10 September 2010

. ފުތޫޙާތުގެ ޒަމާން ކުރިއަށް ގެންދެވުމުގެ ދައުރާއި އުމަވީ ދައުލަތް ބިނާކުރެއްވުމުގެ ދައުރު

-->
1. އުމަވީ ދައުލަތް ބިނާކުރެއްވުމުގެ ދައުރު
އުމަވީ ދައުލަތުގެ ކުރީކޮޅުގައި ޚަލީފާއިން މަސައްކަތްޕުޅު ކުރައްވާފއިވަނީ އުމަވީ ދައުލަތް ހަރުދަނާ ކުރައްވާ ފުޅާކުރެއްވުމަށެވެ. މިގޮތުން ޚުލަފާއުއްރާޝިދޫން ވެސް ގެންގުޅުއްވި ސިޔާސަތާއި އެއްގޮތަށް އިދާރީ ކަންތައްތައް ބެހެއްޓެވިއެވެ.
އުމަވީ ދައުލަތުގައި ވަރަށް ވަރުގަދަ ސިޔާސީ ޒަޢީމުންތަކެއް
އުފެދުނެވެ. މިބޭކަލުން ދައުލަތް އިދާރީގޮތުން ހަރުދަނާ ކުރައްވާ ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ހަރުދަނާ ކުރެއްވިއެވެ. އަދި ހަމައެފަދައިން ދައުލަތުގެ އަމަންއަމާންކަން ދަމަހައްޓަވާ ދާޚިލީ ހަމަޖެހުން ޢާއްމުކުރެއްވިއެވެ. މިބޭކަލުންގެ ތެރޭގައި ޒިޔާދުބުނު އަބީހް ، ޢަބްދުލްމަލިކު ބުނި މަރްވާން ، ޠާރިޤުބުނި ޒިޔާދުއާއި ، މޫސާބުނި ނުޞައިރު ފަދަ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ 
-->
2. ފުތޫޙާތުގެ ޒަމާން ކުރިއަށް ގެންދެވުމުގެ ދައުރު
އުމަވީ ދައުލަތުގެ ތާރީޚަށް ބަލާއިރު އެދުވަސްވަރު އިސްލާމީ ތާރީޚުގައި އެތައް " ފުތޫޙާތު " ތަކެއް ހިނގާފައިވެއެވެ. އުމަވީ ދައުލަތުގެ ދުވަސްވަރު އިސްލާމްދީން ޔޫރަޕާއި އެފްރިކާ އަދި އޭޝިޔާއަށް ފެތުރިގެން ދިޔައެވެ.
އޭޝިޔާއަށް ބަލާއިރު މުޙައްމަދު ބުނި ޤާސިމު އައްޘަޤަފީގެ ވެރިކަމުގެ ދަށުން ކާބުލްއާއި ސިންދުގެ ރަށްތައް ފަތަޙަ ކުރެއްވިއެވެ. ޤުޠައިބާ ބިން މުސްލިމުގެ ވެރިކަމުގެ ދަށުން ސަމަރުގަންދު ، ބުޚާރާ ، ޚަވާނިޒަމް އަދި ޠަޝްގަންދު ފަދަ ރަށްތައް ފަތަޙަ ކުރެއްވިއެވެ. ޤުޠައިބާ ބިން މުސްލިމު އޭނާގެ ލަޝްކަރާއިގެން ސީނުކަރަ(ޗައިނާ)އަށް ވަޑައިގެން އެތާގެ ރަސްގެފާނާއި ވާހަކަދައްކައިގެން ކޮންމެ އަހަރަކު މުސްލިމުންނަށް ޖިޒީ ދެއްވުމަށް ހަމަޖެއްސެވިއެވެ.
ޔޫރަޕަށް ބަލާއިރު ޠާރިޤުބިން ޒިޔާދުގެ ވެރިކަމުގެ ދަށުގައި މުސްލިމުންގެ ލަޝްކަރު ސްޕެއިންއަށް ވާޞިލުވެ ، " ވާދީލަކަތު އޭ ކިޔުނު ހަނގުރާމައިގައި އަންދަލުސްއާއި ޤުރުޠުބާ ފަތަޙަ ކުރެއްވިއެވެ. އެއަށްފަހު މޫސާ ބުނި ނުޞައިރުގެ ވެރިކަމުގެ ދަށުގައި އަޝްބީލިއްޔާ ފަތަޙަ ކުރެއްވިއެވެ. " ބަލާތުއް ޝުހަދާއު " އޭ ކިޔުނު ހަނގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވި ޢަބްދުއްރަޙުމާނުލް ޣާފިޤީ އަވަހާރަވުމަށްފަހު ވެސް ޔޫރަޕުގައި ކުރިޔަށްދިޔަ އިސްލާމީ ފުތޫޙާތު ތަކަށް ބަދަލެއް ނާދެއެވެ. އެއަށްފަހު ފުރާންސާއި ސްވިޒަލޭންޑުގެ ބައެއްބިންތައް ފަތަޙަކޮށް އެބިންތަކަށް މުސްލިމުން ވެރިވިއެވެ
 އެފުރިކާއަށް ނިޞްބަތްކުރާއިރު ޢަޤަބާބިން ނާފިޢުގެ ވެރިކަމުގެ ދަށުން އުތުރު އެފުރިކާގެ ހުރިހާ ހިސާބުތަކެއް ފަތަޙަކޮށް ، އެފުރިކާގެ ހުޅަނގު ބިތުގައި އެޓްލާންޓިކު ކަނޑުގެ އައްސޭރިފަށުގައިވާ ބިންތައްވެސް ފަތަޙަކުރެއްވިއެވެ. ޢަޤަބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން ހިނގައިދިޔަ ހަނގުރާމަތަކުގެ ތެރެއިން " ޤައިރުވާން " ގައި ހިނގާދިޔަ " މަމްސް " އޭ ކިޔުނު  ހަނގުރާމަ ފާހަގަ ކޮށްލެވެއެވެ.
