24 October 2010

ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަމިއްލަ ފުޅައް ގެންނެވި ފޮތެއް ނޫނެވެ.


  ލިޔުނީ: އަޙްމަދު ޢާޞިމް
މާތްﷲ سورة يونس 15-16 ގައި ވަޙީކުރެއްވިއެވެ. "وَإِذَا تُتْلَى عَلَيْهِمْ آَيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآَنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (15) قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ (16)  
މާނައީ: އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެޤުރްއާންއަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެބަދަލުކުރެއްވުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންލޭގެފާނު ތަބަޢުވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޒާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެޑައިގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެއާޔަތްތައް ތިޔަބައިމީހުންނަށް ވިދާޅުވެއެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެއާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފެހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރުވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"
މީގެ އިތުރުން ޤުރުއާނުގެ އާޔަތްތައް ފަށާފައިވާ ގޮތުންވެސް އެއީ އެކަލޭގެފާނުންގެ ބަސްފުޅު ނޫކަން އެނގެއެވެ. އެފަދަ އެއްމިސާލު މިތާނގާ ބަޔާން ކޮއްލާނަމެވެ. މާތް ﷲ سورة الإخلاص1 ގައި ވަޙީކުރައްވާފައިވެއެވެ. قُلْ هُوَ اللَّهُ أَحَدٌ މާނާއީ: "ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ". އަދި އެހެން އާޔަތެއްގައި ވެއެވެ. މާތް ﷲ ސޫރަތުލް ފަލަޤު 1 އާޔަތުގައި ވަހީ ކުރައްވާފައި ވެއެވެ. قُلْ أَعُوذُ بِرَبِّ الْفَلَقِ މާނައީ:" ކަލޭގެފާނު ވިދާޅުވާށެވެ. ފަތިހުގެ ވެރިރަސްކަލާނގެ ހަޟުރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ." މިފަދަ ބަސްތަކުން ޤުރުއާނުގައި އައިސްފައިވުމުން އަޅުގަނޑުމެންނަށް އެއީ އެކަލޭގެފާނު ބަސްފުޅެއްނޫކަން އެނގެއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުނަމަ ކަލޭގެފާނު ވިދާޅުވާށޭ މިގޮތައް އަމިއްލަފުޅަށް ވިދާޅު ނުވީހެވެ. އަދި އެކުލަވާނުލީހެވެ.

މިފަދަ އެއްމިސާލަކީ އިފްކުގެ ވާހަކައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ދޮގުތުހުމަތުން ބަރީއަވެގެންވާ ހާލު، މުނާފިޤުން އެކަމަނާއަށް އެކަމުންތުހުމަތު ކުރަމުން ގެންދިޔައެވެ. އަދި މީހުން މާތް ރަސޫލާގެ ހިތްޕުޅަށް ދަތިވާނޭޒާތުގެ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅު އުދާސްތަކުން ކެކިއުތުރިއަރަމުން ދިޔައިރުވެސް އެކަމެއް މަނައެއް ނުކުރެއްވުނެވެ. އެކަލޭގެފާނަށް ވިދާޅުވެވުނު ހަމައެކަނި ބަސްފުޅަކީ: "އޭ ޢާއިޝާއެވެ! ތިމަންއެކަލޭގެފާނު އެކަމެއް ނުވަތަ މިކަމެއްގެ ޚަބަރު އައްސަވައިފީމުއެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ މާތް ﷲ އެކަން ހާމަކޮށްދެއްވާނެއެވެ. އަދި ކަމަނާ ކުށަކަށް އަރާވަޑައިގަންނަމަ، މާތްﷲގެ މަޣްފިރަތަށް އެދިވަޑައިގަންނަވާށެވެ."

މިގޮތަށް ފުރިހަމަ މަސްދުވަސް ވޭތުވެދިޔަމަށްފަހު، އެކަމަނާ އެތުހުމަތުކުރެވޭ ކަމުން ބަރީއަވެގެންވާކަމާއި މާތް ރަސޫލާގެ އަހުލުބައިތުންގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ވަޙީބާވައިލެއްވުނެވެ.
 ޤުރުއާނަކީ އެކަލޭގެފާނު އަމިއްލަ ފުޅަށް އެކުލަވާލައްވާ އެއްޗެއްނަމަ، މިފަދަ ބަސްފުޅުތަކެއް އެކުލަވާލައްވާ އެކަލޭގެ ފާނުގެ އަބުރުފުޅާއި މެދު މީސްތަކުން ދައްކަމުން އައި އެވާހަކަތައް ހުއްޓަވާ ލެއްވީސް ނޫހެއްޔެވެ؟ ނަމަވެސް އެއްވެސް އިންސާނަކަށް އިތުރުފުޅެއް ނަހައްދަވާއިރު މާތް ﷲ އެކަލޭގެފާނު އިތުރުފުޅެއް ހައްދަވާނީ ކޮންފަދައަކުން ހެއްޔެވެ. އެކަލޭގެފާނުގެ ހައްޤުގައި މާތްﷲ سورة الحاقة 44-45 އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ (44) لَأَخَذْنَا مِنْهُ بِالْيَمِينِ (45) މާނައީ: " އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ނިސްބަތްކޮށް ހަދާގެން ބައެއްވާހަކަ ދައްކަވައިފިނަމަ ތިމަން ރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިތްޕެވީމުހެވެ."
ބަދުރު ހަނގުރާމައިގާ ހައްޔަރުވެވުނު އަސީރުން ފިދުޔަ ހިތްޕެވުމުގައިވެސް އެއީ ރަނގަޅުނޫގޮތް ނޫކަން އެންގެވުމުގެ ގޮތުން މާތް ﷲ އަލްއަންފާއު ސޫރަތުގެ 67-68   އާޔަތުގެ މާނައިގާވެއެވެ. (ހަނގުރާމައިގެ) ބިމުގައި (އަދުއްވުންގެ މެދުގައި) ޤަތުލު ގިނަވެއްޖެއައުމަށް ދާނދެން (އެބަހީ؛ މުސްލިމުން ގަދަވެ ގަތުލުވެވޭ އަދުއްވުންގެ އަދަދު ގިނަވެ، ހަނގުރާމައަށް ނުކުޅަދިއްޖައުމަށް ދާނދެން) ހަނގުރާމައިގައި މީހުން ހިފައި ހައްޔަރު ކުރުމަކީ އެއްވެސް ނަބީއަކަށް އޮތްކަމެއް ނޫނެނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. ﷲ އިރާދަކުރައްވަނީ އާހިރަތެވެ. ﷲއީ ގަދަފަދަ ވަންތަ ހަކީމުވަންތަ ރަސްކަލާނގެއެވެ. ﷲ ކަނޑައަލޫއްވާފައިވާ ހުކުމެއް އިސްވެގޮސްފައި ނުވާނަމަ، ތިޔަބައި މީހުން ހިފި ތައްކެއްޗާމެދު ތިޔަބައި މީހުންނަށް ބޮޑުވެގެންވާ އަޛާބެއް އައިސްޖައީހެވެ.'
އިސްވެދިޔަ ހާދިސާތަކުންވެސް އެނގެނީ އެއީ ރަސޫލާގެ ބަސްފުޅެއް ނޫކަމެވެ. އަދި ކިއެއްތަ އެއީ ގަދަ ކީރިތި ވަންތަﷲގެ ބަސްފުޅުކަމެވެ.

No comments:

Post a Comment