25 September 2010

މުއުމިނުންގެ ހިތުގައި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް އޮންނަންޖެހޭ ލޯބި 2

-->
  3.   ކީރިތި ރަސޫލާގެ ރިސާލަތު
އާދޭހެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މަތް ﷲ އިސްލާމްދީނުގެ މަތިވެރި ރިސާލަތާ ޙަވާލުކުރެއްވައި އިންސީންނާއި ޖިންނީންގެ ގާތަށް ފޮނުއްވި ﷲގެ ރަސޫލާއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ އަދި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނަށް ފަހު ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާ ވަނީ އަބަދަށް ޓަކައި ނިންމަވައި ލައްވާފައެވެ.
އެހެންކަމުން އެކަލޭގެފާނަކީ ޤިޔާމަތަށް ދާންދެން މީސްތަކުން އުޅޭނެގޮތް އަންގަވައި ދެއްވައި ނަމޫނާ ދެއްކެވުމަށް ފޮނުއްވުނު ރަސޫލާއެވެ. އެކަލޭގެފާނު ވަނީ ކިތައްމެހާ ރަގަނޅަކަށްވެސް އެކަލޭގެފާނާއި ހަވާލުކުރެވުނު މިމަތިވެރި ޒިންމާ އުފުއްލަވައި ވާޖިބު އަދާކުރައްވާފައެވެ. އަދި އަމާނަތް އޭގެ އަހުލުވެރިންނާ ހަވާލުރައްވާފައެވެ. ހަޤީގަތުގައި އެކަލޭގެފާނަކީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން އިލްމުގެ ނޫރަށް ނެރެދެއްވައި، އަޅުތަކުންނަށް އަޅުކަންކުރުމުގެ ބަދަލުގައި މާތް ﷲ އަށް އަޅުކަންކުރުމަށް   މަގުދެއްކެވި އާރުކާޓީއެވެ.
މާތްﷲ ވަނީ މުޙައްމަދުގެ ފާނުގެ މައްޗަށް ކީރިތި ޤުރުއާން ބާވައިލައްވައި، މިއުއްމަތުގެ ގާނޫނުކަމުގައި އެގުރުއާން ކަނޑައަޅުއްވާފައެވެ. އަދި އެޔާއެކު އެގުރުއާން ޝަރަހަ ކުރެއްވުމަށް ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުމަށް އަންގަވާފައެވެ. މާތް ﷲ سورة الحشر  7 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا  މާނައީ" އަދި ތިޔަބައި މީހުންނަށް ރަސޫލާ ދެއްވި އެއްޗެއްގައި ފަހެ ތިޔަބައި މީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނުން ނަހީ ކުރެއްވި ކަމަކުންނަމަ ދުރުވެ ގަންނާށެވެ." އަދި سورة النحل 44 ވަނަ އާޔަރުގއި ﷲ ވަހި ކުރައްވަނީ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ މާނައީ " ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ހަނދާންކޮދެނިވި ފޮތް އެބަހީ ކީރިތި ޤުރުއާން ބާވައިލެއްވީމެވެ. އެއީ އެބައިމީހުންނަށް ޓަކައި އެބާވައިލެއްވި ފޮތް ކަލޭގެފާނު މީސްތަކުންނަށް އަންގަވައިދެއްވައި ބަޔާންކޮށްދެއްވުމަށް ޓަކައެވެ." ( އާފަތިސް- ތެދުމަގު 7 ސެޕްޓެމްބަރ2007 ކީރިތި ރަސޫލާދެކެ ލޯބިވުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް ލާޒިމުކަމެއް!)
މާތް ﷲ ކީރިތި ރަސޫލާއާ ހަވާލުކުރެއްވި ރިސާލާތަކީ ނުވަތަ މަސައްކަތް ޕުޅަކީ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވާ އެކަލާނގެ ހިދާޔަތާއި އަމުރުފުޅުތަކާއި ދީނުގެ އެންމެހައި ހުކުމްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމެވެ. ވީމާ ކޮންމެ މުސްލަމުކުވެސް މިއުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިވަސައްލަމަށް ލޯބިކުރާނަމަ އެކަލޭގެފާނުން ގެނެވި ރިސާލަތަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލު ކުރަމާ ތޯއެވެ!
