16 July 2010

ކްރޭކިންގް އިހަވަންދޫ ނިއުސް


އަޙްމަދު ޢާސިމް / އުންމީދު ހއ.އިހަވަންދޫ
ތަޢާރަފް:
އިހަވަންދޫއަކީ އިހަވަންދޫގެ ނިސްބަތުން ވަރަށް ގިނަގުނަ ލިޔުންތެރިން އުފެދިފައިވާ އެއްރަށެވެ. އެހުނަރު އެންމެ ގިނަބަޔަކަށް ފެންނަމުން ދާނީ އިހަވަންދޫގައި ހިންގާ އޮންލައިން ޕޯރޓަލްތަކުންނެވެ. ހަމަގައިމުވެސް ރާއްޖޭގައި ، އެއްރަށަކަށް ނިސްބަތްވާ އެންމެގިނަ ސައިޓުތައް ހުރި ރަށަކަށް މިހާރުވާނީ އިހަވަންދޫއެވެ.

މިސައިޓުތަކުގެ ތެރެއިން މިފަހަކަށް އައިސް އެންމެބޮޑަށް ފާހަގަކުރެވެނީ އިހަވަންދޫ ނިއުސް ޑޮޓް ކޮމްއެވެ. އެސައިޓަކީ މިއަހަރު އުފެދިފައިވާ ސައިޓެއްކަމަށް ވިޔަސް އެސައިޓުގައި، މިހާތަނަށް ދިޔައިރު އެތައް ވައްތަރެއްގެ އެތައް ލިއުމެއްވަނީ ޝާއިޢުކޮށްފައެވެ. ބަސްމަގުގައި ފަށުވި ޢިބާރާތްތަކެއް ގެންގުޅޭ އެސައިޓު އެކިމީހުންގެ އިހްސާސްތަކާއި ކުޅެލަނީ އެކިގޮތަށެވެ. އެސައިޓުގެ ލިއުންތަކަކީ އެއްބަޔެއްގެ ހިތްތަކަށް ހަމަޖެހުމާއި ހާއުފާވެރިކަން ގެނުވައިދޭ، ނަމަވެސް އަނެއްބަޔެއްގެ ހިތްތަކަށް ހަރާލާ ތޫނު ހަންޖަރެއް ފަދަ ލިއުންތަކެކެވެ. އިހަވަންދޫ ނިއުސް ބޮޑަށް ފާހަގަކުރެވެނީ އެކިބާވަތްބާވަތުގެ ލިއުން ލީކުކުރާ ސައިޓެއްގެ ގޮތުގައެވެ. މިގޮތުން މިހާރުވަނީ އިހަވަންދޫގެ އެކިއެކި “ބޮޑުން” ލިއެފައިވާކަމަށް ބުނާ އެތައްސިޓީއެއް ލީކުކޮށްލާފައެވެ.

މަޤްސަދު:
މި ރިޕޯރޓުގެ މަޤުޞަދަކީ އުޚުރަވީ ޙަޔާތުގެ މަތިން ހަނދުމަނެތި، ދުނިޔޭގެ އެދުމާ ފައިދާ ޙަޞިލްކުރުމުގެ އަވާގައި ޖެހި، އިހަވަންދޫއަށް ނިސްބަތްވާ ބަޔަކު، ސައިޓެއް ހަދައިގެން އެ ސައިޓުގެ ޒަރީޢާއިން މީހުންގެ ޢަބުރާ ޢިއްޒަތްނަގާލައި، ރަށުގައި ފިތުނައިގެ ނުރައްކާތެރި އަލިފާން ރޯކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮންނަން ޖެހޭނޭ އިތުބާރާ ޔަޤީންކަން ނަގާލުމުގެ ވިޔާނުދާ ވިސްނުމުގައި ފިލާތިބެގެން ކުރަމުންދާ މަސައްކަތްތަކުން އިހަވަންދޫގެ ޞުލްޙަވެރި ވެށި ދާއިމަށް ދެމިގެން ދާނޭހެން، އިހަވަންދޫގެ ލޮބުވެތި އަފްރާދުންގެ ޢަމަލުތައް ސީދާކޮށްދިނުމުގެ މާތް މަޤުޞަދުގައި، މިދެންނެވި ޣާފިލުކަމުގައި ތިބި މީހުން ހޭލައްވާލުމަށް އެކުލަވާލެވުނު ރިޕޯރޓެކެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ކަރާމާތްތެރި ނަފްސަށް މިރިޕޯރޓުގެ ސަބަބުން ކުޑަނަމަވެސް ގެއްލުމެއް ވުމަކަށް އަޅުގަނޑެއް ނޭދެމެވެ.

