02 October 2010

އުމަވީ ދައުލަތް - ޢިލްމާއި ފަންނު ، އިޤުތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިއަށް ގެންދިއުމުގެ ދައުރު

-->
އުމަވީ ދައުލަތުގެ ދުވަސްވަރު މުސްލިމުން ކާމިޔާބު ހޯދީ ހަމައެކަނި އަސްކަރީ ހަނގުރާމަތަކުގައެއް ނޫނެވެ. އިސްލާމްދީނަކީ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތައް މަސައްކަތް ކުރުމަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނަށްޓަކައި ޖިހާދުކުރުމަކީ މާތްމަތިވެރި ، ޢަމަލަކަށް ވީހިނދު ޢިލްމަށްވެސް ޚާއްޞަ މަޤާމެއް އިސްލާމްދީނުގައި ދެވިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ، ޚާއްޞަކޮށް އުމަވީން ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މިގޮތުން އެދުވަސްވަރު ޢިލްމީ މަރުކަޒުތައް ޤާއިމުކުރެއްވިއެވެ. އޭގެތެރޭގައި މައްކާ ، މަދީނާ ، ބަޞަރާ ، ކޫފާ ، ދިމިޝްޤު ، އިސްކަންދަރިއްޔާ އަދި ފުސްޠާޠު ފަދަ ރަށްތައް ހިމެނެއެވެ.
މިގޮތުން ޤުރްއާނުގެ ޢިލްމު މައްކާއާއި މަދީނާއިން ފާޅުވިއެވެ. އަދި ޢަރަބި ބަހުގެ ޤަވާޢިދު އުފެދިގެންއައީވެސް މައްކާއާއި މަދީނާއިންނެވެ. އެންމެ ފުރަތަމަ ޢަރަބިބަހުގެ ޢިލްމުގެ ޤަވާޢިދުތައް އެކުލަވާލީ އުމަވީ ދައުލަތުގެ ދުވަސްވަރު އަބުލް އަސްވަދުއް ދުއަލީއެވެ. އެއަށްފަހު ބަޞަރާގައި މިބުނި ޢިލްމު ކުރިއަށް ގެންދެވުމުގައި ނުވަތަ ފެތުރުއްވުމުގައި ޔަހުޔާ ބިން ޔަޢުމުރު އައްނަހްވީއާއި އަދި ޚަލީލު ބިން އަޙުމަދު އަލްފަރާހިދީ ޙަރަކާތްތެރި ވެފައިވެއެވެ.
ޙަދީޘް ޢިލްމު ބަލަހައްޓާ ދެމެހެއްޓުމުގައި މާލިކު ބިން އަނަސް އާއި މުޙައްމަދު ބިން މުސްލިމު ޝިހާބުއްދީން އައްޒަހުރީ ޙަރަކާތްތެރިވެފައިވެއެވެ. މިބުނެވުނު މީސްމީހުންނަކީ އަބީ ސަޢީދުލް ޚަދްރީއާއި އަބޫހުރައިރާގެ އަރިހުން ޙަދީޘް ޢިލްމު ލިބިގަނެގެން ތިބި ބޭފުޅުންނެވެ.
ތަފުސީރު ޢިލްމަށް ބަލާއިރު ޢަބްދުﷲ ބިން ޢައްބާސް ، ސަޢީދު ބިން ޖުބައިރު ، މުޖާހިދު ބިން ޖަބީރު ، އިކްރިމާ ބިން ޢަބްދުﷲ ، ޠާއޫސް ބިން ކައިސާ އަޠާޢު ބިން އަބީ ރަބާޙު އަދި މުޙައްމަދު ބިން ކައުބު ބިން އަލްޤުރަޟީ ފަދަ ބޭފުޅުން ފާހަގަ ކޮށްލެވެއެވެ.
ދީނީ ޢިލްމުގެ އިތުރުން އެހެނިހެން ޢިލްމުތަކަށްވެސް އުމަވީން ސަމާލުކަން ދީފައިވެއެވެ. އެދުވަސްވަރު ، ވައްހާބު ބިން މުނައްބަހު ، އުރުވަތު ބިން ޒުބައިރު ބިން ޢައްވާމު އަދި މުޙައްމަދު ބިން ޝިހާބު އައްޒުހުރީ ފަދަ ބޭފުޅުން ތާރީޚުގެ ޢިލްމު ދެމެހެއްޓުމުގައި މަސައްކަތްކުރެއްވިއެވެ.
