19 January 2011

އަބޫބަކުރުއްޞިއްދީޤް


1.    ނަސަބު ފުޅާއި މުހިއްމު ބައެއް ސިފަފުޅުތައް
އަބޫބަކުރުގެފާނުގެ ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރޫއެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުލް ކަޢުބައެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ އަބޫބަކުރެގެފާނުގެ ނަންފުޅު ބަދަލުކުރައްވައި އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުﷲ ކަމުގައި ހަމަޖެއްސެވިއެވެ.
އައްޞިއްދީޤާއި ޢަތީޤަކީ އަބޫބަކުރުގެފާނުގެ ދެލަޤަބެވެ.  أبو بكر އަކީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅެވެ. ބައްޕާފުޅަށް ޢާއްމުކޮށް ކިޔަނީ އަބީ ޤަޙާފާ އެވެ. މަންމާ ފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢުބު ބިން ސަޢުދު (އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤަޙާފާގެ ބޮޑުބޭބެގެ ދަރި ކަނބަލުންނެވެ. އުފަންވެ ވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތްތާ ދެއަހަރާއި މަސްތަކެއް ފަހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޢާމުލް ފީލް(އެތު އަހަރު) ގެ ދެއަހަރާއި މަސްތަކެއް ފަހުންނެވެ. ވީމާ ބެލެވޭގޮތުގައި އެއީ މީލާދީން 573 ވަނަ އަހަރު އަހަރު އެވެ.
ޤުރައިޝު ވަންހައިގެ ކުރިއަށްތިއްބެވި އެންމެ އިސް  10 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އުޅުއްވަމުން ގެންދެވީ މުއްސަނދި ދިރިއުޅުއްވުމެކެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު މުއްސަނދިކަން ހޭދަ ކުރެއްވެވީ މާތްﷲގެ ދީނަށް ނަބްރު ހޯއްދެވުމުގައެވެ.
އަބޫބަކުރުގެ ފާނަކީ މެހެމާނުންނަށް ކަމޭހިއްތަވާ ދިލަތި ބެކަލެކެވެ. ރަހްމަތްތެރިންނާއި ދުޝްމަނުންނަށް އެހީތެރިވެ ވަޑައިގަންނަވާ ބޭކަލެކެވެ.  ތުއްޕުޅުއިރުސުރެ، ޖާހިލީ ނުބައި އާދަތަކުންވަނި ދުރުހެލލިވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ޢަޒުމް ވަރުގަދަކަމާއި ހިތްޕުޅުގެ މަޑުމައިތިރިކަން ލިބިވަޑައިގެންފައި ވެއެވެ. ޙުލްޤުގެ ހެޔޮކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އެންމެންގެ ރުހުންލިބި ވަޑައިގެންފައި ވެއެވެ.         

No comments:

Post a Comment