އިހަވަންދޫނިއުސް ހިންގަނީ ކީއްކުރަންކަމަށް އެމީހުން ބުނާ މަޤްސަދު:
“އަޅުގަނޑުމެންގެ މަޤުޞަދަކީ އިހަވަންދޫގެ ޚަބަރުތައް އޭގެ އެންމެ ތާޒާކަން މަތީ އިހަވަންދޫގެ ލޮބުވެތި ދަރިންނާ ހަމައަށް ވާޞިލްކޮށްދީ، އިހަވަންދޫގެ ކޮންމެ ރައްޔިތަކީވެސް ޒިންމާދާރު ފަރާތެއްކަން ހަނދުމަފުޅުކުރުވައި، އެފަރާތްތުގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ، މަގުދެއްކުމުށްޓަކައި އެފަރާތްތަކަށް ފާރަވެރިވުމެވެ. އެއްވެސް ޙާލެއްގައި އަދި އެއްވެސް ސިފައެއްގައި އެއްވެސް ފަރާތެއްގެ ޢަބުރާއި، ޢިއްޒަތަށް ހުތުރުވާ ޒާތުގެ އެއްވެސް ޢަމަލެއްގެ މެދުވެރިޔަކަށް މި ސައިޓު ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ކިޔުން ތެރިންނަށް އަރުވަމެވެ. އަދި މިސައިޓުގައި ޝާއިޢުކުރާ ލިޔުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ މިނިވަން ނަފްސަށް ކުޑަނަމަވެސް އުނިކަމެއް އައުމަކީ އަޅުގަނޑުމެން އެކަމުގައި ޒިންމާވާނެ ކަމެއް ނޫންކަމުގައި ދަންނަނަވަމެވެ.”

އެހެނަސް ބަސްމަގުގައި ކިތަންމެ ސާދާ ފަށުއި ޢިބާރާތަކުން އިހަވަންދޫ ނިވްސްގެ މަޤުޞަދު ބަޔާންވެފައި ވީ ނަމަވެސް އެބައިމީހުންގެ ޢަމަލުތަކުން އެބައިމީހުންގެ ޙަޤީޤީ މަޤުޞަދު އެއްވެސް އިހަވަންދޫ ދަރިޔަކަށް އޮޅިފައެއް ނުވާނެއެވެ. ވީމާ އެބައިމީހުން މަޤުޞަދުކަމަށް ބުނާ ޚިޔާލީ ޖުމްލަތަކާ، އެބައިމީހުން ޢަމަލުތައް އަޅާކިޔާލުމުން އެބައިމީހުންގެ މަޤުޞަދަކީ “ދެއުޅިއެއްނުވާ ބުހުތާނެއްކަން” ޔަޤީނެވެ.

އިހަވަންދޫ ނިއުސް ފޭސްބުކުގައި:
އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އިހަވަންދޫ ނިއުސް ޕުރޮމޯރޓް ކުރުމަށް އެންމެ ބޮޑަށް ބޭނުންކުރެވޭ ހަތިޔާރަކީ ފޭސްބުކެވެ. އެގޮތުން އެފަރާތުން އިހަވަންދޫ ނިއުސްގެ ނަމުގައި ގުރޫޕެއްދަނީ ފޭސްބުކްގައި ހިންގަމުންވެ. އަދި އިހަވަންދޫ ހަބަރުގެ ނަމުގައި އެކްޓިވް ޔޫސާރއެއްވެސް ދަނީ ފޭސްބުކުގައި ރަސްކަންކުރަމުންނެވެ. އަޅުގަނޑު ގާތުގައިވެސް، އެތައް ފަހަރެއްގެ މަތިން، އެސައިޓާ ގުޅުމަށާއި އެސައިޓައް ލިއުންފޮނުވުމަށް، އިހަވަންދޫ ހަބަރުވަނީ އެދިފައެވެ.

