22 November 2010

ޒަންކީ ދަޢުލަތުގެ ވަރުގަދަ ދެ ޝަހުޞިއްޔަތުން ކަމުގައިވާ އިމާދުއްދީން ޒަންކީ އާއި އެމަނިކުފާނުގެ ދަރިކަލުންގެ ކުރު ތަޢުރީފެއް

 އިމާދުއްދީން ޒަންކީގެ ކުރު ތަޢުރީފެއް
ޢިމާދުއްދީން ޒަންކީއަކީ ނޫރުއްދީން ޒަންކީގެ ބައްޕާފުޅެވެ. އެއީ ޒަންކީ ދަޢުލަތުގެ ބާނީއެވެ. އެމަނިކުފާނަކީ އިސްލާމީ ދުނިޔެއަށް އެދުވަސްވަރު ކުރިމަތިވެގެން ދިޔަ ނުރައްކަލާއި ބައިބައިވެފައި އޮތް އިސްލާމީ ދުނިޔޭގެ ޙާލަތު ވަޒަންކުރެވުނު ޤާއިދެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް މިޙާލަތު ބަދަލު ކުރެއްވުމުގެ މަސްއޫލިއްޔަތު އުފުއްލެވިއެވެ. އެގޮތުން، މޫޞިލްއާއި ޙަލަބުގައި އެމަނިކުފާނުގެ ދަޢުލަތް ޤާއިމުކުރިއެވެ. އަދި އެއަށްފަހު ޞަލީބީންނާ އިދިކޮޅަށް ޖިހާދުގެ ދިދަ އުފުއްލެވިއެވެ. މިކަމުގައި ޢިމާދުއްދީން ޒަންކީއަށް ކުރިމަތިވަޑައިގެންނެވި އެންމެ ބޮޑު ހުރަސް ކަމުގައިވާ އެސަރަހައްދުގައި އޮތް ބައިބައިވުން ނައްތާލުމަށްޓަކައި އަތުކުރި އޮޅާލިއެވެ.
މިގޮތުން ވަރަށް ދިގު ފިޔަވަޅުތަކެއް ހުރަސްކުރުމަށްފަހު، ޝާމްކަރާގެ އުތުރުގެ ސަރަޙައްދުތައް މޫޞިލްއާ އެއްކޮށްލުމުގައި ކާމިޔާބު ކުރެއްވިއެވެ. އެއަށްފަހު ޞަލީބީން ފައްސައިލެއްވުމަށް ނިކުމެ ވަޑައިގެން، އެކަމުގައި އެމަނިކުފާނު ކާމިޔާބު ހޯއްދެވިއެވެ. އަދި ޞަލީބީންގެ އަތްދަށުން ރުހާ މިނިވަން ކުރެއްވިއެވެ.
އެމަނިކުފާނު އަވަހާރަވީ ހިޖުރައިން 541 ވަނަ އަހަރު، ޖައްބަރު ކިއްލާގެ ކުރިމަތީގައި ރުކުރުވައިލެވިފައިވާ ލަޝްކަރުގައި ހުންނަވަނި ކޮށެވެ.
ނޫރުއްދީން ޒަންކީގެ ކުރުތަޢުރީފެއް
ނޫރުއްދީން މަޙަމޫދު ޒަންކީ އަކީ އިމާދުއްދީން ޒަންކީގެ ދަރިކަލެކެވެ. އެއީ ޒަންކީ ދަޢުލަތުގެ ވަރުގަދަ ޝަހުޞިއްޔަތެކެވެ. އެމަނިކުފާނު ކަންތައްތައް ކުރައްވާފައިވަނީ އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސަތާ އެއްގޮތަށެވެ. އެމަނިކުފާނު އިރުމަތީ އިސްލާމީ ސަރަޙައްދުތަކުގެ އަފްރާދުންގެ މެދުގައި ޖިހާދުކުރުމުގެ ޖޯޝާއި ރޫޙު އާލާކުރުމުގެ ބުރަމަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
އެމަނިކުފާނަށް ލިބިވަޑައިގަތީ ޒަންކީ ދަޢުލަތުގެ ހުޅަނގުފަޅިއެވެ. އެދުވަސްވަރު ޝާމުކަރާގެ މުސްލިމުންގެ ސަފުތައް އެކަތިގަނޑަކަށް ހެއްދެވުމުގެ ހުރަހެއްގެ ގޮތުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ދެމައްސަލައަކީ ދިމިޝްޤުގެ ވެރީންނާއި، އެކަރައިގެ އެތަން މިތާ ސަރުކާރު ހަދާގެން ތިބި ޞަލީބީންނެވެ.
ޙަލަބަށް ތަބާވާ ޝާމްކަރައިގެ އުތުރުފަޅިއާއި، ދިމިޝްޤަށް ތަބާވާ އެކަރައިގެ ދެކުނު އެއްކޮށްލުމުގައި އެމަނިކުފާނު ކާމިޔާބު ހޯއްދަވިއެވެ. އެއީ މޫޞިލް ފުރިހަމައަށް ކޮންޓުރޯލް ކުރައްވަމުންނެވެ. އަދި ޞަލީބީންނާއި އިދިކޮޅަށް ޖިހާދު ކުރިއަށް ގެންދެވިއެވެ. އަދި އެމަނިކުފާނުވަނީ މިޞްރުގައި އޮތް ފާޠިމީދަޢުލަތް  ނިންމުމަކަށް ގެނެސް އައްބާސީ ޙިލާފަތުގެ ތެރެއަށް މިޞްރު އަލުން ވެއްދެވިއެވެ.
ހިޖުރައިން 569 ވަނަ އަހަރު ނޫރައްދީން އަވަހާރަވީ އިރު ދޫކުރެއްވި ދަރިކަލުންނަކީ އަލްމަލިކުއް ޞާލިޙް އިސްމާޢީލް ބިން ނޫރައްދީނެވެ. ( މިމަޢުލޫމާތަކީ އަޅުގަނޑުމެންގެ ތާރީޚު އުސްތާޛު އަލްއުސްތާޛު އާދަމް ފަޔާޒުގެ މުޙާޟަރާއިން ނެގި މަޢުލޫމާތެކެވެ)

No comments:

Post a Comment