ދީނަކީ އިންސާނާ ދިރިއުޅޭނެ ގޮތެވެ. އެއީ އިންސާނާ ކުރިޔަށް ދާނެ ގޮތް އަންގައިދޭ އާރުކާޓީއެވެ. ނުވަތަ ކުރިޔަށްދާ މަގެވެ. އެހެންގޮތަކަށް ބުނަނީނަމަ އިންސާނާ ދިރިއުޅެންވީ ގޮތުގެ މަގުދައްކައިދޭ ޢަމަލީ ޤަވައިދެވެ. ދީނަކަށް ތަބާވާ މީހުންނަކީ ވަކި ފަރާތެއް މަތިވެރިކޮށް އެފަރާތަކަށް ކިޔަމަންގަނެ އެފަރާތަކުން އެހީއާއި މަދަދަށް އެދި ދަންނަވާ މީހުންނެވެ.
މިއީ ހުރިހައި ދީނެއްގައި އެކުލެވޭ ގޮތެވެ. ޝިރުކާއި ވަޘަނިއްޔަތުގެ ދީންތައްވެސް ހިމެނޭ ގޮތަށް ދެވޭ ތައުރީފެކެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. "لَكُمْ دِينُكُمْ وَلِيَ دِينِ" سورة الكافرون ( 6)މާނައީ: " ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ." އަދިވެސް އެކަލާންގެ ވަޙީ ކުރައްވާފައިވެއެވެ. "إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ "(سورة آل عمران 19 )މާނައީ: "މާތްކަލާނގެ ހަޟްރަތުގައި ދީނަކީ ހަމަކަށްވަރުން އިސްލާމްދީނެވެ." (ޤުރުއާން ތަރުޖަމާ)
ދުނިޔޭގައިވާ އެންމެހާ ދީންތަކަށް ނަންދެވިފައިވަނީ ކޮންމެވެސް ޚާއްޞަމީހެއްގެ ނަމުންނެވެ. ނުވަތަ އެބައެއްގެ ތެރޭގައި އެދީނެއް އުފެދިފައިވާ ޤައުމެއްގެ ނަމުންނެވެ. އެގޮތުން ޢީސާޢީދީނަށް ބައްލަވާށެވެ. އެދީނަށް ޢީސާޢީދީނުގެ ނަންދެވިފައިވަނީ ސައްޔިދުނާ ޢިސާ ޢަލައިހިއްސަލާމަށް ނިސްބަތް ކުރެވިގެންނެވެ. ބުދުދީނަށް އެނަން ދެވިފައިވަނީ، އެދީނުގެ ބާނީ މަހާތުމާ ބުއްދާއަށް ނިސްބަތްވެގެންނެވެ. ޒަރުދަސްތީދީންއަށް އެނަން ދެވިފައިވަނީ، އެދީނުގެ ބާނީ ޒަރުދަސްތުއަށް ނިސްބަތްވެގެންނެވެ.
ޔަހޫދީދީން އުފެދިފައިވަނީ، ޔަހުދީނަމަކަށްކިޔޭ ޚާއްޞަ ޤަބީލާއެއްގެ ތެރޭގައެވެ. އަދި މިނޫން ދީންތަކުގެ ކަންތައްތައް ހުރީވެސް މިފަދަ ގޮތެއްގައެވެ. ނަމަވެސް އިސްލާމްދީނުގެ ޚާއްޞަ އެއްކަމަކީ، އެދީން ވަކިމީހަކަށް ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވެފައި ނުވާކަމެވެ. އަދި ކިއެއްތޯއެވެ. އެދީނަށް ނަންދެވިފައިވަނީ އިސްލާމް މިބަހުގެ މާނައިން ދޭހަވާ ޚާއްޞަ ސިފައަކާ ގުޅޭ ގޮތުންނެވެ. މިނަމުންވެސް ސާފުކޮށް ދައްކައިދެނީ މިދީނަކީ، އިންސާނުންގެ ތެރެއިން ވަކި މީހަކު އުފެއްދި ދީނެއް ނޫންކަމެވެ. އަދި ދުނިޔޭގެ ވަކި ޚާއްޞަ ޤައުމަކަށް ޚާއްޞަ ވެގެންވާ ދީނެއްވެސް ނޫންކަމެވެ. އެދީނަކީ، ވަކިމީހަކާ ނުވަތަ ވަކި ތަނަކާ ނޫންނަމަ ވަކި ޤައުމަކާ ޚާއްޞަ އެއްވެސް ގުޅުމެއްނެތް ދީނެއްކަމެވެ. އެދީނުގެ މަގުޞަދަކީ، ހަމައެކަނި މީސްތަކުންގެ ކިބައިގައި އިސްލާމްކަމުގެ ސިފަ އުފެއްދުމެވެ. ކޮންމެޒަމާނެއްކަމުގައިވިޔަސް އަދި ކޮންމެ ޤައުމެއްގެ ވިޔަސް، އެސިފަ ލިބިގެންވާ، ތެދުވެރި ރަނގަޅު އެންމެންނަކީ، މުސްލިމުންނެވެ. އަދިއެސިފަ ލިބިގަންނަމީހުން މުސްތަޤުބަލްގައިވެސް ވާނީ، މުސްލިމުންކަމުގައެވެ. ( އިސްލާމް ދީނުގެ މައިގަނޑު ޢަޤީދާތަކާއި އުޞޫލުތައް ޞަފުހާ 3-4)
No comments:
Post a Comment