އިހަވަންދޫ ނިއުސްގައި ލީކުކޮށްފައިވާ ސިޓީތައް:
އެސިޓީތަކާ ގުޅޭގޮތުން ދަންނަވަމެވެ. އެސިޓީތަކަކީ ނުހަނު ސެންސިޓިވް އަދި އެތައްބައެއްގެ ޙައްޤުތަކާއި ގުޅިފައިވާ ސިޓީތަކެކެވެ. ކޮންމެ ސިޓީއަކަށްވެސް ވަކިވަކިން ބަލާލާނަމެވެ.

ސުކޫލްބޯރޑް އުވާލުމަށްއެދި އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް މުހައްމަދު ފިރާޟް ލިއެފައިވާކަމަށް ބުނާ ސިޓީއާއި، ސްކޫލް ސްޕަވިޒަން ޓީމުން ނެރެފައިވާ ރިޕޯރޓެއް ކަމަށް ބުނާ ރިޕޯރޓާއި، އެ ރިޕޯރޓަށް ރައްދުދެއްވައި ސްޓޭޓް މިނިސްޓަރަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީ

ފާހަގަކުރެވުނު ނުގުތާތައް:
- ސްކޫލްބޯރޑް އުވާލުމަށް އެދި ފޮނުވާފައިވާ ސިޓީއަކީ ސްކޫލުގެ ލެޓަރ ހެޑްގައި ލިޔެފައިވާ ސިޓީއެއްކެވެ. އެހެނީ އެސީޓީގެ ސޮފްޓު ކޮޕީ އަޅުގަނޑަށް ވަނީ ލިބިފައެވެ. އެ ކޮޕީއިން ފާހަގަ ވެފައިވާ ގޮތުގައި، އެ ސިޓީގެ ލެޓަރ ހެޑްގައިވާ ތާރީޚް ވަނީ އޮޓަމެޓިކުން އަޕްޑޭޓްވާ ގޮތަށެވެ. އަޅުގަނޑަށް ކަށަވަރު ވެފައިވާ ގޮތުގައި އިހަވަންދޫ ސްކޫލުގެ ލެޓަހެޑް ބައްޓަން ކުރެވިފައިވަނީ އޮޓޮމެޓިކުން ޑޭޓް އަޕްޑޭޓް ވާގޮތަށެވެ. އަދި އެސައިޓަށް ލާފައިވާ ސިޓީގައިވެސް އެ ސިޓީގެ ތާރީޚްކަމަށް ބުނެފައި ވަނީ އެސިޓީ އެސައިޓަށް އަޕްލޯޑްކުރި ތާރީޚެވެ. އެހެންކަމުން އެއިންވެސް އެނގެނީ އެސައިޓް ހިންގާ މީހުންގެ އަތުގައިވަނީ ސޮފްޓުކޮޕީއެއް ކަމެވެ. އަޅުގަނޑަށް އެސިޓީގެ ސޮފްޓު ލިބިފައިވަނީ އެލިޔުމުގެ ކޮމެންޓެއްގެ ގޮތުގައި އެސައިޓުން ދީފައިވާ ލިންކަކުންނެވެ.

- ސްޕަރވިޒަން ޓީމުން ނެރެފައިވާ ރިޕޯރޓަށް ރައްދު ދެއްވައި ޕްރިންސިޕަލް މުޙައްމަދު ފިރާޒް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީ ލިޔެފައިވާ ތާރީޚަކީ 6 ޖުލައި އެވެ. އެސިޓީ އެސައިޓަށް ލާފައިވަނީ ހަމަ އެރޭ 1:25 ގައެވެ. މިއީ ބޮޑު ސުވާލެކެވެ.

- ސްޕަރވިޒަން ޓީމުން ނެރެފައިވާކަމަށް ބުނާ ރިޕޯޓެއް އިހަވަންދޫ ނިވްސްއަށް ލިބެންވީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑަށް ކަށަވަރުވެފައިވާ ގޮތުން އެ ރިޕޯރޓަކީ ޞައްޙަ ރިޕޯރޓެކެވެ.

- ސްޕަރވިޒަން ޓީމުން ނެރުނު ރިޕޯރޓާއި، އެ ރިޕޯރޓަށް ރައްދު ދެއްވައި ޕްރިންސިޕަލް ފޮނުވިކަމަށް ބުނާ ސިޓީ އެ ސައިޓުގައި ޝާއިޢުކޮށްފައިވަނީ ދާދި އެއްވަގުތެއްގައެވެ. މިއީވެސް ސުވާލެކެވެ.

