11 November 2010

އޭ އަޅުގަނޑު ލޮބުވެތި އަޚުންނާއި އުހުތުންނޭވެ. އެކުވެރި ވާކަށް އަދިވެސް ނުވޭތޯއެވެ.



ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު
ތަޢުހީދުގެ ދެކަލިމަ ކިޔާ އޭގެމާނަ ހިތުން ޤަބޫލުކުރުމާއެކު، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔެއްގެ އަޚުންތަކެއްގެ ގޮތުގައި ވެފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ގުނަވަނަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެހަށިގަނޑު ހިއްޞާވާނެއެވެ. އެގުނަވަނެއްގައި ކޮންމެ ވޭނެއްގައި އެހަށިގަނޑު ތަހައްމަލް ކުރާނެއެވެ. ހަމައެގޮތަށް އަޅުގަނޑުމެން މުސްލިމުންކަމުގައި ވުމަށްފަހު އެއްމުސްލިމަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި ދެންތިބި އެންމެ ބައިވެރިވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެއީ ފުރިހަމަ މުސްލިމުންގެ ގޮތެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
މީގެ ދެ ތިން އަހަރެއް ކުރިން އަޅުގަނޑުމެންގެ ތެރެއަށް އައި ސިޔާސީ ހަމަނުޖެހުން އަދިވެސް މިއޮތީ ހަމައެގޮތަށެވެ. ހީތަމަ ހުރިކަމެކެވެ. ވަކި ކުލައެއްގެ މީހަކަށް ވީމަ ވަޒީފާ ދިނުން އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކި ކުލައެއްގެ މީހެއްވީމަ ބޭސްފަރުވާއަކަށް އެހީއެއް ހޯދަން ދިޔުމުން އެހީއެއް ނުލިބެއެވެ. ވަކި ޕާޓީއެއްގެ މީހެއްވީމަ ދެން އެވީ މުޅިއުމުރަށް އަނގައިން ނުބުނެއެވެ. މިކަމުގެ ސަބަބުން ދެމެފިރިން އެނދުގައި ނިދުން ހުއްޓާލައި ޢާއިލާ ރޫޅިއްޖެއެވެ. މީ ހިތާމައިގެ ކޮޅުނެތް ކޮޅަށް ހިތާމަކުރަން ޖެހޭކަމެކެވެ. މިއީ މުސްލިމުންގެ ގޮތްހެއްޔެވެ. މިހާލަތަކީ މީގެ 1400 އެތައް އަހަރެއްގެ ކުރިން ތަޢުހީދުގެ އަސަރެއް ނެތް އިރު އެކިފަންތީގައި ތަފާތު ކުރުމުގައި ގެންގުޅުނު ހާލަތަށްވުރެ ދަށުދަރަޖާގެ ކަމެކެވެ.
މިދުނިޔޭގެ ހުރިހާ މުސްލިމުންގެ ތެރޭގައި ޔަހޫދީ ސިއްހޫނީ ބޯވަތަކުގެ ފައިތައް ޘާބިތުކޮށް އެމީހުންގެ ގޮތް ފަތުރާ މިމާތް ދީނުގެ ބާރުކަނޑުވާލަން ކުރާ މަސައްކަތާމެދު ވިސްނާލާނެ ސިކުނޑިއެއް ނެތި ހުސްވިތޯއެވެ. މިދަރަޖައަށް އަލުގަނޑުމެން މުސްލިމުން ވެއްޓުނު ގޮތާމެދު ސުވާލުކޮށް އަހާނެ ދޫތަށް ނެތުނި ތޯއެވެ. މުސްލިމުންގެ ހާލަތު އޮތް ގޮތަށް ބަލާލަން ކެރޭ ލޮލެއްވެސް ހަމަ ނެތުނީ ތޯއެވެ. ޞުބުޙާނަﷲ އެވެ. އަޅެފަހެ އަޅުގަނޑުމެންގެ ތެރެއިން ހާލިދު ބިން ވަލީދުފަދަ ޞަލާހުދީނުލް އައްޔޫބީފަދަ ބަޠަލެއް ހަމަ މިދުނިޔޭގެ އަލިކަމުގައި ނުވަނީ ތޯއެވެ.
ކުރިސްޓިއަނުންގެ ރޭވުން ކިތައްމެހާ ރަނގަޅަކަށްވެސް ކާމިޔާބު ކޮށްފިއެވެ. އަޅުގަނޑުމެންގެ މުސްލިމް ފަހުލަވާނުންތައް ބަލިކަށިކޮށް، ބައިބައި ކޮށްފިއެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކާ ޖައްސާ އެކަމުގެ ތެރޭގައި އެމީހުން މަސްޣޫލު ކުރުވާފިއެވެ. މިގޮތުގައި މުސްލިމުން ބައިތިއްބައިގެން އެމީހުން އެދަނީ އެމީހުންގެ ދީންފަތުރަމުންނެވެ. އެމީހުން އެދަނީ އަޅުގަނޑުމެންގެ މުގައްދަސް ބިންތައް އަތުލާ އެތާނގެ މުސްލިމުން ނިކަމެތިންނަން ހަދަމުންނެވެ. އަދިވެސް އަޅުގަނޑުމެންވީ މިގޮތުގައި ތިބެން ތޯއެވެ. ނޫނެކެވެ. މިކަމުން ސަލާމަތްވާށެވެ. ހަމަގައިމުވެސް ދެނެއް އަޅުގަނޑަކަށް ކެތެއް ނުވާނެއެވެ.
އެއްމުސްލިމަކު އަނެއް މުސްލިމަކަށް ރަނގަޅަށް ދެކޭށެވެ. ކޮންމެ މުސްލިމަކީވެސް ހަށިގަނޑުގެ އެއްބައިކަމުގައި ހަދާށެވެ. މިކަން އަޅުގަނޑުމެންނަށް ކާމިޔާބުވާނެއެވެ. މިކަން ކާމިޔާބުކުރެވޭނީ ކަންތައްތަކެއް ކުރެވިގެންނެވެ. އޭގެތެރޭގައި
1.     މުސްލިމުންގެ އަޤީދާ ވަރުގަދަކުރުން
2.     އިސްލާމީ ޝަރިއަތުގައި ފަރުޟުކުރައްވަފައިވާ އަޅުކަންތައްތައް ބަރާބަރަށް އަދާކުރުން
3.     އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ތަންފީޒުކުރުން
4.     ތަފާތު ކުރުންތައް ނައްތާލުން
5.     ހުރިހާ މުސްލިމުންނަކީ އަޚުންތަކެއްގެ ގޮތުގައި ބެލުން
6.     އެއްމުސްލިމަކު އަނެއް މުސްލިމަކަށް ހުރިހާ ކަމެއްގައިވެސް އެހީތެރިވުން
ނޯޓް:- ގޯސްކަންތައް ކުރާމީހުންނަށް އެހީތެރިވާނީ އެކަމުން އޭނަ ސަލާމަތްވެގެން ނުވަތަ އެކަމުން ސަލާމަތް ވާނޭގޮތް ކިޔާދީ ނަޞާހަތްތެރިވެގެންނެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކީ އަޚުންތަކެއްގެ ގޮތުގައި ﷲ މިންވަރުކޮށްދިނުމާއި މުސްލިމުންނަށް ބާރުދެއްވުމެވެ. އާމީން!

No comments:

Post a Comment