4.   ކީރިތި ރަސޫލާއަށް ލޯބިކުރާ މީހާ އިސްލާމްދީނުގައި ޝަރުއު ކުރައްވާފައިވާ އަޅުކަންތައްތައް ފުރިހަމައަށް އަދާކުރާނެއެވެ.
ކީރިތި ރަސޫލާ ގެނެސްދެއްވި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނަކީ ﷲގެ ހަޟަރަތުގައި ހަމައެކަނި ދީނެވެ. އެކަން ބަޔާން ކުރައްވާ سورة آل عمران 19 މާތް ﷲ ވަހީ ކުރައްވާފައިވަނީ                   إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ މާނައީ"ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން އެދީނުގައި ކުރުމަށް އަންގަވާފައިވާ އަޅުކަންތައް ބަރާބަރަށް އަދާކުރަން ޖެހޭނެއެވެ. ތައުހީދުގެ ދެކަލިމަ ކިޔާ އޭގެމާނަ ހިތުން ތެދުކޮށް ގަބޫލުކުރުމަށް ފަހު އިސްލާމްދީނުގެ ތަނބުކަމުގައިވާ  ފަރުޟު ފަސް ނާމާދުކުރުމާއި ޒަކާތް ދިނުމާއި ރޯދަ ހިފުން އަދި  ކުޅަދާނަވެގެންވާ މީހާ ހައްޖުވުމަކީ ﷲއަށާއި އެކަލާނގެ ރަސޫލާއަށް ލޯބިވާކަން އަންގާދޭ އަޅުކަންތަކެވެ.
މުސްލިމެއްގެ އަޤީދާ އަބަދުވެސް އޭނާއަށް މިސްރާބު ޖަހައި ދައްކައިދޭނީ، ތިމާއަށް ލިބިފައިވާ އާރާއި ބާރަކީ އަދި ތިމާގެ ދިރިއުޅުމުގެ ސަމުގާއަކީ ނަމާދެވެ. އެހެންކަމުން ލޮބުވެތި ރަސޫލާ ކޮންމެ ބޮޑުކަމެއް ދިމާވެއްޖެ ހިނދެއްގައި ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ހަދީޘެއްގެ މާނައިގައި ވަނީ ( އަހްމަދު ، ނަސާއީ ) "ތިމަން ކަލޭގެފާނުންގެ ލޯފުޅުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ. " އިސްވެދިޔަ ހަދީޘުން ނަމާދުގެ މަތިވެރިކަން ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެވެ. (އެކުވެރިއްގެ ހަދިޔާ (އަޅުކަމުގެ ސާޅިސް ހަދީތް)
 ރޯދައަކީ ﷲގެ ހަޟުރަތަށް ކުއްތަންވެ ތަޤުވާވެރިވުމަށް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. މާތް ﷲ سورة البقرة 183 ވަނަ އާޔަތުގައި ވަހިކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ މާނައީ" - އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންނަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށްޓަކައެވެ." އެހެންކަމުން މިއުންމަތުގެ ކޮންމެ މުސްލިމަކުވެސް ﷲ އާއި އެކަލާނގެ ރަސޫލާގެ ރުއްސެވުން ހޯދުމަށް ފަރުޟު ރޯދަހިފުމަކީ ވާޖިބެކެވެ. ( ރަމަޟާން ތަރުޖަމާކުރީ އިކުރާމް ޢަބްދުއްސައްތާރު)
މިގޮތުން ހައްޖުމަހު އަދާކުރެވޭ އެއް އަޅުކަމަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. ޙައްޖުގެ މަތިވެރިކަމާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ". ( ދީނީ ނިއުސްޑްޓްކޮމްގެ ދީނީ ލިޔުން ހައްޖުގެ މަތިވެރި އަޅުކަން މިމަޢުޟޫގެ ދަށުން ނަގާފައި) މަތީގައި ބަޔާންކުރެވިގެން އެދިޔަ ދަލީލުތަކުން ދޭހަވަނީ ތިމާ އެކަލާނގެ ރަސޫލާގެ ރުއްސެވުން ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައްތަކަކީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަންތައް އަދާކުރުން ކަމެވެ.
