އިންސާނާ
ޚަލްޤުކުރެއްވުމުގެ މައިގަނޑު ދެމަޤުޞަދެއް ވަކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
އެއީ ދުނިޔެ އާރާސްތުކުރުމާއި ﷲ އަށް އަޅުކަން ކުރުމެވެ. އެހެންކަމުން މިމަޤުޞަދު
ހާޞިލު ކުރުމަކީ އިންސާނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިގޮތުން އަށް
އަޅުކަން ކުރުމޭ ބުނާ ބަހުގެ މާނަގައި ހިމެނެނީ ހަމައެކަނި އިސްލާމް ކަމުގެ
ރުކުންތަކުގެ ތެރޭގައިވާ ނަމާދު ކުރުމާއި ޒަކާތް ދިނުމާއި ރޯދަހިފުމާއި ހައްޖާއި
އުމުރާވުން އެކަންޏެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވަނީ އަޅުކަމަކީ މުސްލިމެއްގެ
ގޮތުގައި ހުރެ ﷲ ގެ ޙަޟުރަތުން ސަވާބާ ދަރުމައަށް އެދި ކުރާ ކޮންމެ އިސްލާމްދީން
އެކަމެއް ކުރުމަށް ބާރުއަޅާ ކޮންމެ ހެޔޮޢަމަލެކެވެ.
އެގޮތުން ﷲ އަށް އަޅުކަން
ކުރުމުގެ ގޮތުން ގިނަގިނައިން ﷲ ހަނދުމަކޮށް ނުވަތަ ޛިކުރުކޮށް ހެދިދާނެއެވެ. ޛިކުރު ކުރުމުގެ މާނައަކީ މާތްﷲ ގެ ރަސްކަންފުޅު މަތިން
ހަނދުމަކުރުމެވެ. އެއީ ގުނާ ޢަދަދު ކުރަން ދަތި ފައިދާތަކެއް ހިމެނޭ މަތިވެރި
އަޅުކަމެކެވެ. އަޅުކަންތަކުގެ ވެސް ރޫޙަކީ ޛިކުރެވެ.
ޛިކުރު ކުރުމުގެ ސަބަބުން ވަރަށް ގިނަގުނަ
ފައިދާތަކެއް ތިމާއަށް ލިބިގެންދެއެވެ. އެގޮތުން ބަލާއިރު، ޢިލްމުވެރިން ވިދާޅުވަނީ
ޛިކުރު ކުރުމަކީ ޝައިޠާނާ ދުރުކޮށް، ޝައިޠާނާ ބަލިކޮށް އޭގެ ވަރަބިންދާލާ
ކަމެކަމަށާއި ރަޙްމާންވަންތަ މާތް ﷲ ގެ ރުއްސެވުން ލިބޭ ކަމުގައެވެ.
އަންސާނުންނަށް ހިތްދަތިމާއި ކުރިމަތިލާންޖެހޭ ހާލަތްތަކުގައި ހިތުގައި އެވާ ހިތާމައާއި ދެރަކަން ފޮހެލާ އުފާވެރި
ކަމާއި ހިތްހަމަ ޖެހުމާއި ހީވާގިކަން، ހިތަށް
ގެނެސްދޭ ކަމެކެވެ. އަދި ހަމައެހެންމެ ޛިކުރު ކުރުމަކީ ހިތާއި ހަށިގަނޑަށް ބާރު
ލިއްބައިދީ މޫނާއި ހިތް އުޖާލާކޮށްދޭ އަޅުކަމެކެވެ. ކޮންމެ އިންސާނަކީވެސް
މުއްސަނދިކަމާއި ތަނަވަސްކަމަށް އެދޭބަޔަކަށް ވާއިރު ޛިކުރު ކުރުމަކީ ރިޒުޤު
ތަނަވަސް ވެސްވާ ކަމެކެވެ.
