26 September 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި

-->
  ލިޔުނީ: އަޙްމަދު ޢާޞިމް
  1.    ލޯބީގެ ތަޢުރީފެއް
މި މަޢުޟޫއަށް އިންސާފު ކުރުމުގެ ކުރިން، އިލްމުވެރިން ލޯބި މާނަކުރާ ގޮތަށް ބަލައިލާނަމެވެ. އާދޭހެވެ! ބަހުގެ އިލްމުވެރިން ތާފާތު ގޮތްތަކަށް ލޯބި މިލަފުޡު މާނަ ކޮށްފައިވެއެވެ. މި ގޮތުން އަރަބި ބަހުގައި ލޯތްބަށް މިކިޔަނީ "އަލްމުހައްބަތު" އެވެ. މިބަހުގެ މާނައަށް ވަކިން ބަލައިފިނަމަ އިލްމުވެރިން ވިދާޅުވަނީ އޭގެ މާނައަކީ ކުލުނެއެވެ. ހަމްދަރުދީއެވެ. ރަހުމެވެ. މީހެއްގެ ހިތުގައި އުފެދޭ ޝުއުރުތަކަށް ބަލައިރު އޭނާގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް އަސަރުކުރާ ޝުއުރަކީ ލޯތްބެވެ.
އެހެންކަމުން ބައެއް ޢިލްމުވެރިން ލޯބި މާނަކުރަނީ ދެއެއްޗެއް ގުޅުވުމަށް ފަހު ޘާބިތުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެއްޗަކާމެދު ލޯބި ޖެހިއްޖެނަމަ އޭގެ ސަބަބުން އޭނައަށް އެއެއްޗަކާ ދުރަށް ދިޔުމަށް އުނދަގުވާ ދަރަޖައަށް އޭގެ ހިތުގެ އަޑިއަށް އެއްޗެއް ވައްދައިދެއެވެ. ( މާތްﷲ އަށް ލޯބިކުރުން މިމައުޟޫގެ ދަށުން 5 އޭޕުރީލް 2007 ގައި ބަންޑާރަ މިސްކިތުގައި ޝައިހު އިމްރާން ޢަބްދުﷲ ދެއްވާފައިވާ ދަރުސުންނެވެ.)  އަދި އެމީހަކު ލޯބިވާ މީހަކު ރުހޭކަންތައްތަކާއި ނުރުހޭ ކަންތައްތައް އެމީހަކަށް އެނގެންޖެހޭނެއެވެ. އަދި އެމީހާގެ ރުހުން ހޯދޭނެ ގޮތްތައް ފުރިހަމައަށް އެނގެން ޖެހޭނެއެވެ.
މިގޮތުން ތިރީގައި ބަޔާންވެގެން އެވަނީ ﷲ ދެކެ ލޯބިވެވޭނެ ގޮތްތަކާއި އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވާ ކަންތަކެވެ. މިގޮތުން ﷲ ނުރުހުންވެވޮޑިގަންނަވާ ކަންތައްތަކުން ތިމާ ދިރުވުމުން އެކަލާނގެ ރުއްސެވުން ލިބޭނެއެވެ.
2.    މާތް ﷲ އަށް އޮންނަންޖެހޭ ލޯބީގެ ފުރަތަމަ އަސާސަކީ މާތް ﷲގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.
މާތް ﷲ އަށް ލޯބިކުރާ ކޮންމެ މީހަކު އިސްލާމްދީނަށް ލޯބިކުރަން ޖެހެއެވެ. އެހެނީ މާތްﷲއަށް އީމާންވެގެން ނޫނީ އިސްލާމްދީން ގަބޫލު ނުކުރެވޭނެއެވެ. ނުވަތަ މުޢުމިންކަށް ނުވެވޭނެއެވެ. އެހެންކަމުން މާތް ރަސްކަލާނގެއަށް ލޯބިކުރާ މީހަކު ފުރަތަމަ ޖެހެނީ އެމީހަކަށް ﷲގެ ޒާތުފުޅު ނުފެނުނު ކަމުގައިވިއަސް ﷲ އަށް އީމާންވާށެވެ. سُورَةُ آلِ عِمْرَان 2 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވަނީ  اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ  މާނައީ" ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އެންމެހައި ތަކެއްޗެއް ބެލެހެއްޓެވުމުގައި ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަބޫ ޢަބްދުލް ޢަޤްރަޝީ ވިދާޅުވަނީ " އެހެނީ އެލޯތްބަކީ އީމާންކަމުގެ ރޫޙެވެ. އީމާންކަން ބިނާވެގެންވަނީ އެރޫހުގެ މައްޗަށެވެ. އެފުރާނާގެ މައްޗަށެވެ. ﷲ ސުބުހާނަހޫ ވަތަޢަލާގެ ހަޟުރަތުގައި އޭނާގެ މަތިވެރިކަން ބިނާވެގެންވަނީ އެލޯބީގެ މައްޗަށެވެ. މީހެއްގެ ހިތުގައި ﷲ އާ މެދުގައި ލޯބީގެ ގަސް އިންދި އިޙުލާސްތެރިކަމުން އެއަށް ފެންދެވިއްޖެނަމަ އެގަސް އުފެދި ބޮޑުވެގެންއައިސް އޭގެ ތަނަވަސް މޭވާ އޭނާގެ ހިތަށް ގެނެސްދޭ އޭނާގެ މުޅި ހަޔާތުން ﷲ ތަޢަލާއަށް އަޅުކަން ކުރުމުގެ ރޫހާއި އަޅުކަން ކުރުމުގައި ޝަޢުޤުވެރިކަމާއި ﷲ އަށް ކިޔަމަންތެރިކަމާއި ﷲގެ ހަޟުރަތުގައި ނިކަމެތިކަމާއި ތަޒައްޟުލާ މަޑުމައިތިކަން އޭނާގެ މުޅި ޙަޔާތުގެ މައްޗަށް ވެރިވެގެންދެއެވެ. އެއީ ﷲ އާ މެދުގައި ލޯބި އުފެދިގެން ދިޔުމެވެ." މީގެ އިތުރުން އެބޭފުޅާ ވިދާޅުވަނީ "  ހަޤީގަތުއި    لا إله الا الله މިކަލިމާގެ މާނައަކީ ލޯތްބެވެ." (އަބޫ އަބްދުލް އަޤްރަޝީ ގެ ބަސްފުޅުކަމަށް މިލިޔުމުގައި އެވާ ބަސްކޮޅު ނަގައިފައިވަނީ މާތްﷲ އަށް ލޯބިކުރުން މިމައުޟޫގެ ދަށުން 5 އޭޕުރީލް 2007 ގައި ބަންޑާރަ މިސްކިތުގައި ޝައިހު އިމްރާން ޢަބްދުﷲ ދެއްވާފައިވާ ދަރުސުންނެވެ.)
އެހެންކަމުން އިސްލާމް ދީނުގެ ތަޢުހީދުގެ ކަލިމަ ކަމުގައިވާ لا إله الا الله މި ކަލިމާގެ މާނަކަމުގައިވާ ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް ޤަބޫލުކުރުމަކީ ﷲއަށް ލޯބިވުމުގެ ފުރަތަމަ އަސާސެވެ. އަލްބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވަނީ وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ މާނައަކީ " ﷲ ފިޔަވައި އަޅުކަންކުރުމަށް ޝަރީކުންތަކެއް ހަދައި، ﷲ ދެކެ ލޯބިވާ ފަދައިން އެތަކެތި ދެކެ ލޯބިވެ އުޅޭ ބަޔަކު، މީސްތަކުންގެ ތެރޭގައި އުޅެއެވެ. ނަމަވެސް އެބައިމީހުން، އެމީހުން ޝިރުކު ކުރާ ތަކެތި ދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް، މުއުމިނުން ﷲ ދެކެ ލޯބިވެއެވެ. ޤިޔާމަތްދުވަހުގެ ޢަޛާބު ކާފިރުންނަށް ފެންނަ ހިނދު، ހުރިހާ ބާރެއް މިލްކުވެވޮޑިގެންވަނީ ﷲއަށްކަން އެމީހުންނަށް އެނގޭނެތެވެ. އަދި ހަމަކަށަވަރުން ﷲއީ ޢަޛާބު ދެއްވުމުގައި ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ( ކުރީގެ ޤުރުއާން ތަރުޖަމާއިން )
އާދޭހެވެ! މާތްﷲ އަށް އެންމެ ފުރިހަމަ ގޮތުގައި ލޯބިކުރެވޭނީ އެމީހަކީ ފުރިހަމަ މުސްލިމަކަށް ވެގެންނެވެ. މާތް ﷲ ވަހީ ކުރައްވަނީ  إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ  (سُورَةُ آلِ عِمْرَان 19)-" ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ."       އެހެންކަމުން މަތީގައި ބަޔާންވެގެން އެދިޔަ ޤުރުއާނުގެ ދަލީލުތަކުން ޘާބިތުވަނީ ﷲ އަށް އޮންނަންޖެހޭ ލޯބި އަދާކުރެވޭނެ ފުރަތަމަ އަސާސަކީ ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމެވެ.

No comments:

Post a Comment