އިސްލާމީ ޝަރިޢަތުގައި ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢަމަލަކީ ފާފައެކެވެ. އެފަދަ ކަންކަމަކީ ކިތައްމެ ރަނގަޅު ނިޔަތެއްގައި ކުރިކަމެއް ނަމަވެސް ﷲގެ ރުހިވޮޑިގަތުން ލިބިގެން ނުދާނެ ކަންތައްތަކެވެ. އޭގެ ތެރޭގައި ބޮޑެތި ފާފައާއި ކުދިފާފަ ހިމެނެއެވެ. ކުދި ފާފައަކީ ﷲ ނަހީ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ވަޢީދުބަސްފުޅެއް އައިސްފައި ނުވާ އަދި ދުނިޔެމަތީގައި ޙައްދު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެކެވެ. ބޮޑެތި ފާފައަކީ ﷲ ނަހީ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ދުނިޔެމަތީގައި ޙައްދު ކަނޑައަޅުއްވާފައިވާ އަދި އަދި އާހިރަތުގައި ﷲ ގެ ވަޢީދުބަސްފުޅު ވާރިދުވެގެން އައިސްފައިވާ ކަންތައްތަކެވެ.
ބޮޑެތި ފާފައިފެ ތެރޭގައި ﷲ އަށް ޝަރީކުކުރުމާއި
ސިހުރު ހެދުމާއި އެއްވެސް ޙައްގަކާ ނުލައި މީހަކު މެރުމާއި ޤަޛުފުކުރުން ހިމެނެއެވެ.
ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ
وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ
الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ
اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ
الغَافِلاَتِ" މާނައީ”ތިޔަބައިމީހުން
ހަލާކުކޮށްލަނިވި(ބޮޑުވެގެންވާ) ހަތްކަމަކުން ދުރުވާށެވެ.” ދެންނެވުނެވެ. އޭ ރަސޫލާއެވެ.
އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ.“ ﷲއަށް ޝަރީކުކުރުމެވެ. އަދި
ޞިހުރު ހެދުމެވެ. އަދި ﷲޙަރާމްކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމެވެ. އަދި ރިބާކެއުމެވެ.
އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ.
އަދި މުއުމިނު ޢިއްފަތްތެރި ބަރީޢަވެގެންވާ އަންހެނާގެ މައްޗަށް ޒިނޭގެ ތުޙުމަތުކުރުމެވެ“.(ޞަޙީޙް ބުޚާރީ އަދި މުސްލިމް، ބުޚާރީގެ 2766 ވަނަ ޙަދީޘް)
ފާފަކުރުމަކީ ހިތް ފާސިދުވެގެން ދާކަމެކެވެ.
ހިތްފާސިދުވުމަކީ ހިތުގައި އީމާންކަމުގެ ނޫރު ނެތިގެންދާކަމެކެވެ. ނުވަތަ އެނޫރު
ފަނޑުވެގެން ދާކަމެކެވެ. އެހެންކަމުން ހިތްފަސާދަ ވެއްޖެނަމަ އެ ހިތަކީ އަލިކަން
ލިބިފައިވާ ހެޔޮކަމުގެ ހިތެއްކަމުގައި ވެގެން ނުދާނެއެވެ. އާޚިރު ނަތީޖާއަކަށް
ވެގެންދާނީ ހިތުގެ ތެރެއަށް ނުބައިކަންތައްތައް ހިތުގެތެރެއަށް ވަދެ، ގޯސްމަގުން
ދިއުމަށް މަގުފަހިވުމެވެ. ހަމައެހެންމެ އަޤޫބާތްތައް އައުމާއި، ރިޒުޤުން މަހުރޫމްވުމާއި،
ދަތިކަމާއި ނިކަމެތިކަމާއި ލަޢުނަތް ލެއްވުމާއި، ދުޢާ އިޖާބަނުވުމަކީ ފާފަކުރުމުގެ
ސަބަބުން ކުރިމަތިވާ ނޭދެވޭ ކަންތައްތަކެވެ.
ކަންމިހެން ހުރުމާއެކު ފާފަކުރެވުމުން ފާފަކުރުންމަތީ
ދެމިހުރުމުގެ ބަދަލުގައި ތަޢުބާވުމަށް އަވަސްވެ ގަންނާށެވެ. ﷲ ތަބާރަކަ ވަތަޢަލާއީ
ގިނަ ގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. سورة الزمر ގެ 53 މާތް ﷲ ވަހީ ކުރައްވާފައި
ވެއެވެ. " قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ
أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ
الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ" މާނައީ " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން
اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން،
އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." އަދިވެސް ސޫރަތުއް ނިސާއުގެ
31 ވަނައާޔަތުގައި ﷲ ވަހީ ކުރައްވާފައި ވެއެވެ. " إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ
سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا" މާނައީ " ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ
ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި
ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ
ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ."
ތަޢުބާވުމަކީ ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުން އެދި ﷲ ގެ
ޙަޟްރަތުގައި ދެންނެވުމެވެ. ޞައްޙަގޮތުގައި ތަޢުބާވުމަށްޓަކައި ފުރިހަމަވަންޖެހޭ ހަތަރު
ޝަރުތެއް ވެއެވެ. އެއީ ފާފަކުރެވުމުން އެކަމާ ހިތާމަކޮށް ދެރަވުމާއި، ކުރަމުންދިޔަ
ފާފައެއްކޮށް ދޫކޮށްލުމާއި، އެފާފަ ނުކުރުމަށް އަޒުމުކަނޑައެޅުމާއި، އިންސާނެއްގެ
ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމުން ބަރީއަވުމެވެ.
އަޅަމަނީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ
ބަޔަކުކަމުގައި ޢަޅަމެން ލައްވާށި! އާމީން!
No comments:
Post a Comment