އުމަވީ ދައުލަތް އުފެދުނު އިރުގައިވެސް އިސްލާމީ ފަތަޙަތައް ދިޔައީ ކުރިއަށެވެ. އަދި އުމަވީ ޚިލާފަތުގައިވެސް 
މިމަސައްކަތްޕުޅުތަކަށް ހުއްޓުމެއް އެރިއަކަ ނުދެއްވައެވެ. މިގޮތުން ޢަރަބިކަރައިގެ ހުޅަނގުބައި ފަތަޙަ ކުރައްވުމުގައި އުމަވީ ޚަލީފާއިން މަސައްކަތްޕުޅު ކުރެއްވިއެވެ. އެއީ ރޫމީންގެ ބާރުގެ ދަށުގައިވާ ހިސާބު ގަނޑެކެވެ. މިހިސާބުގަނޑު ފަތަޙަ ކުރެއްވުމަށްޓަކައި ޢަރަބީންގެ މަޝްހޫރު ޤާޢިދު ޢަޤަބަތު ބުނި ނާފިޢު ޠޫނިސްއަށް ފޮނުއްވިއެވެ. މީނާ އެތަން ފަތަޙަ ކުރައްވާ ޤައިރުވާން ބިނާ ކުރެއްވިއެވެ. އަދި އެރަށަކީ އިސްލާމީ ސިފައިންގެ މަރުކަޒެއްކަމުގައި ހެއްދެވިއެވެ. އެއަށްފަހު ޢަޤަބަތު ބުނި ނާފިޢު މަޣްރިބުކަރަ ޤަސްދުކުރައްވާ ކުރިއަށް ވަޑައިގަތެވެ. އަދި އެޓްލާންޓިކު އޯޝަނާއި ހަމައަށް ވަޑައިގަތެވެ. އަދި އެޓްލާންޓިކު އޯޝަނުގެ އައްސޭރީގައި އަސް މަޑުކުރައްވައިގެން އިންނަވާފައި ވިދާޅުވިއެވެ. " އޭ ކަނޑާއެވެ. ކަލޭގެފަހަތުގައި ބިމެއްވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާނަމަގަންދީ ހުވައިކުރަމެވެ. މިއަހާއިގެން ތިމަންކަލޭގެފާނު ތިޔަ ކަނޑުގައި ފައްތަވާނަމެވެ. "
ޢަބްދުލް     މަލިކު ބުނި މަރުވާންގެ ޚިލާފަތުގެ ދުވަސްވަރުގައި މަޣްރިބުކަރައަށް އިސްލާމީ ޤާއިދު މޫސާ ބުނި ނުޞައިރު ވަރުގަދަ ލަޝްކަރަކާއިގެން ފޮނުއްވިއެވެ. މިފަހަރު މުޅި މަޣްރިބުކަރަ ފަތަޙަ ވެގެން ދިޔައެވެ. މިފަތަޙަ ކުރެއްވުމުގައި މޫސާ ބުނި ނުޞައިރަށް އެހީތެރިވެ ވަޑައިގެން ދެއްވީ އިސްލާމީ މަޝްހޫރު މުޖާހިދު ޠާރިޤު ބުނި ޒިޔާދުއެވެ.
އިސްލާމީ ފަތަޙަތަކުގެ ސަބަބުން އިސްލާމީ ދައުލަތުގެ ބާރުގަދަވެ ، އަދި ބީޒަންތީން ދައުލަތް ވެއްޓި ސާސާނީ ދައުލަތުގެ ދަށުން ޢަރަބި އުއްމަތް މިނިވަންވެގެން ހިނގައްޖެއެވެ. އެއާއެކު އިސްލާމީ ދައުލަތް ވެގެންދިޔައީ ބާރުގަދަ އުއްމަތަކަށެވެ. މިހެންވާންޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުވެފައި އޮތުމާއެކު ދައުލަތުގައި އިސްކޮށް ތިއްބެވި ވެރީން ޢާއްމު މަސްލަޙަތައް ރައްކާތެރިވެ ވަޑައިގަތުމުގައި ސަމާލުވެވަޑައިގެން ތިއްބެވުމެވެ. އެހެނީ އިސްލާމީ ދައުލަތެއްގެ އިޖްތިމާޢީ އެންމެ ފުރަތަމަ ބިންގަލަކީ މިނިވަންކަން ކަމުގައި ވާތީ ކޮންމެ ފަރުދަކީވެސް ތިމާއާއި އެހެން މީހުންގެ މިނިވަންކަމަށް ރައްކާތެރި މީހަކަށްވަނީ ވެފައެވެ.
މިބުނި ފުތޫޙާތުތައް ނުވަތަ ހަނގުރާމަތަކަކީ ހަނގުރާމައެއްގެ ޒާތުގައި ބިން ނުވަތަ މުދާތަކެއް ހޯދުމުގެ ބޭނުމުގައި ކުރެވުނު ހަނގުރާމަތަކެއް ނޫނެވެ. އެކަމަކު އެއީ އިސްލާމީ ރޫޙުގައި އިސްލާމްދީނަށްޓަކައި އެދީނުގެ ނަން މަތިވެރިކުރުމަށް ކުރެވުނު ޢަދުލުވެރި ހަނގުރާމަތަކެކެވެ.
.

No comments:

Post a Comment