ޛިކުރު ކުރުމަކީ އޭގެ ސަބަބުން އިސްލާމްދީނުގެ ރޫޙް
ކަމުގައިވާ، މާތް ﷲ ދެކެ ލޯބިވުން، ހިތަށް ވައްދައިދޭ ކަމެކެވެ. ﷲ ހަނދުމަނުކޮށް
(ޛިކުރު ނުކޮށް) ޣާފިލްވެފައި ހުންނަ މީހަކަށް އިޙްސާންތެރިކަމާ ހަމައަށް
ވާސިލްވުމަކީ ވާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން އިންސާނުންނަކީ ކޮށްކުރެވޭ
ބައެކެވެ. އެހެންވެ ﷲ ތަޢަލާއާއި އެކަލާނގެ ރަސޫލާ ގިނަގިނައިން ތަޢުބާވުމަށް
އިރުޝާދު ދެއްވައެވެ. މިފަދައި އިސްމާލްދީނުގައި ބާރު އަޅާފައިވާއިރު ޛިކުރުކުރުން
ވެގެންދަނީ ﷲ އަށް ތައުބާވެ، އެ ކަލާނގެ އަށް ރުޖޫޢަވުން ވާރުތަކޮށްދޭ ކަމަކަށެވެ.
ﷲ ގެ ވަލީވެރިޔަކަށް ވުމަކީ އަޅުގަނޑުމެން ކޮންމެ
އިންސާނަކު ބޭނުވާނެ ކަމަކަށް ވާހިނދު، އެފަދަ މީހަކަށްވުމަށްޓަކައި އެކަލާނގެ
އަމުރުކުރެއްވި ފަރުޟުތައް އަދާކުރުމުގެ އިތުރަށް ނަފިލު އަޅުކަން ކުރަންޖެހެއެވެ.
އިސްވެދެންނެވުނިފަދައިން ފަރުޟުތައް އަދާކުރުމައެކު ނަފިލު(ސުންނަތް) ކުރުން މަތީ
ދެމިހުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ﷲ އާއި އަޅާއާދެމެދު އޮންނަ ގުޅުން
ބަދަހިވެ، އެކަލާނގެ ވަލީވެރިއަކަށް ވެގެންދަކަމެކެވެ. ޛިކުރު ކުރުމަކީ އިސްވެދެންނެވުނުފަދަ
ސުންނަތަކެވެ. އަދި އެއީ ﷲ އާ
ކުއްތަންކޮށްދޭ ކަމެކެވެ.
ޛިކުރުކުމަކީ ﷲ ހަނދުމަކުރުން ކަމުގައި ވާހިނދު، މިކަމަކީ މާތް
ﷲ އޭނާ މަތިން ހަނދުމަކުރައްވާނެ ކަމެކެވެ. فَاذْكُرُونِي
أَذْكُرْكُمْ وَاشْكُرُواْ
لِي މާނަ:
ފަހެ އެހެން ކަމުން، ތިޔަބައި މީހުން ތިމަން ރަސްކަލާނގެ މަތިން ހަނދުމަކުރާށެވެ.
އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުން މަތިން ހަނދުމަކުރައްވާނެ ހުށީމެވެ.''
(އަލްބަޤަރާ:152)
ޛިކުރު ކުރުމަކީ ޛިކުރު ކުރާ މީހާއަށް ދުނިޔޭގައިވާ
ނޫރެކެވެ. އަދި އެއީ ޤަބުރުގައި އޭނާއަށް ވާ ނޫރެކެވެ. އަދި އެއީ އާޚިރަތުގައި،
ޞިރާޠު މަގުން ހިނގާ އިރު އޭނާއަށް ވާ ނޫރެކެވެ. ތަޤްވާވެރިންގެ ތެރެއިން، މާތް ﷲ
ގެ ޙަޟްރަތަށް އެންމެ އަރިސް ބަޔަކީ، ޛިކުރު ކުރުމުން އޭނާގެ ދޫ އަބަދުވެސް
ތެއްކޮށް ބާއްވާ މީހާއެވެ. މި ފަދަ މީހަކީ ﷲ ގެ އަމުރުތަކާއި ނަހީތަކާމެދު އެންމެ
ތަޤްވާވެރިވާ މީހެކެވެ. އަދި އޭނާގެ ޝިޢާރަކީ ﷲ ޛިކުރު ކުރުން ކަމަށް ހަދާ
މިހެކެވެ. މީހާގެ ތަޤްވާވެރި ކަމުން އޭނާ ނަރަކައިން މިންޖުވެ، ސުވަރުގެ ލިބެއެވެ.
