ތިމަންމެންގެ ގަޢުމަކީ 100 އިން 100 މުސްލިމް ޤަޢުމެކޭ ކިޔަކިޔާ ތިބޭއިރު، ތިމަންމެންގެ ޢަމަލުތައް ހުރިގޮތާއި މެދު ފިކުރު ހިންގާލީ ކިތައްކިތައް މީހުންތޯއެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ހުންނަނީ ކިތައްކިތައް މީހުން ހެއްޔެވެ؟ ތިބާމެން އިސްދަށަށް ޖަހަން ތިޖެހެނީ ކީއްވެގެންތޯއެވެ؟ އެހެންވީރު، 100 އިން 100 މުސްލިމް ގައުމަކަށް ވެގެން ފަޚުރުވެރިވާންވީން
ކީއްވެގެންތޯއެވެ؟ ފަޚުރުވެރިވުމުގެ އެއްވެސް ބޭނުމެއް ނެތްކަންކަށަވަރެވެ.
ﷲ ތަބާރަކަ ވަތަޢަލާ އިންސާނާ ޙަލްޤު ކުރައްވާފައިވަނީ ދުނިޔެ އިމާރާތް ކުރުމާއި އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުކަން ކުރުމަށެވެ. ދުނިޔެ އިމާރާތް ކުރުމަށްޓަކައި، ތިބާމެން ހެއްދެވި ފަރާތުގެ މަތިން ހަނދާން ނައްތާލުމެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހާލަތަކީ، ހަމަ މިއީއެވެ. ޢާއްމުދަނީ ހޯދާށޭ ކިޔާ، ﷲ އަށް އަދާ ކުރަންޖެހޭ އަޅުކަންތަކާމެދު އިހްމާލުވަނީއެވެ. އެގޮތަށް ޢަމަލުކުރަމުގެ ނަތީޖާ ވަރަށްވެސް ހިއްޗެވެ.
މިހާރު، އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެގޮތަށް ﷲ ގެ މަތިން ހަނދުމަ ނުކޮށް އުޅުމުގެ ނަތީޖާއެވެ. ބިންހެލުންތަކާއި ސުނާމީތަކެވެ. ކުރި ހުރިހާ މަސައްކަތްތަކެއް ހަލާކުވެގެން ދިޔައީއެވެ. ކީހާ ޅެމެއް ފަރިއްސަށްވެގެން ދިޔައީއެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ސުނާމީގެ ކާރީސާގައި އެތައް އެތައް ބަޔަކު މަރުވެގެން ދިޔައެވެ. ހަދާފައި ހުރި ވަރުގަދަ އިމާރާތްތަކާއި ބަދަރުތައް ފުނޑުފުނޑުވެގެން ދިޔައީއެވެ. މިއީ ހައްތާވެސް އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުން ދިމާވާ ގޮތްގޮތެވެ.
އަޅުގަނޑުގެ އެންމެހާ އެކުވެރިންނޭވެ! އަދިވެސް ބުއްދިކުރާކަށް ނުވޭތޯއެވެ. ދުނިޔޭގައި ޓެކުނޮލަޖީގެ ގޮތުން އެންމެ މޮޅުކަމަށް މަޝްއޫރުވެފައިވާ ޖަޕާނަށް ވެގެންދިޔަ ގޮތާމެދު ހިޔާލުކޮށްލަބަލާށެވެ. ރަނގަޅަށް ދެނޫރާއި ސިކުނޑި ހުޅުވާލައިގެން ނަޒަރު ހިންގާ ފިކުރުކޮށްލަ ބަލާށެވެ. އެންމެ ޒަމާނީ ފެންވަރަށް ވަރުގަދަ ކަމާއެކު ހަދާފައިވާ ޖަޕާން ހަލާކުވެގެން އެދިޔައީ އެންމެ ދެ ތިން މިނެޓު ތެރޭގައެވެ.އެމީހުންގެ ޓެކުނޮލަޖީގެ ބޭނުން ކޮށްގެން އެކަން ހުއްޓުވުނު ތޯއެވެ.
ނޫނެކެވެ. އެއީ ނުވާނެކަމެއްކަން ކަށަވަރެވެ. ﷲ ތަބާރަކަ ވަތަޢަލާގެ މަތިން ހަނދުމަނުކޮށް ތިމަ ތިމާމެން ކިތަމެއް ވަރަކަށް ދުނިޔެ އިމާރާތް ކުރާން އުޅުނަސް ދުނިޔެ އިމާރާތް ނުކުރެވޭނެކަން ކަށަވަރު ވެއެވެ. އެކަލާނގެމަތިން ހަނދުމަނުކޮށް ހިތުހުރިގޮތަކަށް ކުރާކަންކަން ވެގެންދާނީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމެއްކަން ޔަޤީނެވެ.
ރަނގަޅެވެ. ﷲ ތަބާރަކަ ވަތަޢަލާ ފިޔަވާ ކޮންމެ މަޚުލޫޤަކީ އަދި އެއްޗަކީ ފަނާވެގެންދާނޭ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން އެކަލާނގެއީ ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ، ތިމާމެންގެ ޢަމަލުތައް އިސްލާހު ކުރުމުގެ ބޭނުމެއް ނެތުންކަމަށް ނުބަލާށެވެ. އޭގެ ބަދަލުގައި ޢާޙިރަތްދުވަސް ވާކަން ޤަބޫލުކުރާ ކޮންމެ މީހަކުމެ ތިމާމެން އަމަލުތައް އިސްލާހުކޮށް އެދުވަށް ތައްޔާރު ވުމަކީ ބުއްދިކުރާ ކޮންމެ މީހަކަމެ ފެންނާނެ އެންމެ މޮޅުގޮތެވެ.
އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އަވަހަށް ތިބާމެންގެ އަމަލުތައް އިސްލާހުކޮށް ކުރެވިފައިވާ ކުށްތަކަށް ތަޢުބާވެ ދީނުގެ އަސާސްގެ މަތީތިބެ، ދުނިޔެ އާރާސްތު ކުރާށެވެ. އޭރުން ﷲ ތަބާރަކަ ވަތަޢަލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނެކަން ކަށަވަރެވެ.
No comments:
Post a Comment