14 October 2010

މުދައްރިސުންގެ ތެރެއިން ސުކޫލު ބޯޑަށް އަޙްމަދް ޞަބާޙު އާއި އާދަމް މޫސާ އިމްތިހާބު ކޮށްފި


ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ
 އިހަވަންދޫ މަދަރުސާގެ ކުރީގެބޯޑު ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އުވާލާފައެވެ. އިހަވަންދޫ ބޯޑު އުވާލިކަމަށް ބުނެ އިހަވަންދޫ މަދަރުސާބޯޑެގެ އޭރުގެ ޗެއަރޕާޝަން ހުސެން ރަޝީދަށް ފޮނުވި ސިޓީގައި ބޯޑު އުވާލި ސަބަބު ބަޔާން ކޮށްފައި ނުވިނަމަވެސް ސުކޫލު ބޯޑު އުވާލީ އަލުން ބޯޑު އެކުލަވައިލުމަށްކަމަށް ބުނެފައިވެއެވެ. ޖުލައި މަހުގެ ތެރޭގައި، އިހަވަންދޫ މަދަރުސާގެ ބޯޑުއުވާލުމާއެކު، އަލުން ބޯޑު އެކުލަވާލުމަށްޓަކައި މިހަފުތާގައި ވަނީ ބެލެނިވެރިންގެ ތެރެއިން ބޯޑަށް ކުރިމަތިލީ 12 ބޭފުޅުންގެ މެދުގައި އިންތިހާބު ބާއްވާފައެވެ. ސުކޫލު ބޯޑުގައި ބެލެނިވެރިންގެ ފަރާތުން ތިބޭނެ 5 ފަރާތް އިންތިހާބު ކުރެވިފައެވެ.
ހަމަ އެއާއެކު،މުދައްރިސުންގެ ތެރެއިން ބޯޑަށް ނަގަންޖެހޭ 2 މެމްބަރުން ހޮވުމަށްޓަކައި މިއަދު މެންދުރުފަހު 12:30 ން 1:30 އަށް އިހަވަންދޫ މަދަރުސާގައި ވަނީ މުދައްރިސުންގެ އިންތިހާބު ބާއްވިފައެވެ. އިހަވަންދޫ ޑޮޓްކޮމްގައި ވާގޮތުން އިހަވަންދޫ މަދަރުސާގެ ބޯޑަށް ހޮވިފައިވަނީ އިހަވަންދޫ މަދަރުސާގެ ގުރެޖުއޭޓު ލީޑިންގް ޓީޗަރ އަލްފާޟިލް އާދަމް މޫސާ އާއި ޓްރެއިންޑް ޓީޗަރ އަލްފާޟިލް އަޙްމަދު ޞަބާހު އެވެ.  މިގޮތުން އިހަވަންދޫ މަދަރުސާގެ ގުރެޖުއޭޓު ލީޑިންގް ޓީޗަރ އަލްފާޟިލް އާދަމް މޫސާ އަށް ލިބިފައިވަނީ 51 އެއް ވޯޓެވެ. އަދި ޓްރެއިންޑް ޓީޗަރ އަލްފާޟިލް އަޙްމަދު ޞަބާހަށް ލިބިފައިވަނީ 49 ވޯޓެވެ. އަދި އިންތިހާބުން އެންމެ ފުލުގައި އުޅެނީ ދިވެހި ޓީޗަރ މޫސާ ޢަލީއެވެ. ލިބިފައިވާ ވޯޓުގެ އަދަދަކީ 20 އެވެ.  

No comments:

Post a Comment