12 February 2011

ސްކޫލު ކުދިންގެ އަހްލާގާ މެދު


ސްކޫލު ކުދިންގެ އަހްލާގީ މައްސަލައިގައި އެންމެ ފުރަތަމަވެސް އެންމެ ގިނަ ބަޔަކު ކުއްވެރިކުރާ ފަރާތަކީ ސްކޫލުގެ މެނޭޖްމެންޓާއި ޓީޗަރުންނެވެ. އެހެނަސް ކަމުގެ ހަގީގަތާއި މެދު ވިސްނާލަނީ އޭގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ހަގީގަތަކީ ކުދިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަދަރުސާއަކީ އެކުދިންގެ މައިންބަފައިންނެވެ. ނުވަތަ ބެލެނިވެރިންނެވެ.
ދެން  އެއަށްފަހު އެ ތަރުބިއްޔަތާއި އަހްލާގު  ދޮންކޮށް ފައްކާ ކުރާތަނަކީ ސްކޫލްކަމެވެ. މިކަމުގައި ސްކޫލުތެރެއިން އެހެންކުދިންގެ ބައިވެރިވުން އެކުދިން ހޯދައެވެ.
ބެލެނިވެރިންގެ އިހްމާލު
އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ކުއްޖާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ކުއްޖާ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ ކުއްޖާގެ ބެލެނިވެރިންނެވެ. އެހެން ކަމުން ކުއްޖާގެ ރަގަޅު އަދި ނުރަގަޅު އަޙްލާގު ތަކުގެ ބިންގާ އެޅޭތަނަކީ ކުއްޖާގެ ގެއެވެ. ނުވަތަ އާއިލާގެ ތެރެއެވެ. ގިނަ އެޑިއުކޭޝަނަލް ސައިކޮލަޖިސްޓުން ގަބޫލުކުރައްވާ ގޮތުގައި ކުލާސްތެރޭގައި ކުއްޖާގެ ކިބައިން ފެނިގެންދާ އަޙްލާގީ މައްސަލަތަކުގެ އަސްލަކީ ގޭތެރެއިން ކުއްޖާއަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި ސަމާލުކަން އެކަށީގެންވާ ވަރަށް ނުލިބުމެވެ. ކުދިންނަކީ މީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާ ބަޔެކެވެ. އެގޮތުން މައިންބަފައިނގެ ކިބައިންނާއި އާއިލާގެ ފަރާތުން އެ ސަމާލުކަން ނުކިބިއްޖެނަމަ ދެން ޓިޗަރުންގެ ކިބައިންނާއި ކުލާސްކުދިންގެ ކިބައިން ސަމާލުކަން ހޯދުމުގެ މަސައްކަތް ފަށައެވެ. ގިނަ ފަހަރަށް މިކަމަށްޓަކައި ކުދިން ކުރާނީ ކޮންމެވެސް ނޭދެވޭ ކަމެކެވެ. އެއީ ފަހަރެއްގައި ޓީޗަރާއި ޒުވާބުކުރުން ނުވަތަ ޖެއްސުން ކުރުން ކަމުގައި ވެދާނެއެވެ. ނުވަތަ އެނޫންވެސް އެފަދަ ނުރަގަޅު ކަމެއްކަމުގައި ވެދާނެއެވެ. މިކަމަށް އެކުދިންނަށް ހިއްވަރު ލިބެނީ އެކަމެއް ކުރުމުން ކުލާސް ކުދިން ޖަހާލާ ހިނިގަނޑުތަކުންނެވެ. ނުވަތަ އެފަދަކަމެއް ދެވަނަ ފަހަރަށްވެސް ކުރުމަށް ބުނެލާ ހިއްވަރުގެ ބަހަކުންނެވެ. ނުވަތަ މިވެނި ކަމެއް ނުވާނެއޭ ބުނެ ޖަހާލާ ގޮމަކުންނެވެ. މިހެން ކަމުން ކުއްޖާއަށް ހީވެފައި އޮންނަނީ އޭނާއަށް މިކުރެވެނީ އެހެންކުދިންނަށް ކުރަން ނުކެރޭ މާމޮޅު ކަމެއްކަމުގައެވެ. އެއާއިއެކު  ދެވަނަ ފަހަރަކަށް ކުއްޖާ އެއަމަލު ތަކުރާރު ކުރަނީ ފަހްރުވެރިކަމާއި އެކުއެވެ.
