އަޚްލާޤުގެ ތަޢުރީފް
"އަޚްލާޤަކީ މީހެއްގެ ގައިގާ ހަރުލައިފާވާ ޚާއްޞަ "ހައިއާ" އެކެވެ. އޭގެސަބަބުން ފުރިހަމަ އިޚްތިޔާރުގައި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް، ރީތިކަންތައްތަކާއި ހަޑިކަންތައްތައްފާޅުވެގެންދެއެވެ. އެއްވެސް ބުރައަކާއި ނުލައި މީހެއްގެ ކިބައިންފާޅުވާ ރިވެތި ކަންތައްތަކަށް ރިވެތި އަޚްލާޤޭ ކިޔައެވެ."[1] އެހެން އިބާރާތަކުން ދަންނަވަނީނަމަ އަޚްލާޤަކީ އިންސާނާގެ އުޅުމާއި ގުޅުމެވެ. މުޢާމަލާތް ކުރާގޮތެވެ. އިންސާނީ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތް ދައްކާދޭނެ ލޯނގަޑެވެ. އެލޯގަނޑަށް ފުސްބުރާފިނަމަ އެއިން އެދައްކައިދެނީ، އޭނާގެ އަޚްލާޤު ގޯސްވުމެވެ. އެލޯގަނޑު ސާފުކަންމަތީ ހުންނަނަމަ އެއިން އެދައްކައިދެނީ، އޭނަގެ އަޚްލާޤު ރަނގަޅުކަމެވެ.
ކޮމްޕިއުޓަރަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ކޮމްޕިއުޓަރެއް ގަންނައިރު، އެކޮމްޕިއުޓަރަށް ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތާއި ގެންގުޅޭނެގޮތް ބަޔާންކޮށްފައިވާ ފޮތެއް އެކޮމްޕިއުޓަރާއެކު ވިއްކާފަރާތުން ދެއެވެ. ހަމައެބީދައިން އިންސާނާ ޢަމަލުތައް ބައްޓަން ކުރާނެގޮތާއި އިންސާނާއަށް ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް ދެނެވޮޑިގެންވާނީ ﷲ ތަޢަލާއެވެ. ﷲ ތަޢާލާ، އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރާނެގޮތާއި ޢަމަލުތައް ބައްޓަންކުރަންވީގޮތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މެދުވެރިކުރައްވާ މުޅި އިންސާނިއްޔަތައް ވަނީ ބާވައިލައްވާފައެވެ. އެއީ ﷲ ތަޢަލާގެ ކަލާމްފުޅެވެ. އެހެންގޮތަކަށް ބުނާނަމަ، ކީރިތި ޤުރުއާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލްޤުފުޅާއި ބެހޭގޮތުން، ޢާއިޝަތުގެފާނު ވިދާޅުވަނީ، "كان خلقه القران" [2] މާނައީ"އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރުޢާންނެވެ." އެހެންކަމުން އަޚްލާޤު ރަނގަޅުކުރަން ބޭނުން ކޮންމެފަރާތަކުންވެސް ކީރިތި ޤުރުއާނަށް ޢަމަލުކުރުން މުހިންމެވެ.
ކޮންމެ އެއްޗެކަށްވެސް މައްސަލަތަކެއް ދިމާވާނެއެވެ. އަދި އެމައްސަލަތައް ދިމާވުމުގައި ސަބަބުތަކެއް ވެސް ހުންނާނެކަން ޔާޤީނެވެ. ހަމަ އެފަދައިން އިންސާނާގެ އަޚްލާޤު ގޯސްވުމަށް މެދުވެރިވާ ސަބަބުތަކެއްވެސް ހުންނާނެއެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެމައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ހޯދާގެންނެވެ. އެހެންކަމުން މި ރިޕޯޓުގައި އަޅުގަނޑު ބަލައިލާނީ، ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގެ ސަބަބުތަކާއި މިމައްސަލަ ޙައްލުކުރާނެ ގޮތަށެވެ.
ދަރިވަރުންގެ އުޅުމާއި ގުޅުމަށް ބަދަލު އަންނަން މެދުވެރިވާ ސަބަބުތައް
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވާފައި ވެއެވެ. "كل مولود يولد على الفطرة, فأبواه يهودانه, أوينصرانه, أويمجسانه"[3] މާނައީ " ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ (ސާފުސީދާ) ގޮތްމަތީގައެވެ. އޭނާ ޔަހޫދީއަކަށް ހަދާނީވެސް ނުވަތަ ނަޞާރާއަކަށް ހަދާނީވެސް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ." ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މައިންބަފައިންނޭ ބުނާބަހުގެ ތެރޭގައި ބެލެނިވެރިންނާއި މުދައްރިސުން ހިމެނެއެވެ.
