ލިޔުނީ: އަޙްމަދު ޢާޞިމް
ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގަޢުމެކެވެ. މޭމަތީގައި އަތްޖަހާލައިފާ ތިމަންމީ މުސްލިމް ގަޢުމެއްގައި ދިރިއުޅޭ މުސްލިމެކޭ ބުނަނީ ފަޚުރު ވެރިކަމާއެކުގައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ މިމުޖުތަމަޢުން ފެނިގެން މިދަނީ ވަރަށްވެސް އަގަލު ކުޑަ މަންޒަރުތަކެކެވެ. މުސްލިމެއްގެ ގޮތުގައި ހުރެ، އިވެން ބޭނުން ނުވާފަދަ އަޑުތަކެކެވެ. އެހެރި ތަނުން މީހަކު މަރާލާފިއެވެ.
މިވެނި ގެއެއްގައި ޒިނޭކޮށްފިއެވެ. މިވެނި ފިހާރައެއްގެ ތިޖޫރީ ފަޅާ ލައިފިއެވެ. ނުވަތަ އެވެނި ފިހާރައަކުން ވައްކަން ކޮށްފިޔޭ ބުނާ އަޅު އަހާކަށް، ހަމަ ގައިމުވެސް އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިހާރު މިވަނީ މިހަޤީގަތާއި ކުރިމަތި ލާން ޖެހިފައެވެ.
މިލިޔުމުގައި އަޅުގަނޑު ބަލައިލާން ގަސްތު ކުރަނީ ވައްކަން ކުރުމާއި ބެހޭހޮތުންވެ. އޭ އަޅުގަނޑުގެ ލޮބުވެތި މުސްލިމް އަޚުންނޭވެ. ވައްކަން ކުރުމަކީ،ވަރަށް ގޯސް ޢަމަލެކެވެ. އެއީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެއީ ފާފަވެރިވާނެ ޢަމަލެކެވެ.
ތިމާ އެހެންމީހުން ހޯދާފައިވާ މުދާ ނުޙައްޤުން ބޭނުން ނުކުރުމަށް އަންގަވައި ﷲތަޢާލާ ވަޙީ ކުރަށްވާފައި ވެއެވެ. وَلاَ تَأْكُلُواْ أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُواْ بِهَا إِلَى الْحُكَّامِ لِتَأْكُلُواْ فَرِيقًا مِّنْ أَمْوَالِ النَّاسِ بِالإِثْمِ وَأَنتُمْ تَعْلَمُونَ (سورة البقرة-188) މާނައީ: ” އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكمންނަށް ނުދޭށެވެ!”
މީގެ އިތުރުން މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރަށްވާފައި ވެއެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ(سورة المائدة-38) މާނައީ: ” ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّهގެ حضرةން ކަނޑައަޅުއްވާފައިވާ عبرةތެރި عقوباتއެއްގެ ގޮތުންނެވެ.”ވައްކަން ކުރާ މީހާ، އެ ވައްކަން ކުރާވަގުތު އޭނާގެ އީމާންތެރިކަން ނެތްފަދައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރަށްވާފައި ވެއެވެ. لا يزني الزاني حين يزني وهو مؤمن، ولا يسرق السارق حين يسرق وهو مؤمن… (جامع الترمذي) މާނައީ: ” ޒިނޭ ކުރާމީހާ، އޭނާ މުއުމިނަކަށްވެހުރެ ޒިނޭ ނުކުރެއެވެ. އަދި ވައްކަންކުރާމީހާ އޭނާ މުއުމިނަކަށްވެހުރެ ވައްކަން ނުކުރެއެވެ.” އަދިވެސް ވައްކަމަކީ ﷲތަޢާލާގެ ލަޢުނަތް އެމީހެއްގެ މައްޗަށް ޙައްޤުވެގެންވާ ކަމެއްކަން ބަޔާން ކުރައްވައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރަށްވާފައި ވެއެވެ. لعن الله السارق الذي يسرق البيضة فتقطع يده، و يسرق الحبل فتقطع يده. (متفق عليه) މާނައީ: “ބިސް ވަގަށްނަގާ މީހާގެ ފަހެ އަތް ކަނޑާށެވެ. އޭނާއަށް މާތްﷲގެ ލަޢުނަތް ހުއްޓެވެ. އަދި ވާގަނޑު ވަގަށް ނަގާ މީހާގެ އަތް ކަނޑާށެވެ.”