. އަދި މާތް ﷲ ގެ
ޙަޟުރަތުގައި ކައްޒާބަކު (ދޮގުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު ދޮގު
ހަދައި ދޮގުހެދުމަށް މަސައްކަތްކުރެތެވެ." އަދިވެސް الله تعالى ވަޙީކުރައްވާފައި ވެއެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آَمَنَّا وَهُمْ لَا يُفْتَنُونَ () وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ (العنكبوت 3،2) މާނައީ
"މީސްތަކުން ތިމަންމެން އީމާންވެއްޖައީމެ ބުނުމުން، އެއުރެން އިމްތިޙާނު
ނުކުރައްވާ ދޫކޮށްލައްވާނެ ކަމަށް ހީކުރީހެއްޔެވެ؟ އަދި ހަމަ ކަށަވަރުން
އެއުރެންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަން އިލާހު
އިމްތިޙަނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން الله تعالى ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް
އެ އިލާހު ދެނެވޮޑިގެންވެއެވެ."
އެންމެހާ ލޮބުވެތި
އަޚްނާ އުޙުތުންނޭވެ. ތިޔަބައިމީހުން ތެދުވެރިކަމުގެ ސިފައިން ޒީނަތްތެރިވެ، ﷲ
އަށް ބިރުވެތިވާށެވެ. ކުރާ ޢަމަލުތަކުގައްޔާ ދައްކާ ވާހަކަތަކުގައި ތެދުވެރިކަން
ކުރިއަށް ނެރެ ﷲ އަށް ތަޤުވާވެރިވާށެވެ. ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 102 ވަނަ އާޔަތުގައި
ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ ) މާނައީ: ” އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ
ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “ އަދިވެސް ﷲ ތަޢާލާ އަލްއަޢްރާފް ސޫރަތުގެ 96 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. ( وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ ) މާނައީ: ” ރަށްތަކުގެ
އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން،
ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް
ހުޅުއްވައިދެއްވީމުހެވެ."
އޭ! އަޅަމެން
ޙައްދަވާ ބޮޑުކުރެއްވި ﷲ އަޅަމެންނަށް
ރަޙުމަތްލައްވާށި އަދި އަޅަމެންގެ ފާފަތައް ފުއްސަވާ އަޅަމެންނީ ތެދުވެރިން
ކަމުގައި ލައްވަވާނދޭވެ. އަދި އަޅަމެންނީ އިބަﷲ އަށް ތަޤުވާވެރިވާ ބަޔެއްކަމުގައި
ލައްވަވާނދޭވެ! އާމީން!
No comments:
Post a Comment