11 September 2010

މިނިވަން ކަމަކީ މިނިމަސް ކެއުން ހެއްޔެވެ؟

-->

-->
-އަޙުމަދު އާސިމް / އުންމީދު-

ކޮންމެ މީހަކަށް ވެސް އެ ނިޢުމަތެއްގެ މުހިންމުކަން އެނގޭނީ އެނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. މިނިވަންކަމުގެ އުފާވެރިކަންވެސް އެނގޭނީ މިނިވަންކަން ގެއްލިފައިވާ ބަޔަކަށް ކަންކަށަވަރެވެ. އެގޮތުން އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިންނަށް ވަނީ މިނިވަންކަން ގެއްލިފައެވެ. އަޅުވެތިކަމުގެ ދަތިތަކާއި ކުރިމަތި ލާންޖެހިފައެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ކާބަފައިންނަށް ވަނީ މިނިވަންކަމުގެ މުހިންމުކަން އެނގި ތަޖުރިބާ ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މިނިވަން ވުމަށް އެތައް ޖިހާދުތަކެއް ވަނީ ކޮށްފައެވެ. މިދިވެހި ބިމާއި ދީންދެކެ ލޯބިވާ އަބުޠާލުން ވަނީ މިގަޢުމަށް އަލުން އަނބުރާ މިނިވަންކަން ގެނެސް ދީފައެވެ.
ހަޤީގީ މިނިވަންކަމަކީ ކޮބައިހެއްޔެވެ؟ އެއީ ހަމައެކަނި ގަޢުމުގެ ސަރަހައްދުތައް ބޭރުމީހުންގެ ކިބައިން ރައްކާތެރިވުމާއި އެކަން ރަމްޒްކޮށްދޭ ދިދައެއް ނަގާފައި ހުރުން ހެއްޔެވެ؟ ނޫނެކެވެ. މީހެއްގެ މިނިވަންކަމަކީ، މަހުލޫގާތުތަކުގެ އަޅުވެތިކަމުން އެއްކިބައިވެ ﷲ އަށް އެކަނި އަޅުވެތިވުމެވެ. ދީނުގެ ތަޢުހީދުގެ ކަލިމަ ޝައްކެއްނެތި ޤަބޫލު ކުރުމާއެކު އެކަލާނގެ އެންގެވިގޮތައް އަމަލުކުރުމެވެ. ގަޢުމެއްގެ މިނިވަންކަމަކީ ދިރިއުޅޭ ގަޢުމުގެ ސަރަހައްދުތައް ބޭރުމީހުންގެ ކިބައިން ސަލާމަތްވެ އޮތުމެވެ. އެމީހުންގެ ނުފޫޒެއް ނެތި އެގައުމެއްގެ ރައްޔިތުންނަށް ގަޢުމު ހިންގުމުގެ ފުރިހަމަ ބާރު އޮތުމެވެ.
45 ވަނަ އަހަރީ ދުވަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ފުރިހަމަ މިނިވަންކަންތޯ ނުވަތަ ފުރިހަމަ މިނިމަސް ކެއުންތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުޢާލެކެވެ. މީހެއްގެ މިނިވަންކަން އަޅުގަނޑު މާނަ ކުރާގޮތް އިސްވެ ހިނގައްޖެވެ. އެހެންކަމަށް ވާނަމަ، އެހެންމީހުންނަށް އުނދަގޫވާ ގޮތަށް އުޅުމާއި، މީހުންގެ އަބުރާ ބެހުމާއި، މުޖުތަމަޢުގައި، ފިޠުނަ ފަސާދަ އުފެދޭ ކަންތައްތަކަކީވެސް ހަމަ މިނިވަންކަމޭ ބުނެވޭނެ ހެއްޔެވެ؟ މިނިވަންކަމުގެ ނަމުގައި، އެންމެހައި ނުބައި ފާހިޝް ޢަމަލުތަކަށް އަރާގަތުމަކީ މިނިވަންކަމެކޭ ނުކުޔޭނެއެވެ. މިނިވަންކަމުގެ ނަމުގައި މިހިންގާ ގޯސް އަމަލުތަކަކީ ހަޤީގީ މިނިމަސް ކެއުންކަން ކަށަވަރެވެ. އެއީ ހައްތާވެސް ޠާއޫތައް އަޅުވެތިވުމުގެ އަލާމާތެވެ. އެއީ ހަޤީޤީ މިނިވަންކަން ގެއްލިގެން ދާ ކަންތައް ތަކެވެ.