5  އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާއެވެ.
އިސްލާމްދީނާއިގެން ކީރިތި ރަސޫލާ ވަޑައިގެންނެވުމުގެ ކުރިން އިންސާނުންނަކީ ހުރާފާތާއި ތާކުންތާކު ނުޖެހޭ ބޯދާ ކަންތައްތަކެއްގެ މައްޗަށް އެމީހުންގެ ދިރިއުޅުން ބީނާކޮށްގެން ތިބިބައެކެވެ. އެމީހުންގެ ވެރިރަސްކަލާނގެ މަތިން ހަނދުމަ ނެތިކޮށްލައި ބުދުތަކެއް ކަލާނގެކަމުގައި ހަދައިގެން އުޅުނު ބައެކެވެ. އަދި ނުބައިވެގެންވީހާ ކަމެއް ކުރުމާއި ރިބާގެ ވިޔަފާރި ކުރުމާއި، ތިމާފަދަ އިންސާނުން އަޅުވެތިކޮށް އެމީހުންގެ މިނިވަންކަން ނަގައިލުންފަދަ ކަންކަމީ ޢާއްމުވެފައިވާ ކަންކަމެވެ. މިފަދަ ކަންކަމުން އިންސާނުން ސަލާމަތް ވެފައިވަނީ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިގެންނެވެ.
ހުރިހާ ކަމެއްގައިވެސް އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާއެވެ. ކީރިތި ގުރުއާނުގެ سورة الأحزاب  21  ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވައެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآَخِرَ وَذَكَرَ اللَّهَ كَثِيرًا މާނައީ " ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައި މީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ.( އެއީ) ﷲގެ ދަރުމައާއި އާހިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." ( ދީނުގެ މަގު14 ރަބިއުލް އަށްވަލު 1424 ކީރިތި ރަސޫލާއަކީ އެންމެ ރިވެތި ނަމޫނާއެވެ.)
އެކަލޭގެ ފާނުންގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެން ދަނީ މާތް އަހުލާގެވެ. މިގޮތުން އެކަލޭގެފާނުން ގޮވާލަނީ އާމާނާތްތެރިވުމަށާއި ތެދުވެރިވުމަށާއި މައިންބަފައިންނަށް އިހުސާންތެރިވުމަށެވެ. ވަޢުދެއް ކޮށްފައި އެވަޢުދާއި ހިލާފުނުވުމަށާއި ލަދުވެތި ވުމަށެވެ.  މުސީބާތެއް މެދުވެރިވެފައިވާ މީހާއަށް އެހީތެރިވުމަށާއި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރުމަށެވެ. މީ ހައްތާވެސް މާތް ނަބިއްޔާގެ އުޅުއްވުމާއި ބަސްމޮށުންތެރި ކަމުން ފެންނަން ހުރި ކަންތަކެވެ.
މިގޮތުން އިސްލާމީ ތާރީހުގެ ޞަފުހާތައް ހޯދައި ބަލާއިރު ފެނިގެން ދަނީ ކީރިތި ރަސޫލާ، ރަސޫލުކަމާއިގެން ފޮނުއްވި ދުވަސްވަރު އެކަލޭގެ ފާނަށް އެންމެ ދުސްމަނުވެ ފުރައްސާރަކޮށް ގޯނާކުރި މައްކާގެ މުޝްރިކުންވެސް އެކަލޭގެފާނަކީ ތެދުވެރި އާމާނާތް ތެރިއެއްކަން ޤަބޫލޫ ކުރިކަމެވެ. ރަސޫލާ صلى الله عليه وسلم އާމާނަތްތެރިކަމުގެ ސަބަބުން މައްކާގެ އަހުލުވެރިން އެކަލޭގެފާނަށް އަލް އަމީނުގެ ލަގަބު ދެއްވި އެވެ. ކީރިތި ރަސޫލާއަށް ތަބާވެ، މާތްﷲ އަށް އީމާންވެގެން ތިބިމީހުން  (މުސްލިމުން ) ތެދުވެރިންނާ އެކުގައި ވުމަށް ވަޞިއްޔަތް ކުރައްވާ ކީރިތިވަންތަ މާތް ﷲ ޞުބުހާނަހޫ ވަތައަލާ سورة التوبة 119 ވަނަ އާޔަތުގައި ވަހީ ކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ މާނައި " އޭ އީމާންވި މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާއެކުގައި ތިޔަބައިމީހުން ވާށެވެ. "  ( ޤުރުއާން ތަރުޖަމާ)
އެހެންކަމުން މާތް ނަބިއްޔާއަށް ލޯބިކުރާ ކަމުގައި ވަނީނަމަ އެކަލޭގެފާނުންގެ ކިބައިގައި ހުރި މާތް ސިފަތަކުން ޒީނަތްތެރި ވުމަކީ ކޮންމެހެން ވެސް ލާޒިމުކަމެކެވެ.