ޕުރިންސިޕަލްގެ ބަސްދީގަތުން
އަޅުގަނޑު: ސުކޫލް ބޯރޑް އުވާލުމަށްއެދި އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް މުހައްމަދު ފިރާޟް ލިއެފައިވާކަމަށް އިހަވަންދޫނިއުސްގައި ބުނާ ސިޓީއަކީ ސައްހަ ސިޓީއެއްތަ؟

ޕުރިންސިޕަލް: އަޅުގަނޑު ޕުރޮވިންސް އޮފީހަށާއި އެޑިޔުކޭޝަން މިނިސްޓުރީއަށް ވަރަށް ގިނަ ސިޓީތައް ފޮނުވަން. ފޮނުވަނީ ސީދާ އެއޮފީސްތަކަށް

އަޅުގަނޑު: ސުކޫލް ބޯރޑް އުވާލުމަށްއެދި ތިބޭފުޅާ ލިއެފައިވާކަމަށްބުނާ ސިޓީއަކީ ސައްހަ އެއްޗެއްތަ ނޫންތަ!

މިސުވާލަކަށް ސީދާ އެބުފުޅާ ޖަވާބެއް ނުދެއްވަ އެއީ ސައްހަ އެއްޗެއްކަމެއް ނުވަތަ ނޫންކަމެއް ނުބުނެ އެހެންނަމަވެސް ސުކޫލު ބޯޑު އުވާލުމަށް ސިޓީއެއްފޮނުވާ ފައިވާނޭކަމަށް އެބޭފުޅާ އެއްބަސްވެލެއްވިއެވެ.

އަޅުގަނޑު: ސުކޫލު ލެޓަހެޑުގައި ލިޔެފައިވާ ސިޓީއެއްގެ ސޮފްޓުކޮޕީ ނިއުސްއަށް ދިޔައީ ކިހިނެއްތަ؟

ޕުރިންސިޕަލް: ރަނގަޅަށް ބައްލަވާ؟ ސުކޫލު ލެޓަރ ހެޑިންގަތޯ އެލިޔުން ލިޔެފައިވަނީ.

އަޅުގަނޑު: ސުކޫލު ލެޓަހެޑުގައި ލިޔެފައިވާ ސިޓީއެއްގެ ސޮފްޓުކޮޕީ ނިއުސްއަށް ދިޔައީ ކިހިނެއްތަ؟ ތަކުރާރު ކޮއްލީމެވެ.

ޕުރިންސިޕަލް: އަޅުގަނޑުގެ ކޮންޕިޔުޓަރުގައި ހުންނަތަކެތި އެހެން މުއައްޒަފުން ބަލާކަން ޕުރިންސިޕަލަށް އެނގޭ! އަދި ނަހަމަ ގޮތުގައި އެފަދަ ކަންތައްތައް ކުރާމީހުންނަށް ފިޔަވަޅު އަޅަމުން މިދަނީ! މިހާރުވެސް އަޅަމުން މިދަނީ އެފަދަ މުއައްޒަފުންގެ ވަޒީފާވެސް ބަދަލުކޮށްފައިވާނެ! އަދި ކުރިއަށް އޮތްތާނގައި ފުލުހުން ވައްދާގެންވެސް މައްސަލަތައް ބަލާނަން އެފަދައިން ނަހަމަގޮތުގައި ބޭނުން ކުރަންޏާ!

އަޅުގަނޑު: ތިބޭފުޅާގެ ކޮންޕިޔުޓަރު ބެލޭނީ ކޮންމުއަށްޒަފުންނަކަށް؟

ޕުރިންސިޕަލް: ހަމައެކަނި އިދާރީ މުއައްޒަފުންނަށް!

މިގޮތަށް ވާހަކަދައްކަވަމުން ޕުރިންސިޕަލް ވިދާޅުވީ، މިހާރުވަނީ ސުކޫލް ބޯޑު އުވިފާކަމަށެވެ.

