23 November 2010

އައްޔޫބީ ދައުލަތް އުފެދިގެން އައިއިރު އިސްލާމީ ދައުލަތް އޮތްގޮތް


ލިޔުނީ އަޙްމަދު ޢާޞިމް
އައްޔޫބީ ދައުލަތް އުފެދިގެން އައީ ޒަންކީދައުލަތުންނެވެ. އެދުވަސްވަސްވަރަކީ ، ޞަލީބީ ހަނގުރާމައިގެ ނަންދެވު ހަމަލާތަކެއް، އިސްލާމީ ދުނިޔެއަށް ކުރިމަތިވެގެން އައި ޒަމާނެކެވެ. ހަމައެހެންމެ ، އެއިރު މުސްލިމުންގެ މެދުގައި އޮތީ ބައިބަވުމާއި ދެކޮޅުވެރިކަމެވެ. މުޅި އިސްލާމީ ދުނިޔެ އޮތީ ދާޚިލީ ހަމަނުޖެހުއެއްގެތެރޭގައެވެ. އެގޮތުން ، އިސްލާމީ ދުނިޔޭގެ އިރުމަތީ ބިތުގައި އޮތް ޢައްބާސީ ޚިލާފަތައް ސަލްޖޫގީންގެ ނުފޫޒު ފޯރައި ، އެދަޢުލަތް ރޫޅިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެދައުލަތުގެ އަމީރުންގެ މެދުގައި ވެރިކަމާއި ނުފޫޒުގެ ކޯޅުންގަނޑު ފެށުނެވެ. އަދި މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ އަމީރުންވެސް ޚަލީފާއިންގެ މައްޗަށް ނުފޫޒުފޯރުވަމުން ދިޔައެވެ.
އިސްވެދިޔަ ދެ ދަޢުލަތުންވެސް (ސަލްޖޫޤީންނާއި، ފާޠިމީންވެސް) އަމާޒަކަށްވީ ޝާމްކަރައެވެ. ނަމަވެސް މިބައިމީހުންނަށް އެރަށަށް ބާރުފޯރުވޭވަރެއް ނުވިއެވެ. އެކަރައިގެ އަމީރުން އެއަށްވުރެ މާ ހުޝިޔާރެވެ. އެގޮތުން ކޮންމެ އަމީރަކުވެސް މަސައްކަތްޕުޅު ކުރެއްވީ އެއަމީރެއްގެ މިލްކިއްޔާތު ފުޅާކުރެއްވުމަށެވެ. މިކަމުގެ ތެރެއިން ޝާމްކަރަ ހިމެނޭ ސަރަޙައްދުގެ ވެރިކަން ޢަޒުމްވަރުގަދަ އަމީރުންކޮޅެއްގެ މެދުގައި ބެހިގެން ދިޔައެވެ. ނަތީޖާއަކަށްވީ އެބޭފުޅުންގެ ވެރިކަން ، މޫޞިލާއި، އަންޠާކިޔާއާއި، ރަހާއާއި، ޙަލަބާއި، ދިމިޝްޤާއި، ބައިތުލްމަޤްދިސްއާއި އެނޫންވެސް ތަންތަނުގައި އުފެދުމެވެ. ނަމަވެސް އިސްވެދިޔަ ކޮންމެ ބަޔަކީވެސް އެބަޔަކަށް ޚާއްޞަ ސިޔާސީ އިޖްތިމާޢީ ސިފަތަކެއް ލިބިގެންވި މިނިވަންބައެކެވެ.
ޞަލީބީން އައީ މިކަހަލަ ނާޒުކުފައްތަރެއްގައި އިސްލާމީ ދުނިޔެ އޮއްވައެވެ. އެގޮތުން ޢަރަބި ކަރައިގައާއި ޝާމްގެ ރަށްތަކުގައި ޞަލީބީ ހަނގުރާމައިގެ ހުޅުގަނޑު ރޯވިއެވެ. ނަތީޖާއަކަށްވީ ރުހާ އާއި ، އަންޠާކިޔާ އާއި ބައިތުލްމަޤްދިސާއި، ޠަރާބުލަސް ގައި ޞަލީބީން ލެޓިނުންގެ ސަރުކާރެއް ޤާއިމްކުރުމެވެ. މިފަދަ 

ކަންތައްތަކެއްގެތެރޭގައި މުޅި އިސްލާމީ ދުނިޔެ ވަނިކޮށް އައްޔޫބީ ދައުލަތް މިވުޖޫދުގައި ޤާއިމްވީއެވެ. 

(މިމަޢުލޫމާތު އަޅުގަނޑަށް ލިބިފައިވަނީ އަޅުގަނޑުމެންގެ ތާރީޚު އުސްތާޛު އަލްއުސްތާޖު ޢާދަމް ފަޔާޒުގެ 

މުހާޟަރާއިން ނެވެ.)

No comments:

Post a Comment