24 January 2011

ބަހުގެ ގޮތުން ޤުރުއާނުގައިވާ މުޢުޖިޒާތް


ކީރިތި ޤުރުއާން ބާވާލައްވާފައިވަނީ ސާފުސީދާ ޢަރަބި ބަހުންނެވެ. ނަމަވެސް ތަފާތަކީ އެފޮތުގައި ބޭނުންކޮށްފައިވާ ޢަރަބި ބަހުގައި ބޭނުންކުރާ ބަސްތަކާއި އުސްލޫބުގެ ތަފާތުކަމެވެ. ޤުރުއާން ވަނީ އަރަބި ބަހުން އައިސް އެބައިމީހުންނަށް ގޮންޖަހާލައިފައެވެ. ބަހުގެގޮތުން ޤުރުއާނުގައިވާ އިޢުޖާޒަކީ މީއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. [1] وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ" މާނައީ: ތިމަން ސުވާމީންގެ އަޅާ ޔަޢުނީ މުޙައްމަދުގެ ފާނަށް ތިމަންސުވާމީންގެ ބާވައިލެއްވި ފޮތާއި މެދު ތިޔަބައި މީހުން ޝައްކު ކަމެއްގައިވާނަމަ، ތިޔަބައިމީހުން އެފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ. އަދި ތިޔަބައިމީހުންނީ ތެދުވެރީން ކަމުގައި ވާނަމަ،މާތްﷲ ފިޔަވައި ތިޔަބައިމީހުންނަށް ނަސްރުދޭނޭ އެހީތެރިންނަށް ގޮވައިގެންގެންނާށެވެ. "
ކީރިތި ޤުރުއާނުގައިވާ ކޮންމެ ލަފްޒަކީ ނުވަތަ ބަހަކީ އެގައި ވަރަށް ފުންމާނަތަކެއް އެކުލެވިގެންވާ ބަސްތަކެކެވެ. ކީރިތި ޤުރުއާނުގައިވާ އާޔަތްތައް އެއް އުސްލުބަކުން ( ކާފިޔާ ހަމަވާގޮތަށް) ނިމިފައިވިޔަސް އެއިން ކޮންމެ ނިމުމެއްގައި ވަރަށް ފުންމާނަތަކެއް އެކުލެވިގެންވެއެވެ. އެއްވެސް ހާލެއެއްގައި ބަހުގެ ޅެންވެރިން ހަދާޅެންތަކުގައި ކާފިޔާ އެއްގޮތް ކުރުމަށް ލާފައިވާ އެއްވެސް މާނައެއް ނެތް ބަހެއް ގުރުއާނުގައި ވާރިދުވެގެން އައިސްފައިނުވެއެވެ. މިގޮތުން މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. [2] " فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ " މާނައީ؛ ފަހެ ކުނޑި ފުކެއްގެ ބަރުދަންވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އެކަންދެކޭނެއެވެ. މިއާޔަތުގައި އެވާ خَيْرًا يَرَهُ މާނައަކީ 'ހެޔޮކަމެއް ކޮށްފިމީހާ އެކަން ދެކޭނެ" ވާހަކައެވެ. ދެން ޖެހިގެން އޮތް އާޔަތުގައިވެސް ނިމުން އައިސްފައިވަނީ އެއް އުސްލޫބަކުންނެވެ.  وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ[3]  މާނައީ" އަދި ކުނޑިފުކެއްގެ މިންވަރުވިޔަސް، ނުބައިކަމެއް ކޮށްފިމީހާ، އެކަންދެކޭނައެވެ." މި އާޔަތުގައި އެވާ شَرًّا يَرَهُ މާނައީ: "ނުބައިކަމެއް ކޮށްފިމީހާ، އެކަންދެކޭނެ" ވާހަކައެވެ. ބަޔާންވެގެން އެދިޔަ މިސާލުންވެސް ބަހުގެ ގޮތުން ޤުރުއާންގައި މުޢުޖިޒާތް ވިސްނާމީހަކަށް އެނގޭނެއެވެ.
އިސްލާމްދީނުގެ އެންމެ ބޮޑު އެއްދުސްމިނެއްކަމުގައިވި އަލްވަލީދު ބުނު މުޣީރާ ކީރިތި ރަސޫލާގެ އަރިހުން ޤުރުއާނުގެ އަޑުއަހާފައި ބުންޏެވެ." އެޤުރުއާނަކީ ކަލޭމެން ތިޔަ ކިޔާކަހަލަ  އެއްޗަކާ ވައްތަރު އެއްޗެއް ނޫނެވެ. އެކަލޭގެފާނު އެވިދާޅުވާ އެއްޗެއްގައި މުޅިންވެސްވަނީ ފުރިހަމަކަމާއި މާތްކަމެވެ. ޢިބާރާތުގެ ބަލާޣާތްތެރިކަމަކީވެސް އަޖައިބު ހުރިކަމެކެވެ. އެބަސްފުޅުތަކުގެ މަތިގައިވަނީ މޭވާއަޅާ ފުރިފައެވެ. ތިރީގައިވަނި ފެންގިނަ ތާޒާ ބިމެކެވެ. އެއީ އެނޫން ހުރިހާ ބަސްތަކެއްގެ މައްޗަށް ގަދަވެގަންނާނޭ ބަސްފުޅުތަކެކެވެ." އިސްވެދިޔަ ވާހަކައިންވެސް ބަހުގެ ގޮތުން ޤުރުއާނުގައިވާ މުޢުޖިޒާތް ފާހަގަވެ އިނގޭނެއެވެ. މިކަމުންވެސް މިޤުރުއާނަކީ އިންސާނެއް ނުވަތަ ޖިންނިއެއްގެ އުފެއްދުމެއް ނޫކަން ކަށަވަރުވެއެވެ. އަދި ކިއެއްތަ އެއީ ﷲގެ ވަޙި ބަސްފުޅުކަން ސާބިތުވެއެވެ.



[3] . سورة الزلزلة8

No comments:

Post a Comment