މީގެ އިތުރުން އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގައި، އެގޮތަށް ޕުރިންސިޕަލްގެ ލިޔުންތައް ބެލޭނީ އިދާރީ ބަޔާ ޝެޔާ ކޮއްފައިވާ ފޯލްޑަރގައި އެސިޓީ ހުރިނަމައެވެ. އިހަވަންދޫ މަދަރުސާގެ ނަންހާމަކުރަން ބޭނުންނުވާ އިދާރީ މުއަށްޒަފަކު ބުނެފައިވަނީ އިހަވަންދޫ ނިއުސްގައި ޝާއިއުކޮށްފައިއެވާ ޕުރިންސިޕަލްގެ ސިޓީގެ ސޮފްޓެއް ފެނިފައިވާ ކަމަށާއި ދެ ސިޓީގެ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެހެންކަމަށް ވާނަމަ މިސިޓީ އިހަވަންދޫނިއުސްއަށް ލިބުނީ ކިހިނެއްހެއްޔެވެ؟

ސުކޫލްބޯރޑް އުވާލުމަށްއެދި އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް މުޙައްމަދު އަބުދުއްޞަމަދު ލިއެފައިވާކަމަށް ބުނާ ސިޓީ


މިސިޓީއާ ގުޅޭ ގޮތުން ޑެޕިއުޓީ ޕްރިންސިޕްލް ދެއްވާފައިވާ ބަސްދީގަތުން


އަޅުގަނޑު: ސުކޫލް ބޯރޑް އުވާލުމަށްއެދި އިހަވަންދޫ ސުކޫލުގެ ޑެޕިޔުޓީ ޕުރިންސިޕަލް މުހައްމަދު އ.ޞަމަދު ލިއެފައިވާކަމަށް އިހަވަންދޫ ނިއުސްގައި ބުނާ ސިޓީއަކީ ސައްހަ ސިޓީއެއްތަ؟

ޑެޕިޔުޓީ ޕުރިންސިޕަލް: ސާރ އަކަށް ނޭނގެ އިހަވަންދޫނިއުސްގައި ސިޓީއެއް އޮތްކަމެއް

އަޅުގަނޑު: އެހެންވީއިރު، ސުކޫލް ބޯރޑް އުވާލުމަށްއެދި ސިޓީއެއް ލިއެފައިވާނެތަ؟

ޑެޕިޔުޓީ ޕުރިންސިޕަލް: ނޫން އެފަދަ ސިޓީއެއް ލިޔެފައެއް ނުވާނެ ސާރ ނުލިޔަން އެފަދަ ސިޓީއެއް.

ނަންހާމަކުރަން ނޭދޭ އިދާރީ މުއަށްޒަފަކު ބުނެފައިވަނީ ޕުރިންސިޕަލް ބޭރުގައި ހުންނަވާ، ސުކޫލުބޯޑު އުވާލުމަށް އެދި ލިޔެފައިވާ ސިޓީ ޑެޕިޔުޓީ ޕުރިންސިޕަލް މުހައްމަދު ޢަބްދުއްޞަމަދު ލައްވާ ސޮއިކުރުމަށް ބުނިކަމަށާއި އެކަމަކު އެސިޓީގައި އެބޭފުޅާ ސޮއި ކޮށްފައި ނުވާކަމަށެވެ.

ސުކޫލްބޯރޑް އުވާލުމަށްއެދި އިހަވަންދޫ ކައުންސިލަރ (ސްކޫލް ބޯރޑުގެ ވައިސް ޗެއަރ ޕާސަން) މުޙައްމަދު ރަޝީދު ލިއެފައިވާކަމަށް ބުނާ ސިޓީ

މި ސިޓީއާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލަރ ދެއްވި ބަސްދީގަތުން

އަޅުގަނޑު: ސުކޫލް ބޯރޑް އުވާލުމަށްއެދި އިހަވަންދޫ ކައުންސިލަރު މުހައްމަދު ރަޝީދު ލިޔެފައިވާ ސިޓީ އެއް ލިޔުނިންތޯއެވެ؟

ކައުންސިލަރ: އިހަވަންދޫ ކައުންސިލަރ ނަމުގައި އެފަދަ ސިޓީއެއް ނުލިޔަން. އެހެންނަމަވެސް ސުކޫލްބޯރޑުގެ ވައިސް ޗެއާރ ޕާސަންގެ ނަމުގައި މިނިސްޓުރީއަށް ސިޓީއެއް ފޮނުވިން.