6.    މާތް ނަބިއްޔާ ދެކެ ލޯބިވާމީހާ ދުރުހެލި ވާންވީ ބައެއް ކަންތައްތައް.
   v    އިސްލާމްދީންނޫ އެހެން ދީނެއް ގަބޫލުކުރުން:- އިސްލާމް ދީންނޫން އެހެންދީނެއް ގަބޫލުކުރުމަކީ، ކާފިރުވެ މުރުތައްދުވާނެ ކަމެކެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ (سورة آل عمران 85) މާނައީ" ދީނެއްގެގޮތުގައި އިސްލާމްދީންނޫން ދީނެއް އެދޭމީހާ(ދަންނާށެވެ.) ފަހެ އެމީހާގެކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ! އަދި އާހިރަތުގައި އެނާވާހުށީ، ގެއްލެނިވިގެންވާ މީހުންގެތެރެއިންނެވެ."
v     ރިބާކެއުން:-  މާތް ﷲ  سورة آل عمران 130-131 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ يَا أَيُّهَا الَّذِينَ آَمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ (130) وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަވަންތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާނުކާށެވެ! އަދި ތިޔަބައި މީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ، ތިޔަބައި މީހުން ދިންނަވައި ނަސީބު ލިބުމަށް ޓަކައެވެ."
v      ރިޝްވަތު ހިފުމާއި ދިނުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" ރިޝްވަތު ދޭމީހާއާއި ރިޝްވަތުގައި ހިފާމީއަށް ﷲ ލައުނަތް ލެއްވިއެވެ."( ރަވާހު އަށް ތިރިމިޛީ)
v     ވެރިން ރައްޔިތުންނަށް އޮޅުވާލުމާއި މަކަރުހެދުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" އެމީހެއްގެ ބެލުމުގެ ދަށުގައި ރައްޔިތުންތަކެއް ލައްވައިފި ކޮންމެ މީހަކުމެ، އޭނާގެ ރައްޔިތުންނަށް މަކަރުހަދައި އޮޅުވައިލާފައިވާޙާލު އެމީހާ މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް ﷲ ސުވަރުގެ ހަރާމުނުކުރައްވައި ނުދާހުއްޓެވެ." (ރަވާހު މުސްލިމް)
v     އަވަށްޓެރިންނަށް އުނދަގޫކުރުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" އެމީހެއްގެ އުނދަގުލަކުން އަވަށްތެރިޔާއަށް ސަލާމަތްނުލިބޭ މީހާ ސުވަރުގެ ނުވައްދާ ހުއްޓެވެ." (ރަވާހު މުސްލިމް)
( މިމައުޟޫއަށް މައުލޫމާތު ނަގައިފައިވާނީ ނަރަކަ ސަލާމަތްވާން ބޭނުމީ ކާކުހެއްޔެވެ؟ ޞަފުހާ 74، 75، 77،81 )
އެހެންކަމުން މަތީގައި ބަޔާންކުރެވުނު ގޯސް ސިފަތަކުން ދުރުހެލިވެ މާތް ނަބިއްޔާގެ އަހުލާގާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރަމާ ހިނގާށެވެ.