އަޅުގަނޑުމެންގެ މިރާއްޖެއަށް ތަޢާރަފް މިވާ ޤާނޫނު އަސާސީގައި އަޅުގަނޑުމެންނަށް މިވަނީ އިންތިހާއަށް، މިނިވަންކަން ދީފައެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ އެ ޤާނޫނު އަސާސީގައިވާ “މިނިވަންކަން” މިލަފްޒު އެކަންޏެވެ. ހަމަ އެޤާނޫނު އަސާސީގައި އެހެންމީހުންގެ ހައްޤުތަށް އަރާނުގަނުމަށް ބުނެފައިވާ މާއްދާ ނުފެންނަނީ ކީއްވެހެއްޔެވެ. މީހުންގެ މުދަލާއި އަބުރަށް ރައްކާތެރިވުމަށް ބުނެފައިވާ މާއްދާ ނުފެންނަނީ ކީއްވެހެއްޔެވެ. ޝުއޫރު ފާޅުކުރާނެ ވަގުތުތަކާއި ތަންތަން އަދި އެ ޝުއޫރު ފާޅުކުރާނެ ގޮތް ބުނެދީފައިވާ މާއްދާ ނުފެނުމަކީ ވަރަށް ދެރަކަމެކެވެ. ހިތާމަކުރަންޖެހޭ ކަމަކީ، މިނިވަންކަމުގެ އިންފާރުތައް ޤާނޫނުގައި ބުނެދީފައި ވާއިރު، މަރުވެފައިވާ އަޅުގަނޑުމެންގެ އަޚުންގެ މުޅަމަސް ކެއުމުގެ ގޯސް އާދާ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމަކީ ވަރަށް ހިތާމަވެރިކަމެކެވެ.
ޤާނޫނު އަސާސިގައިވާ މިނިވަންކަމުގެ މާއްދާއަށް ބަލާގެން ޝުޢޫރު ފާޅުކުރަމުން ދާއިރު، ގާނޫނު އަސާސީގައި އެއްވުންމަނާ ތަންތަން ކަމުގައިވާ ރައްޔިތުން މަޖުލީސް ކުރާގެއާއި ޝަރުޢީ ކޯޓް ތަކާއި ރައީސް އަދި ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅު ދޮށަށް ސިޔާސީ ޕާޓީތަކުން މިނިވަންކަމުގެ ނަމުގައި، ޢާއްމުންނަށް އުނދަގޫވާ ގޮތަށް އެއްވެ، ޝުޢުރު ފާޅުކޮށް ހަމަނުޖެހުން އުފަދަމުން ދާކަމީ ހިތާމަހުރިކަމެކެވެ. އެހެންކަމުން މިދަނޑިވަޅުގައި، މިނިވަންކަމުގެ ނަމުގައި މިނިމަސް ކަމުން ގެންދާ އެންމެހާފަރާތްތަކަށާއި މިނިކާވަގުގެ އުސޫލުތައް ހަރުލާފައިވާ ފަރާތްތަކަށް އެފަދަ ކަންތައްތައް ކުރުން ހުއްޓާލުމަށް ގޮވާލަމެވެ. އަދި ހަޤީގީ މިނިވަންކަމާއި ދިމާލަށް ދިޢުމަށް އަތުކުރި އޮޅާލުމަށްވެސް ގޮވާލަމެވެ.
އަޅުގަނޑުގެ ދުޢާއަކީ،  މިދިވެހި ބިމަށް އަދަށް ވުރެ ފަހި މާދަމައެއް ދެއްވާ ފުރިހަމަ މިނިވަންކަމުގައި ދިރިއުޅުމުގެ ތައުފީޤު އަޅަމެންނަށް ﷲ މެދުވެރި ކޮށްދެއްވުމެވެ. އާމީން!

No comments:

Post a Comment