ﷲ ތަބާރަކަ ވަތަޢަލާ ދުނިޔެއަށް ޙަލްޤުކުރެއްވި ކޮންމެ އެއްޗެއްވެސް ލައްވަވާފައިވަނީ ދެޖިންސުންނެވެ. ފިންޏާއި ހޫނު، ކަޅާއިހުދު، ފޮންޏާއި ލޮނު އަދި އަންހެން ފިރިހެން މިގޮތަށެވެ. ﷲ ތަޢަލާގެ ޙިކުމަތްވަންތަކަން ނިކަން ވިސްނާ ފިކުރު ކޮށްލަބަލާށެވެ.
އަޅުގަނޑުމެން އިންސާނުންނަށް ނަޒަރު ހިންގާއިރު، އަޅުގަނޑުމެން ފިރިހެނުން އަންހެނުންނަށް ބޭނުންވެއެވެ. އެހެންނަމަވެސް އިސްލާމްދީން އައުމުގެ ކުރިއަށް ނަޒަރު ހިންގާލާފިނަމަ ފެނިގެންދަނީ އަންހެނުންނާއި ދޭތެރޭ ކަންތައްތައް ކޮށްފައިވާ އިހާނަތި ގޮތްތަކެވެ. އެއީ ލޮލުން ލޭކަރުނަ ހިލިގެންދާހާ ވަރުގެ މަންޒަރުތަކެކެވެ. އެހެންނަމަވެސް މިހުރިހާ ކަމެއް ވަނީ އިސްލާމްދީން އައުމަށްފަހު، މުޅިން ބަދަލުވެފައެވެ.
އަޅުގަނޑުމެން އިންސާނުންނަށް ނަޒަރު ހިންގާއިރު، އަޅުގަނޑުމެން ފިރިހެނުން އަންހެނުންނަށް ބޭނުންވެއެވެ. އެހެންނަމަވެސް އިސްލާމްދީން އައުމުގެ ކުރިއަށް ނަޒަރު ހިންގާލާފިނަމަ ފެނިގެންދަނީ އަންހެނުންނާއި ދޭތެރޭ ކަންތައްތައް ކޮށްފައިވާ އިހާނަތި ގޮތްތަކެވެ. އެއީ ލޮލުން ލޭކަރުނަ ހިލިގެންދާހާ ވަރުގެ މަންޒަރުތަކެކެވެ. އެހެންނަމަވެސް މިހުރިހާ ކަމެއް ވަނީ އިސްލާމްދީން އައުމަށްފަހު، މުޅިން ބަދަލުވެފައެވެ.
ޤަދީމީ ޒަމާނުގައި، އަންހެނާއާ މެދު ދެކެވިފައި ވަނީ އެކަނބަލުންނަކީ، ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލާތެއްކަމުގައެވެ. އަނބިމީހާއަކީ ފިރިމީހާގެ ގެއަށް ލައިގެންފައިވާ ސުންޕާއެއް ކަމުގައި ދެކެއެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ، ހުވަފަތް އަނބިމީހާ އުޅެން ޖެހެނީ ފިރިމީހާގެ ގޭގައި ޤައިދުވެ، އެގޭގެ ނޯކަރެއްކަމުގައެވެ. އަދި އަންހެނުންނަކީ ތަސައްރަފު ފުދޭ ބައެއް ކަމަކަށް ނުދެކެއެވެ. އެހެންކަމުން އެއްވެސް ހައްގެއް އެމީހުންނަކަށް ލިބިފައެއް ނެތެވެ. އަދި އެމީހުންނަކީ ޝައިތާނާގެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެއް ކަމުގައި ދެކެއެވެ. އަދި ބޮޑެތި މުސީބާތްތައް ކުރިމަތިވާހިނދު އިލާހުންނަށް ކުރެވޭ ޤުރުބާނެއް ކަމުގައި އަންހެނުން ފިދާކުރެއެވެ. އަންހެނުންނަކީ ގަނެވިއްކޭ މުދަލެވެ. ބައްޕަ ދޫކުރި ހުރިހާ އަންހެނުންނެއް ދޮށީ ފިރިހެން ދަރިފުޅަށް ވާރުތަވެއެވެ. ފިރިމީހާ މަރުވެއްޖެނަމަ ގޭތެރޭގައި އެކަހެރި ތަނެއްގައި އެއްއަހަރު ދުވަހު ހިތާމަފާޅު ކުރަންޖެހެއެވެ.
އިސްލާމްދީން އައުމުގެކުރިން އަންހެނުންނަކީ އެއްވެސް އަގެއްހުރިބައެއް ނޫނެވެ. މިކަމަށް އިޝާރާތްކޮށް އުމަރުގެފާނު ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް އެއްޗެއްކަމުގައި އަހަރެމެން ނުދެކެމެވެ.”