7       . ކީރިތި ރަސޫލާއަށް ލޯބިކުރުމުގެ ނަތީޖާ
މިއުއްމަތަށް ފޮނުއްވުނު ކީރިތި މާތް ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ މާތް ﷲ ސުބުހާނަހު ވަތައަލާގެ ރަސޫލާއެވެ. މުހައްމަދުގެފާނަށް ތަބާވެ އެކަލޭގެފާނަށް ލޯބިކޮށްފި މީހާއަށް މާތްﷲ ރުހިވޮޑިގަތުން ލިބޭނެއެވެ. އެކަލޭގެފާނަށް ތަބާވެ ލޯބިކުރުމުގެ ގޮތުން މަތީގައި ބަޔާންކުރެވި ދިޔަ ގޯސް ސިފަތަކުން ދުރުހެލިވެ ދިނުގައި ކުރުމަށް އަންގަވާފައިވާ އަޅުކަންތައް ބަރާބަރަށް އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެއާއި އާހިރަތުގައި ބާއްޖަވެރި ކަންލިބެއެވެ. ކީރިތި ރަސޫލާއަކީ ﷲ އަށް އަޅުކަން ކުރުމުގައި އެހެން ހުރިހާ އިންސާނުންނަށް ވުރެ ކުރިއަރާފައިވާ މިއުއްމަތުގެ މާތް ރަސޫލާއެވެ.
އެހެންކަމުން އެކަލޭގެފާނުން ﷲއަށް އަޅުކަން ކުރުމުގައި ކަންތައް ކުރެއްވި ގޮތަށް  އުޅުން ބައްޓަން ކުރުމުގެ ނަތީޖާއަކަށް ވާނީ އެމީހާއާއި ﷲ އާއި ދެމެދުގައިވާ ގުޅުން ބަދަހިވެ ﷲގެ ރުއްސެވުން ލިބުމެވެ. ނަތީޖާއެއްގެ ގޮތުން އެމީހަކަށް  ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭގޮތް މެދުވެރި ވެގެން ދެއެވެ. ( އިސްލާމީ ތަރުބިއްޔަތު ގުރޭޑް11 ފޮތުގެ ﷲ ގެވަލީވެރިން)
ކީރިތި ޤުރުއާނުގެ ވަރަށް ގިނައާޔަތްތަކުގައި އީމާންވެ ޞާލިހު އަމަލުކުރި މީހުންނަށް ހުރި ނިއުމަތްތައް ﷲ އަންގަވާފައި ވެއެވެ. މިގޮތުން މާތްﷲ سورة البروج 11  ވަނަ އާޔަތުގައި  ވަހިކުރައްވަނީ إِنَّ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ މާނާއީ " ހަމަކަށަވަރުން އީމާންވެ ޞާލިޙު އަމަލުކޮށް އުޅުނު މީހުންނަށް އެތާގެ ދަށުން ކޯރުތައް ހިނގަހިނގަހުންނަ  ސުވަރުގެތައް އެބައިމީހުންނަށް ހުއްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." (ގުރުއާން ތަރުޖަމާ)
މިނޫނަސް ކީރިތިރަސޫލާގެ ސުންނަތުންނާއި ކީރިތި ޤުރުއާނުން، އީމާންވެ ޞާލިހު އަމަލު ކުރާމީހުންނަށް ހުރި ނިއުމަތްތަށް ވަރަށް ގިނައިން  ބަޔާންވެގެން އައިސްފައިވެއެވެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ އިބަﷲގެ މާތް ރަސޫލާ އަށް ކިޔަމަންވެ ޞާލިހު އަމަލުތައް ފަށްފަށުން ކުރާ ބަޔަކުކަމުގައި ލައްވަވާންދެއެވެ! ރަހުމާނު ވަންތަ ރަސްކަލާކޮ! އަޅަމެންނަށް ހެޔޮ ތަޢުފީޤު ދެއްވާ ނަރަކާގެ އަޛާބުން ދިންނަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވަވައި ދެއެވެ.! 

No comments:

Post a Comment