26 November 2010

މާމާލިކުންގެ ދަޢުލަތް އުފެދުމަށް މެދުވެރިވި ސަބަބުތަކާއި އައްޔޫބީ ދަޢުލަތުގެ އެއްރަސްގެފާނުގެ އަނބިކަނބަލުން ޝަޖުރަތުލް ދުއްރުގެ ހިކުމަތް ތެރިކަން ހާމަކޮށްދޭ ހާދީސާ

ޝަޖަރަތުއް ދުއްރު
ޝަޖަރަތުއް ދުއްރަކީ މަލިކުއް ޞާލިޙްނަޖުމުއްދީން އައްޔޫބުގެ އަނބިކަބަލުންނެވެ. އެކަމަނާގެ ބަނޑުފުޅުން މިރަސްގެފާނަކަށް ދަރިއަކު ލިބިވަޑައެއް ނުގަންނަވައެވެ. ޝަޖަރަތުއް ދުއްރަކީ ޠޫރާން ޝާހްގެ ދޮންމަންމާފުޅެވެ. އެކަމަނާއަކީ މަމާލިކުންގެ ބޭފުޅެކެވެ. ސަބަބަކީ އެކަމަނާއަކީ މަލިކުއްޞާލިޙް ބައްލަވައިގަތް އަރްމިނީ ދަރިކޮޅުގެ ޖާރިޔާއެކެވެ. ޠޫރާން ޝާހް އަވަހާރަކޮށް އައްޔޫބީ ދަޢުލަތް ނިމުމަކަށް ގެނައުމުގައި ޝަޖަރަތުއް ދުއްރުގެ ވަރަށް ބޮޑު ދަޢުރެއް އަދާކުރެއްވިއެވެ. އަދި އެކަމަނާއަކީ ވަރަށް ޙިކުމަތްތެރި ބޭކަނބަލެކެވެ.
1.    ޝަޖުރަތުއް ދުއްރުގެ ޙިކުމަތްތެރިކަން އެނގޭ ހާދިޘާއެއް
ޝަޖަރަތުއް ދުއްރުގެ ހިކުމަތްތެރިކަން އެނގޭ އެއްގޮތަކީ މަންޝޫރާ ހަނގުރާމަ ކުރައްވަމުން ދަނިކޮށް އައްޔޫބީންގެ ރަސްގެފާނު އަލްމަލިކުއް ޞާލިޙް ނަޖުމުއްދީން އައްޔޫބު އަވަހާރަވުމުން އެކަމަނާ ކަންތައްކުރެއްވި ހިކުމަތްތެރިގޮތެވެ. މިކަމަނާ ކުރެއްވި ކަމަކީ ރަސްގެފަނު އަވަހާރަވެއްޖެކަން ސިއްރު ކުރެއްވީއެވެ. އަދި ރަސްގެފާނާއި އެއްވެސް މީހަކު ބައްދަލުކުރުން ޑޮކްޓަރުން މަނާކުރާ ކަމުގައި ޚަބަރު ފެތުރުއްވިއެވެ. އެއަށްފަހު މަލިކުއް ޞާލިޙުގެ ދަރިކަލުންނަށް ބައްޕާފުޅު އަވަހާރަވި ވާހަކައާއި އެމަނިކުފާނަށް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް މިސްރަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. އަދި ތޫރާން ޝާހް ވަޑައިގަންނަވަންދެން ރަސްގެފާނުގެ އެންމެ އިސް ވަޒީރު ފަހރުއްދީން ޔޫސުފަށް ގައުމުގެ އެންމެހާ ކަންކަން ހިންގެވުމަށް ހަވާލުކުރެއްވިއެވެ. އަދި މަންޝޫރާ ހޔަނގުރާމަ ކުރިއަށް ގެންދިއުމަށް ފާރިސުއްދީން އަޤްޠާއީ އާއި ރުކުނުއްދީން ބޭބްރަސް އަށް އެންގެވިއެވެ. ޝަޖަރަތުއް ދުއްރުގެ މިހިކްމަތްތެރި ހިންގުމުގެ ސަބަބުން މި ނުރައްކާތެރި ދަނޑިވަޅުގައި ރަސްގެފާނު އަވަހާރަވުމުން ހިނގައިދާނެ އެއްވެސް ނުރައްކަލެއް ނުހިނގާ ވަރަށް އޮމާންކޮށް ހުރިހާ ކަމެއް ނިމިގެންދިޔައެވެ.
މިހާ ސިއްރުކުރެވިފައި އޮއްވާވެސް ޞަލީބީންނަށް އެޚަބަރު ލިބުނެވެ. ނަތީޖާއަކީ މިބައިމީހުންނަށް އިތުރަށް ހިތްވަރުލިބި ހަނގުރާމައިގެ ފޯރިގަދަކޮށްލުމެވެ. އެހެން ނަމަވެސް ކުރިންބުނި ދެކޮމާންޓަރުން ފާރިސުއްދީނާއި ރުކުނުއްދީނާއި ދެބޭފުޅުން އާ ޕްލޭނެއް ރޭއްވުމަށްފަހު ޝަޖަރަތުއް ދުއްރާ މަޝްވަރާކުރެއްވުމުން އެކަމަނާ އެއަށް ރުހުންދެއްވުމުން މަންޝޫރާ ހަނގުރާމަ ކުރިއަށް ގެންދެވުނެވެ. އެގޮތުން މުސްލިމުންނަށް މިހަނގުރާމައިން ވަރަށް ފުރިހަމަ ނަސްރެއް ލިބުނެވެ. 