އަދި ޛިކުރު ކުރުމުން އޭނާއަށް ﷲ އާ ކުއްތަން ދަރަޖައަކަށް ދެވެއެވެ. މަތިވެރި
މަޤާމް ލިބެއެވެ. އަދި އޭނާއަށްޓަކައި
ސުވަރުގޭގައި ގަހެއް އިންދޭނެ ކަމެކެވެ. ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރައްވާފައި ވަނީ: مَنْ
قَالَ سُبْحَانَ
اللَّهِ الْعَظِيمِ
وَبِحَمْدِهِ غُرِسَتْ
لَهُ نَخْلَةٌ
فِي الْجَنَّةِމާނަ: ''ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ
މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެކަލާނގެއަށެވެ.
މިފަދައިން ބުނެފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދިއްޖެއެވެ.''
(ރިވާކުރެއްވީ: ތިރްމިޛީ، ނަމްބަރު 3464. އަލްބާނީ ވަނީ ޞައްޙަ ކުރައްވާފައި.
ޞަޙީޙް އައްތިރްމިޛީ ބަލާ)
ޛިކުރު ކުރުމަކީ، އަޅުން މިނިވަންކުރުމާއި، މާތް ﷲ
ގެ މަގުގައި ޖިހާދު ކުރުމާއި ފައިސާ ހޭދަ ކުރުމާއި، އެއްފަދަ ދަރަޖައެއްގެ ޘަވާބު
ލިބޭ ކަމެކެވެ. لاَ
إِلَهَ إِلَّا
اللَّهُ وَحْدَهُ
لاَ شَرِيكَ
لَهُ لَهُ
الْمُلْكُ وَلَهُ
الْحَمْدُ وَهُوَ
عَلَى كُلِّ
شَيْءٍ قَدِيرٌމި ދުޢާ ދުވާލަކު ސަތޭކަ ފަހަރު ކިޔައިފި މީހަކަށް ދިހަ
އަޅުން މިނިވަން ކުރީމާ ލިބޭ ޘަވާބު ލިބި، ސަތޭކަ ހެޔޮކަން ލިޔެވި، ސަތޭކަ ފާފަ
ފޮހެވޭނެ ކަމަށާއި، އަދި އިރު އޮއްސެން ދެން ޝައިޠާނާގެ ނުބައިކަމުން، އޭނާއަށް
ލިބޭ ޙިމާޔަތެއް ކަމުގައި އެބަސް ވާނެ ކަމަށް، އޮންނަ ޙަދީޘެއް ޞަޙީޙް
އަލްބުޚާރީގައި އޮވެއެވެ. (ޞަޙީޙް އަލްބުޚާރީ: ނަމްބަރު6040. ތަހްލީލު ކިޔުމުގެ
މޮޅުއިތުރުކަމުގެ ބާބު)
ޛިކުރު ކުރުމަކީ ހިތުގެ ޝިފާއެކެވެ. ފަރުވާއެކެވެ.
އަނެއްކޮޅުން ހިތުގެ ބައްޔަކީ ޣާފިލް ކަމެވެ. ވީމާ ބަލިޖެހިފައިވާ ހިތްތަކުގެ ޝިފާ
ވަނީ، ﷲ ޛިކުރު ކުރުމުގައެވެ. މިހެން
މިކަން ހުރިއިރު ﷲ އަށް ހަނދުމަކޮށް ސުވަރުގެއަށް ވާޞިލުވަމާ ހިނގާށެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅަމެންނީ ﷲ މަތިން ހަނދުމަކުރާ ބެއެއްކަމުގައި
ލެއްވެވުމެވެ. އާމީން!
No comments:
Post a Comment