21 January 2011

އެކުވެރިން އެކުވެރިންނާ ޖެހި

މާތް ﷲ ތަބާރަކަ ވަތަޢަލާ އިންސާނުން އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީއެވެ. އެ އިންސާނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ އިންސާނާގެ މައިންބަފައިންވެ. އެއަށްފަހު އެ އިންސާނާ މަގު ގެއްލި ހަލާކުވެގެންދާ އަނެއް ސަބަބަކީ އެ އިންސާނާގެ އެކުވެރި ރަޙްމަތްތެރިންގެ ސަބަބުންނެވެ. އާއެކެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާނޭ ބުނާ ބަހަކީ ވަރަށްވެސް މާނަ ފުން އަދަބީ ބަހެކެވެ. އެހެންކަމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ރަހްމަތްތެރިންގެ ހަޤީގަތް ހޯދައި ސަމާލުވާންޖެހެއެވެ. ބެލެނިވެރިން ލޯހުޅުވަން ޖެހެއެވެ. އޭ އަޅުގަނޑުގެ ލިޔުންތައް ފަރުވާތެރިކަމާއެކު ބަލަމުންދާ އަޅުގަނޑުގެ އަޚްނޭވެ. ނިކަން ސަމާލުވާށެވެ.
ގިނަފަހަރަށް ކުށްކުރާ މީހުން، ކުށްކުރުމަށް މަގުފަހިވަނީ އެމީހުންގެ ރަޙްމަތްތެރިންގެ ސަބަބުންކަން ޔަޤީނެވެ. ކުށްކުރާމީހުންގެ ކޮންމެ ތިން މީހަކުން ދެ މީހަކީ އޭނާގެ ރައްޓެހިންގެ ސަބަބުން މަގުގެއްލި ދާ މީހުންނެވެ. ނިކަން އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ނާމާންކަމާއި މެދުވިސްނާ ފިކުރުކޮށް ބަލާށެވެ.
އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންނަށް އަދު ފެނިގެން މިދަނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުނުކޮށް ވާޖެހޭ ކޮޅަކަށް ދޫކޮށްލުމުން ދެން ފެނިގެންދާނެ ބޮޑުމަންޒަރެވެ. ދަރިން ބޭނުންހާ ބަޔާކާ ރަޙްމަތްތެރިކަން ބޭއްވުމުން ދެން ފެނިގެންދާނެ ކަންކަމެވެ. އޭ އަޅުގަނޑުފަދަ ޒުވާނުންނޭވެ. ތިމާ، އެންމެ އަވަހަށް މަގުފުރައްދާނީ ހަމަ ތިމާގެ ރަޙްމަތް ތެރިންނެވެ. ހަމަ ތިމާގެ އަގުވައްޓާލުމަށް އެންމެ ބޮޑަށް އެހާޖާނު އުފައްދާ މީހުންނަށް އެހީތެރިވާނީ އެންމެ ގާތް އެކުވެރިންނެވެ. ލިބިފައިވާ ނިއުމަތެއްގެ މުހިންމުކަން އެނގޭނީ އެނިއުމަތެއް ގެއްލުނީމައެވެ. ހަމަ އެގޮތަށް އަޅުގަނޑު މިދައްކާވާހަކަވެސް ވިސްނޭނީ މި ދެންނެވި ގޮތަށް ކަންތައް ވެގެން ދިޔައީމައެވެ. 
މިހެން ދެންނެވި ނަމަވެސް ހުރިހާ ރަހުމަތްތެރިންނެއް އެއްގޮތެއް ނުވާނެއެވެ. އެހެންނަމަވެސް ވިސްނަވީ ކަމަކީ ތިމާގެ ހުރިހާ ކަމެއް ރަހުމަތްތެރިންނަށް ހިއްޞާ ނުކުރުމަށެވެ. އެއަށްވުރެ ބޮޑަށް ތިމާގެ މައިންބަފައިންނާ އެފަދަ ކަންތައްތަކުގައި މަޝްވަރާކޮށް އެބައިމީހުނގެ ކިބައިން އެހީތެރިކަން ހޯދުމަށެވެ. ހަމަ އެގޮތަށް އެއްބަނޑު އެއްބަފައި އަޚުންނާ އެކަންތައްތައް ޙިއްޞާ ކުރުމަށެވެ.
ލޭގެ ގުޅުން ކަނޑައި ތިމާ، ގޯސް ރަހްމަތްތެރިންގެ ބަހަށް ހެއްލިގެން ދިޔުމުގެ ނަތީޖާއަކަށްވާނީ، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ތަކުރާރުކޮށް ކުރުން މަތީގައި ދެމިހުރެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެން ދިޔުމެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑާއި ތިއެންމެ ބޭފުޅުންނަކީ އިސްލާމްދީނުގެ އަސާސްތައްމަތީ ދެމިތިބެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ﷲ މިންވަރު ކޮށްދެއްވުމެވެ. އާމީން!

No comments:

Post a Comment