ޢާއިލީ ސަބަބުތައް
ދަރިވަރުންގެ އަޙްލާޤު ގޯސްވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި، ޢައީލީ މައްސަލަތައް ފާހަގަކޮށްލެވެއެވެ. އަޅުގަނޑުމެން ވާހަކަ ދެއްކި[4] 10 ކުދިންގެ ތެރެއިން 7 ކުދިން ފާހަގަކޮށްފައިވަނީ، އެކުދިންގެ މަންމައާއި ބައްޕައާ މައްސަލަޖެހި ޒުވާބު ކުރާތީ، އެކަމާމެދު ވިސްނަންޖެހޭތީ ނަފްސު ކަންޓުރޯލް ނުކުރެވިގެން ވިއާނުދާ އަމަލުތައް ކުރެވެނީއެވެ. އަދި 10 ކުދިންގެ ތެރެއިން 6 ކުދިންފާހަގަކުރި އަނެއް ކަމަކީ، އެކުދިންނާ އެކުދިންގެ މައިންބަފައިން މުޚާތަބުކުރުމުގައި ވަރަށް ހުތުރު ބަސްތައް ބޭނުންކުރާކަމަށާއި އެހެންވެ އެކުދިންނަށްވެސް ބައެއްފަހަރު ވާހަކަދެއްކުމުގައި އެފަދަ ބަސްތައް ބޭނުންކުރެވެނީ ކަމަށެވެ. މި ރިޕޯޓް އެކުލަވާލުމަށްޓަކައި އަޅުގަނޑު ވާހަކަ ދެއްކި 10 ކުދިންގެ ތެރެއިން 8 ކުދިން ފާހަކޮށްފައިވާ ގޮތުގައި، އެކުދިންނަށް ކަމެއްވާއިރަށް އަތް އިސްކުރެވޭގޮތްވަނީ، މަންމަދެކެ ރުޅިއައިސްގެން ބައްޕަ ބައެއްފަހަރަށް މަންމަގެ ގައިގާ ތަޅާހަދާތީ، އެކަންތައް އަބަދު އަބަދު ސިފަވެފައި ހުންނާތީއެވެ.
ކަންދިމާވި ގޮތުން މި ރިޕޯޓް އެކުލަވައިލުމަށްޓަކައި ބަސްދީގަތުން ހޯދި 10 ކުދިންގެ ތެރެއިން 3 ކުދިންނަކީ އެކުދިންގެ ޢާއިލާ ރޫޅިފާއިވާ 3 ކުދިންނެވެ. އެތިންކުދިންގެ ތެރެއިން 2 ކުދިން ފާހަގަކުރީ، "އެކުދިންނަށް މަންމައާއި ބައްޕަގެ އަޅާލުން ނުލިބޭކަމަށާއި މިކަމުގެ ސަބަބުން ބައެއްފަހަރަށް ފިލާވަޅު ނުހަދާވެސް ދެވޭ އަދި އެކަމާމެދު ހިޔާލުކުރެވި އިތުރަށް ދެރަވާ ދުވަސްތަކުގައި، ދެރަވެފަ ހުންނަކަން އެހެންކުދިންނަށް ނުދައްކަންވެގެން ކުލާސްތެރޭގައި، ސަކަރާތްޖަހާލަނީ."[5] މިއީ އެކިސުކޫލުތަކުގެ ދަރިވަރުންގެ ވާހަކަތަކެވެ.
މީގެ އިތުރުން، މިކަމުގައި ބެލެނިވެރިންގެ ޚިޔާލު ހުރިނެތްގޮތްވެސް ބަލާލީމެވެ. އެމީހުންވެސް ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވަމުންދާތީ ވަރަށް ބޮޑަށް ހިތާމަކުރާކަން ފާޅުކުރިއެވެ. އަދި އެމީހުންގެ ތެރެއިން ގިނަމީހުން ވަނީ ބެލެނިވެރިންގެ ޢަމަލުތަކުގެ ސަބަބުން އަޚްލާޤު ދަށްވަން ދިމާވާ ސަބަބުތައްކަމަށް ދަރިވަރުން ފާހަގަކުރި ކަންކަމަށް އެއްބަސް ވެ ލައްވާފައެވެ. މިސާލެއްގެ ގޮތުން ގިނަބެލެނިވެރިންތަކެއް ފާހަގަކޮށްފައިވެއެވެ. " ޤާނުނާއި ޤަވާޢިދަށް ޙުރުމަތް ތެރިކޮށް ހިތުމުގައިވެސް ބައެއް މައިންބަފައިންގެ ކިބައިން ފެންނަނީ މިކަހަލަ މަންޒަރުތަކެއް. އަދި މިހެން މިކަން ވާނަމަ ދަރިފުޅުގެ އަޚުލާޤަށް ވާނީ ކިހިނެއްތޯއެވެ؟ އެދަރިފުޅަށް ވިސްނޭނީކޮން އެއްޗެއް ތޯވެސް ސުވާލު އުފައްދާފައި ވެއެވެ."[6]
ނޯޓް: އަދި ނުނިމޭ.
[2] ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުން މިމަޢުޟޫއަށް އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު ލިއުއްވާފައިވާ ހުކުރު ޙުތުބާއަކުން ނަގާފައި
[4] އަޅުގަނޑުމެން ބަސްދީގަތުން ހޯދައިފައިވާނީ ރާއްޖެތެރޭ ސުކޫލުތަކުގެ 5 ކުއްޖަކާއި މާލޭގެ ސުކޫލުތަކުގެ 5 ކުދިންގެ ފަރާތުންނެވެ. އެއީ ރާއްޖެތެއިން 3 ދަރިވަރަކާއި ބިލެއްދޫ ސުކޫލުގައި ކިޔަވާ 2 ކުއްޖަކެވެ. އަދި މަލެއިން ހިރިޔާ ސުކޫލްގެ 3 ދަރިވަރަކާއި ސީއެޗްއެސީގެ 2 ދަރިވަރެކެވެ.
No comments:
Post a Comment