އަޅުގަނޑު: އެހެންވީއިރު އިހަވަންދޫ ނިއުސްގައި އެވާ ސިޓީއަކީ ޞައްހަ ސިޓީއެއްތަ؟

ކައުންސިލަރ: ތިސިޓީއެއް އަދި ނުފެނޭ. އަޅުގަނޑު މާގިނައިން ނިއުސްއަކަށް ނުވަންނަން. އެހެންވީއިރު ނޭނގެ އެއްބުނާކަށް ބަލައިފައި ފަހުން އަންގާލާނަން.

އަޅުގަނޑު: ސޮފްޓު ކޮޕީ އެމީހުންނަށް ލިބުނީ ކިހިނެއް؟

ކައުންސިލަރ: އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ލިޔެފައިވާ އެއްޗެއް އޮފީހުގެ ކޮމްޕިޔުޓަރަކުން ނުލިޔަން. ލިޔުނުކަމުގައި ވިޔަސް ވަގުތުން ޑިލީޓް ކޮށްލަން. އަޅުގަނޑުގެ ޕާސަނަލް އެއްޗެހި ލިޔަނީ އަޅުގަނޑުގެ ލެޕުން އާމުކޮށް.

މީގެ އިތުރަށް އިހަވަންދޫ ނިއުސްގައި، ކައުންސިލަރާ ހަވާލާދީ ލިޔެފައިވާ ލިޔުންތަކާ ގުޅޭ ގޮތުން ސުވާލުކުރުން ވިދާޅުވީ ރަސްމީ ސިފައެއްގައި، މިހާތަނަށް ހަމައެކަނި އިންޓަރވިއު ދީފައި ހުންނާނީ އިހަވަންދޫޑޮޓް ކޮމްއަށްކަމަށެވެ. އަދި އިހަވަންދޫޑޮޓްކޮމްއަކީ ކައުންސިލަރގެ ފެވަރައިޓުކަށެވެ. އެހެންނަމަވެސް ޗެޓުން އިހަވަންދޫ ހަބަރާ ދިމާވާކަމަށާއި އެވަގުތު ދިމާވެގެން ދެކެވޭ ވާހަކައަކީ އިންޓަރ ވީއެއްކަމަށް ނުދެކޭކަމަށްވެސް ވިދާޅުވިއެވެ.

ނިންމުން

މިއަށް ވުރެ ތިލަކޮށް އެސައިޓާގުޅޭ ގޮތުން އަޅުގަނޑުގެ ހިތުގައި ފޮރުވިފައިވާ ސިއްރުތައް ތިޔަކިޔުންތެރިންނާ މި އަށްވުރެ ތިލަކޮށް ގެނެސްފައި ނުވަނީ ހަމަ ޤަޞްދުގައެވެ. އެކަމުގައިވެސް ޙިކްމަތްތަކެއް ފޮރުވިފައި ވާނެއެވެ. ވާރަށް ބޮޑަށް މާފަށް އެދެމެވެ. މި މަޢުލޫމާތުގެ އަލީގައި ތިޔަފަރާތުގެ ޙިކްމަތު ޢަމަލީ ބޭނުންފުޅުކުރައްވާނެކަމަށް އުންމީދު ކުރަމެވެ.

ހަޤީގަތުގައި، ސައިޓުތަކުން ކުރަންވީކަމަކީ މީހުންކޮށްފައިވާ ގޯސްކަންތައްތައް ފާޅުކުރުމެއް ނޫނެވެ. އެހެންނަމަވެސް އެފަދަ މީހުން ރަނގަޅު މަގަށް ގެނައުމަށްޓަކައި ދީނީ އިޖުތިމާއީ ރޫހު އުފެދޭ ފަދަ ލިޔުންތައް ޝާއިއުކޮށް، ހޭލުންތެރިކުރުވުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިހަވަންދޫ ނިއުސްގެވެސް މަޤުސަދެއްގެ ގޮތުގައި އެކަން އޮންނާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ ހުރިހާ ރައްޔިތުން އެއްބައިވަންތަ ވުމުގެ ހެޔޮތަޢުފީޤު ﷲ އަޅަމެންނަށް މިންވަރުކޮށްދެއްވުމެވެ

No comments:

Post a Comment