ކެމިސްޓްރީގެ ޢިލްމު ނުވަތަ ކީމިޔާ އޭގެ ޢިލްމީ މަފްހޫމުގައި ފާހަގަ ވެގެން ދިޔައެވެ. ކެމިސްޓްރީ ޢިލްމު ފާޅުކުރެއްވުމުގައި އުމަވީންގެ އަމީރެއް ކަމުގައިވާ ޚާލިދު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީސުފްޔާން މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އިސްކަންދަރިއްޔާއާއި ޖިދީސާޕޫރު ފަދަ ރަށްތައް ކެމިސްޓްރީ ޢިލްމުގައި ކުރިއަރައި ދިޔައެވެ.
ދިމިޝްޤު އަދި އިސްކަންދަރިއްޔާގައި ތަރުޖަމާގެ ޢިލްމު ކުރިއަރައި ދިޔައެވެ. އެދުވަސްވަރު މަޝްހޫރު ތަރުޖަމާ ކުރައްވާ ބޭފުޅުންގެ ތެރޭގައި ޙައްސާން ބިން އަބީ ސިނާން ފާހަގަ ކޮށްލެވެއެވެ. ޙައްސާން ބިން އަބީ ސިނާނަކީ ޢަރަބިބަހާއި ފާރިސީބަސް އަދި ސިރިޔާނީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
ޢިލްމުގެ އިތުރުން    ވެސް ވަރަށްގިނަ ކަންތައްތަކަށް އުމަވީ ދައުލަތުގެ ދުވަސްވަރު އަހައްމިއްޔަތުކަން ދީފައިވެއެވެ. އޭގެތެރޭގައި ސިފައިންގެ އެކިބައިތައް އުފެއްދެވުމާއި ، އާގުބޯޓް އުފެއްދެވުމާއި ، ކަރުދާސް އުފެއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕޯސްޓުގެ ނިޡާމް ޤާއިމުކުރައްވައި ތައްގަނޑުގެ ބޭނުން ކުރަންފެށިއެވެ.
ވަރަށް ގިނަ ފަންނުތައްވެސް އުމަވީ ދައުލަތުގެ ދުވަސްވަރު ކުރިއަރައިގެން ގޮސްފައިވެއެވެ. ލަކުޑިއާއި ފޭރާމުގެ ކުރެހުން އެޅުމުގެ ފަންނު އުމަވީންގެ ދުވަސްވަރު ވަރަށްބޮޑަށް ފެތުރިގެން ގޮސްފައިވެއެވެ. މިސްކިތްތަކުގެ މުންނާރުތަކާއި ތަނބުތަކުން ފެށިގެން ރަށްތަކުގެ ގޭޓްތަކާއި ބަގީޗާތަކުގެ ގޭޓްތަކުން ވެސް މިބުނި ފަންނުގެ އަސަރު ފެންނަން އެބަހުއްޓެވެ. " ރަހާ " އަދި " ޙަލްބު " ފަދަ ރަށްތަކަކީ މިކަމުގެ އަސަރު ފެންނަންހުރި ނަމޫނާ ރަށްތަކެވެ. ޤުދުސުގައިވާ މަސްޖިދުލް އަޤުޞާގެ ލަކުޑި ތަބުތަކުން މިކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ. ޠޫނިސްގައި ޙައްސާން ބިން ނުޢުމާން ބިނާކުރެއްވި ޒާއިތޫނާ އޭ ކިޔުނު މިސްކިތުން ވެސް މިފަންނުތަކުގެ އަސަރު އަދިވެސް ފެންނަން އެބަހުއްޓެވެ. ހަމަމިގޮތައް ޤައިރުވާނުގެ ބޮޑު މިސްކިތުގެ މުންނާރަކީ މިހާރު ފެންނަންހުރި މިފަދަ ފަންނުތައް ދޭހަކޮށްދޭ ރަނަގަޅު ނަމޫނާއެކެވެ.

ސްޕޭން ފަތަޙަ ވުމުން އިސްލާމީ އިޤްތިޞާދު ވަރަށްބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި ޢަރަބި އިޤްތިޞާދަކީ 
މިނިވަން އިޤްތިޞާދަކަށް ވެސް ވެގެން ހިނގައްޖެއެވެ. ޚަލީފާ ޢަބްދުލް މަލިކު ބުނި މަރުވާން ޢަރަބި ފައިސާފޮތި  
ޖެއްސެވިއެވެ. އޭގެ ކުރީގައި ޢަރަބީން ޢިރާޤުގައި ބޭނުން ކުރަމުން އައީ ސާސާނީ ޤައުމުގެ ފާރިސީ ލިއުމެއްވާ 
ފައިސާ ފޮއްޗެކެވެ. އަދި މިޞްރާއި ޝާމްކަރައިގައި ބޭނުންކުރަމުން އައީ ބީޒާންތީނީ ދައުލަތުގެ ޔޫނާނީ ލިޔުމަކުން ލިޔެފައިވާ ފައިސާއެކެވެ.

No comments:

Post a Comment