މާމާލިކުންގެ ދަޢުލަތް އުފެދުމަށް މެދުވެރިވި ސަބަބުތަކާއި  
 

މަމާލިކުންގެ ދަޢުލަތް އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އައްޔޫބީންގެ އެންމެފަހުގެ ރަސްގެފާނު ޠޫރާން ޝާހަށް މަމާލިކުންނާއި، އެމަނިކުފާނުގެ ދޮންމަންމާފުޅުގެ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަން ނުކުރެއްވުމާއި، ބައްޕާފުޅު ގެންގުޅުއްވިފަދަ ހަރުދަނާ އުސޫތަކެއް ނުގެންގުޅުއްވުމާއި ބައްޕާފުޅު އަރިހުގައި ގެންގުޅުއްވި ހަރުދަނާ ވަޒީރުން އެކަހެރި ކުރެއްވުން ހިމެނެއެވެ.
ދޮންމަންމާފުޅުގެ އިސްތަށިފުޅުގައި ތަފާތު ތުހުމަތުތައް އަޅުވައި އެކިއެކި ފިއްތުންތައް ކުރިމަތިކުރައްވަން ފެއްޓެވުމުން އެކަމަނާ އެކަމަނާގެ ޖާނުފުޅާއިމެދު ބިރުހީވެ އެކަމަނާއަށް ވަފާތެރި ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ޠޫރާންޝާހް އަވަހާރަކޮށްލެއްވިއެވެ. އެހިސާބުން އައްޔޫބީ ނަސްލުން މިސްރުގައި ވެރިކަން ކުރައްވާނެ ބޭފުޅެއްނެތުމުގެ ހުސްކަން ބެއްދުމަށްޓަކައި އެންމެ ގާތުން ހުންނެވި ސަޖަރަތުއް ދުއްރުގެ ވެރިކަމެއް ފެއްޓުނެވެ. ސަޖަރަތުއް ދުއްރަކީ އަންހެންބޭފުޅަކަށް ވީތީ މިކަމުގައި އައްބާސީ ހަލީފާގެ ރުހހުން ހޯދުމައްޓަކައި  މިކަމަނާގެ ނަމުގައި ވެރިކަން ކުރެއްވުމަށްޓަކައި މަމާލިކުންގެ ބޮޑަކާއި ކައިވެނި ބައްލަވައިގަތީއެވެ. ހުދު އެކަމަނާއަކީވެސް މަމާލިކުންގެ ބޭފުޅެއްކަމުގައި ބެލެވެއެވެ. މިހާހިސާބުން ހިޖުރައިން 648 ވަނަ އަހަރު އައްޔޫބީ ދަޢުލަތް ނިމި މަމާލިކުންގެ ދަޢުލަތް އުފެދިގެން ދިޔައީއެވެ.

No comments:

Post a Comment