05 September 2010

އިންސާނާ

- އަޙްމަދު އާޞިމް -

ކީރިތި ވަންތަ ﷲ ތަބާރަކަ ވަތަޢަލާ، ދުނިޔެ އުފައްދަވާ، އެތަނުގައި މަޚުލޫގާތްތަކުން ޚަލްޤުކުރައްވިއެވެ. އަދި އެހުރިހާ މަޚުލޫގާތްތަކުގެ ތެރެއިން އިންސާނުން މާތް ކުރައްވިއެވެ. އެއިންސާނާއަކީ ތަކުލީފު ލިބިގެންވާ މަޚުލޫގެކެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَلَقَدْ كَرَّمْنَا بَنِي آَدَمَ (سورة الإسراء 70)

މާނައީ” ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާދަމްގެ ދަރީންމާތް ކުރެއްވީމެވެ
. ”

ދެން އުފެދޭ ސުވާލު ތަކަކީ، އިންސާނާ މިވުޖޫދު ކުރެއްވި ސަބަބަކީ ކޮބައި ބާވައެވެ؟ އެއިންސާނާއަށް ތަކުލީފު ލިބިގެންވާ މަޚުލޫގެއްގެ ގޮތުގައި ލެއްވި ސަބަބަކީ ކޮބައިހެއްޔެވެ؟ މި ފަނާކުރަނިވި ޙަޔާތުގައި އޭނާގެ ރިސާލަތަކީ ކޮބައިހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތްގޮތުގައި، މިސުވާލުތަކާއިމެދު ފިކްރުކޮށް، ފުރިހަމަ ޖަވާބު ހޯދުމަކީ އެއިންސާނާގެ ބޮލުގައި އެޅިފައިވާ މައްސޫލިޔަތެކެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާ މިދުނިޔެއަށް ޚަލްޤުކުރެއްވުމުގެ ޙިކުމަތާއި، ލަނޑުދަނޑިއާއި، މިބިންމަތީގައި އޭނާގެ ރިސާލަތަކީ ކޮބައިކަން ނޭނގުންފިޔަވައި، ފަހެ ކޮންމެ ޖާހިލުކަމަކީވެސް، އެއިން ނުކުމެދާނެ ނަތީޖާ ކިތައްމެ ބޮޑުވިޔަސް، ފުހެވި ހިނގައިދާނެކަމެކެވެ.

އެންމެހައި މަޚުލޫގާތްތަކުގެ މައްޗަށް މާތް ކުރެއްވި އިންސާނާ، އެންމެބޮޑަށް ލަދުވެތި ވާންވީ ކަމަކީ، ޖާހިލުކަމުގެތެރޭގައި، ބަޅު އޫރުފަދައިން ކައިބޮއި އަރާމުކޮށްގެން، ތިމާގެ ފަނާވެދިއުމާއިމެދު ނުވިސްނުމެވެ. އަދި ނަފުސުގެ އަސްލާމެދު އެއްވެސް އެއްޗެއް ނޭނގި، ކުއްލިއަކަށް މަރުއައިސް ޖެހެންދެން އުޅުމެވެ. އެހެން ހުއްޓާ މަރުގެ ތުންފަތްމަތީގައި އެއިންސާނާ ވާހިސާބުން، މާޒީގައި އިސްރާފު ކުރެވުނު ވަގުތުތަކާއިމެދު ހިތާމަކޮށް ރޮއި ހެދިޔަސް، ކުރާނެ މަންފާއެއް ނޯންނެކަން ކަށަވަރެވެ.

އެހެންކަމުން އިންސާނާގެ އަޖަލުކުރިމަތިވުމުގެ ކުރިން، އޭނާ އުފެއްދެވުނު ސަބަބާއި، ލަނޑުދަނޑިތަކާއިމެދު ފިކްރުކޮށް ހެދުމަކީ ބުއްދިވެރީންގެ ގޮތްކަން ހަނދާންކުރާށެވެ. އެންމެހައި މުޢުމިނުންނަށް މި ހުރިހާ ސުއާލުތަކުގެ ޖަވާބު ހާމައަށް ފެންނަން އެބައޮތެވެ. މިހާރު އުފައްދާފައި މިވާ އަދި އުފައްދަމުންދާ ޓެކޮނޮލަޖީގެ ބޭނުން އެންމެ ފުރިހަމައަށް އެޓެކޮނޮލަޖީ އުފައްދާ ފަރާތަށް އެނގޭނޭފަދައިން އިންސާނާ ޚަލްޤު ކުރެއްވުމުގެ މަޤުޞަދު އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ އެފަރާތެވެ.

އިންސާނާ ޚަލްޤު ކުރެއްވި ސަބަބު ކީރިތި ޤުރުއާނުގައި މާތްﷲ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (سورة الذاريات56 )

މާނައީ” ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ.”
އަދިވެސް އެކަލާނގެ އަލްބަޤަރާ ސޫރަތުގެ 30ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ:

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ

މާނައަކީ: ”ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރތަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަކިޔައި އިބަރަސްކަލާނގެއަށް ތަޤްދީސްކޮށްތިއްބާ، އެބިމުގައި ފަސާދަ އުފައްދައި ލޭއޮހުރުވާނޭބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”

މިއާޔަތުން އެނގޭގޮތުގައި، އިންސާނާގެ އެންމެ އިސްވާޖިބަކީ، ބިންމަތީގައި ﷲ ގެ ޚަލީފާއެއްގެ ދައުރު އަދާކުރުމެވެ.

އެޚަލީފާއިންގެ އެންމެބޮޑު ބޭނުމަކީ، އިންސާނާ އޭނާ ހައްދަވައިބޮޑުކުރެއްވި ފަރާތް ޙައްޤުގޮތުގައި ދެނެގަތުމާއިއެކު، ޙައްޤުގޮތުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ.

ކަން މިހެން ހުރުމާއި އެކު، އަޅުގަނޑުމެން އިންސާނުންވީ، އެއިލާހުގެ އެންގެވުމާއި އެއްގޮތަށް ޢަމަލު ބަހައްޓާށެވެ. އާޙިރަތަށް ޓަކައި މަސައްކަތް ކުރާށެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭތޯ މަސައްކަތް ކުރާށެވެ. އެއްވެސް ހާލެއްގައި، ކުކުޅު ހާފަދައިން އެއްވެސް ޚިޔާލެއް ފިކުރެއްނެތި، ދުނިޔޭގެ ވަގުތުތައް ބޭކާރު ކުރުމަކީ، އަޅުގަނޑުމެން އެއްވެސް މިހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

No comments:

Post a Comment