އެހެންނަމަވެސް އިސްލާމްދީން އައުމަށްފަހު ވަނީ މިހުރިހާކަމެއް އެކޮޅުކޮޅުން ޖަހާލާފައެވެ. ދިރިހުއްޓާ އަންހެންދަރިން ވަޅުލުމާއި، މުއުތާކާވެނި ވަނީ ހަރާމް ކުރައްވާފައެވެ. އަދި ޙައިޟުގެ ދުވަސްވަރު އެކަނބަލުން ބާކީ ކޮށްލުކުގެ ބަދަލުގައި، އެދުވަސްވަރު އެކަނބަލުންނަށް އެހީތެރިވުމާއި، ފިރިހެނުންނެކޭ އެއްފަދައިން ވާޞީއަތާއި ތަރިކަމުދަލުން ލިބޭގޮތަށް ވަނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން އިސްލާމްދީނުގައި އަންހެނުން ހިމާޔަތް ކުރައްވާފައިވާ މިންވަރަށް ދުނިޔޭގެ އެއްވެސް ގާނޫނެއްގައި އެކަނބަލުން ހިމާޔަތް ކޮށްފައި ނުވެއެވެ.
އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފަހަކަށް އައިސް އިވިގެން މިދަނީ އަންހެނުން ހިމާޔަތްކުރާވާހަކަ، އެކަނބަލުންނަށް ހާއްޞަ އަހައްމިއްޔަތެއް ދޭވާހަކަތަކެވެ. ހުޅަނގުގެ ގައުމުތަކާއި އެއްގޮތަށް އެކަނބަލުންނަށް ކަންތައްތައް ކުރަންޖެހޭނެ ކަހަލަ ގޮތަކަށް ވާހަކަ ތައް ދެކެވޭތަނެވެ. އަންހެނުން ހިމާޔަތް ކުރަން ހަދާގެން، އަޅުގަނޑަށް ސިފަވެގެން މިދަނީ ފިރިހެނުންނަށް ދޭންޖެހޭ ހައްގުތައް ގެއްލެމުންދާ ގޮތަށެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު ވަޒީފާއަކަށް ސިޓީ ލައިފިނަމަ މިހާރު، އެންމެ ފުރަތަމަވެސް ބަލަނީ އެ ސިޓީލީ އަނެހެނެއްތޯ ނުވަތަ ފިރިހެނެއްތޯ އެވެ. ފިރިހިނަކަށެވެއްޖާ ގިނަފަހަރަށް ވަޒީފާ ގެއްލި އެވަޒީފާ ލިބެނީ އަންހެން މީހާއަށެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ހަމަ ހަޤީގަތެވެ.
އިސްލާމްދީނަކީ ވަކިމީހަކަށް ވަކިގޮތަކަށް ކަންތައްކުރަން އޮންނަ ދީނެއްނޫނެވެ. އެއީ އަންހެނުންނާ ފިރިހެނުންގެ މެދުގައި ހަމަހަމަ ދީނެކެވެ. އެހެންނަމަވެސް އޭގެމާނައަކީ ފިރިހެނުން ކުރަންޖެހޭ މަސައްކަތްތައް އަންހެނުން ކުރަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ މީހަކަވެސް ޒިންމާތަކެއް ﷲ ތަބާރަކަ ވަތަޢަލާ ވަނީ ލައްވަވާފައެވެ. މިސާލެއްގެ ގޮތުން އާއިލާއެގެ މެންބަރުންގެ ޒިންމާތަކަށް ބަލާލަމާ ހިނގާށެވެ. އާއިލާއެއްގައި ފިރިމީހާގެ މައިގަނޑު ޒިންމާއަކީ ހަރަދު ދިނުމެވެ. އަނބިމީހާގެ މައިގަނޑު ޒިންމާއަކީ ފިރިމީހާގެ ކަންތައްތަކާއި ދަރިން ބެލެހެއްޓުމެވެ. ކަންމިހެން ހުރިއިރު، އަޅުގަނޑުމެންގެ ކަންތައްތައް ހުރިނެތްގޮތާމެދު ރަނގަޅަށް ވިސްނާފިކުރުކޮށްލާށެވެ.
އިސްލާމްދީނަކީ ވަރަށް މާތް ދީނެކެވެ. އަންހެނުންގެ ހައްޤުތައް ދިނުމަށް ފިރިހެނުންގެ ހައްގުތަކަށް އިހުމާލުވާ ދީނެއް ނޫނެވެ. ކުޑަކުދިންގެ ހައްޤުތައް އަދާކުރުމަށްޓަކައި ބޮޑެތިމީހުންގެ ހައްގުތައް ގެއްލުވާލަން ބާރުއަޅާ ދީނެއް ނޫނެވެ. އަޅުގަނޑުގެ ދުޢާއަކީ އިސްލާމްދީނުގައި ކަންތައްތައް ކުރަންޖެހޭ ގޮތަށް އަމަލުތައް ބަހައްޓާ ބައެއްގެ ގޮތުގައި އަޅަމެން ބެހެއްޓުމުގެ ތަޢުފީޤު ﷲ ދެއްވުމެވެ.
No comments:
Post a Comment