އަދި ވައްކަން ކުރާ މީހާގެ މައްޗަށް ﷲތަޢާލާ ވަނީ ޙައްދު ކަނޑައަޅުއްވާފައެވެ. މަޚްޒޫމް ވަންހައިގެ އަންހެނަކު ވައްކަން ކުރުމުން އޭނާގެ މައްޗަށް ޤުރައިޝުންގެ ފަރާތުން އުސާމާ ބިން ޒައިދުގެފާނު ޝަފާޢަތް ތެރިވެ ވަޑައިގަތުމުން ކީރިތި ރަސޫލާ صلى الله عليه وسلم މިންބަރަށް އަރާ ވަޑައިގެން އެކަމާއި ނުރުހުން ފާޅުކުރެއްވިއެވެ. އަދި އިތުރު ރަސޫލާ صلى الله عليه وسلم މާތްﷲ ގަންދެއްވައި ޙަދީޘް ކުރެއްވިއެވެ. لو أن فاطمة بنت محمد سرقت ؛ لقطعت يدها މާނައީ: “މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނުން ވައްކަން ކުރެއްވި ނަމަވެސް ހަމަކަށަވަރުން ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާ ހުށީމެވެ.”
ވައްކަމުގެ ޙައްދަކީ އަތްކެނޑުން ކަމުގައި ވީނަމަވެސް ކޮންމެ ކޮންމެ ވައްކަމެއްގައި އަތެއް ނުކެނޑޭނެއެވެ. ވައްކަން ކުރާމީހާގެ އަތްކެނޑޭނީ ޝަރުޠު ތަކެއް ފުރިހަމަ ވުމުންނެވެ. އެއީ
1. ވައްކަންކުރި މީހާއާއި ގުޅިފައިވާ ޝަރުޠު ތަކާއި
2. ވައްކަން ކުރި އެއްޗާއި ގުޅިފައިވާ ޝަރުޠުތަކާއި،
3. އެއެއްޗެއް ވަގަށް ނެގުނު މީހާއާއި ގުޅިފައިވާ ޝަރުޠުތަކާއި
4. އެއެއްޗެއް ވަގަށްނެގުނު ތަނާއި ގުޅިފައިވާ ޝަރުޠުތައް މިއެވެ.
ހަމަ ކަށަވަރުންވެސް ނައިސްނުދާނޭ ދުވަހެއް އޮތްކަން ދަންނާށެވެ. އެދުވަހަކީ ހިސާބު ބެއްލެވޭނެ ދުވަހެވެ. އެދުވަހުން އެމީހަކު ކުޅަ ޢަމަލެއްގެ ޖަޒާ ދެއްވޭނެވެ. އަދި އެދުވަހަކީ އަހަރެމެން ބޭނުންވާފަދައިން ޙުކުމްތައް ބަދަލު ކުރެވޭނެ ދުވަހެއް ނޫނެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللّهِ حُكْمًا لِّقَوْمٍ يُوقِنُونَ (سورة المائدة-50) މާނައީ: “ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟”
ދަންނާށެވެ! ﷲތަޢާލާގެ އަޒާބު ގަދަފަދަ ވެގެން ވެއެވެ. އެ ޢަޒާބަށް ބިރުވެތިވެ އަވަހަށް ތައުބާވާށެވެ. އަދި މީހެއްގެ މުދަލެއް ނެގިފައި ވާނަމަ އެމީހަކަށް އެ މުދަލެއް އަވަހަށް ރައްދު ކުރާށެވެ. ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ޤާބޫލު ކުރައްވާ ރަސްކަލާނގެއެވެ. މާތްﷲ ވަޙީ ކުރަށްވާފައި ވެއެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيم ” (سورة الزّمر- 52) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.”
No comments:
Post a Comment