ދެން ކުއްޖާ ނިކުންނަނީ މުޖުތަމަޢަށެވެ. އޭނާ އަށް މުޖުތަމަޢުގެ ޒުވާނުންވެސް ކިޔަނީ އޭނާގެ ކުލާސް މޭޓުން ކީފަދަ މަރުހަބާއެކެވެ. އޭމީހުންނަށްވެސް ހިއްވަރު ދެވެނީ ކުއްޖާގެ ކިބައިގައި ހުންނަ ނުރަގަޅު ކަންތަކަށެވެ. ކުއްޖާއަށް ދައްކުވައިދެވެނީ ގޯސް ނަމޫނާ އެކެވެ. ސިގިރެޓް ބުއިމާއި އެހެންވެސް އެފަދަ ނޭދެވޭ އަމަލުތައް ޒީނަތްތެރިކޮށްދީ ހިއްވަރު ދެނީ މުޖުތަމަޢެވެ. ދެން ކުއްޖާ ފެނިގެންދަނީ މުޖުތަމަޢަށް އެއްވެސް ފައިދާއެއްނުކުރާ ނުރަގަޅު ސިފަތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އެންމެންގެ ބިރަކަށްވެފައިވާ ނުރައްކާތެރި ކުއްވެރިއެއްގެ ގޮތުގައިއެވެ. މިހެން މިހުރިހާ ކަމެއް ދިމާވުމުގެ އެންމެ ބޮޑު އަސްލަކީ ހަޔާތުގެ ނައުގައިދދިރިއުޅުމަށްޓަކައި މައިން ބަފައިން އަޅައި ދިން ހަލާކުވެފައިވާ ފަށަނެވެ.
ކުރެވިދާނެ ކަންތައްތައް
ހަޤީގަތުގައި ކުއްޖާގެ އަހްލާގު ގޯސްވުމުގެ އެންމެ ބޮޑު ޒިންމާއެއް ކޮނޑު އަޅަން ޖެހޭފަރާތަކީ ބެލެނިވެރިންނެވެ. ކުދިންނަށްޓަކައި ބެލެނިވެރިންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުއްޖާއަށް ބޭނުންވާ ލޯތްބާއި އަޅާލުން އެކުދިންނަށް ދިނުމެވެ. އެކުދިންނަށް އަންނަމުންދާ ބަދަލުތަކައް ވިސްނާ ފިކުރުކޮސް އެކަށީގެންވާ ރަގަޅު ފިޔަވަޅު އެޅުމެވެ.  ރަނގަޅގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މާތް ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް ކުއްޖާ ދީނުގެ ތަރަހާގައި ތަރުބިއްޔަތުކޮށް ﷲ ދެކެ ބިރުވެތިވާ ކުއްޖެއްގޮތުގައި އެކުއްޖާ ހަދައިގެންނެވެ.
ދެން އޮތީ ޒުވާނުންގެ ވާހަކައެވެ. ކޮންމެ މުޖުތަމައެއްގައިވެސް ކުދިން އެންމެ ބޮޑަށް ނަކަލު ކުރާނެ އެއްބަޔަކީ އެތަނެއްގެ ޒުވާނުންނެވެ. އެހެންކަމުން ސްކޫލުތަކުގެ ދޮރޯށިން މުޖުތަމަޢަށް ނިކުންނަ ކުދިންނަށް ޒުވާނުން ރަގަޅު މަރުހަބާއެއްކިޔައި ރިވެތި މިސާލެއް ދައްކަން އެބަޖެހެއެވެ. އަދި އެކުދިންކުރާ ރަގަޅު ކަންތަކަށް ހިއްވަރުދޭ ނުބައި ކަންތައް ނަހީ ކުރާ ބަޔަކަށް ޒުވާނުން ވާން އެބަޖެހެއެވެ. މީގެ އިތުރަށް މިފަދަކަންކަމަށް ބެލެނިވެރިން ހޭލުންތެރިކޮށް ލޯހުޅުވައިދިނުމުގެ ޒިންމާވެސް އެންމެ ބޮޑަށް އުފުލަންޖެހޭ ފަރާތަކީވެސް ޒުވާނުންނެވެ.
މިކަންކަން ހައްލު ކުރެވޭނީ މުޅި މުޖުތަމައު އަތްގުޅާލައިގެން އެކީގައި އެއް މިސްރާބަކަށް ދަތުރުކުރެވިގެންނެވެ. އެންމެންގެ ބައިވެރިވުން ލިބިގެންނެވެ. އަޅުގަނޑުގެ ދުޢާއަކީ މި މުޖުތަމަޢުއަކީ  އަޙްލާގީ މައްސަލަތައް މަދުތަނެއްގެ ގޮތުގައި ހެދުމުގެ ތަޢުފީގު ﷲ މިންވަރު ކޮށްދެއްވުމެވެ.

No comments:

Post a Comment