06 September 2010

ވިސްނާލަންވެއްޖެ ކަމެއް؟ އަނެއްކާ ކޮންކަމަކާތަ ވިސްނަންވީ!


މިކުޑަކުޑަ ދިވެހިރާއްޖެގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވީހިނދު އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮންނަން ޖެހޭނީ އެމަތިވެރި އުޞޫލުތަކުގެ މަތީގައެވެ. އެހެންކަމަށް ވާނަމަ އަޅުގަނޑުމެންގެ ޙަޔާތުގެ ނައުގެ ދުވެލި ހުންނަންޖެހޭނީ އެދީނުގެ އަސާސްތަކުގެ މަތީގައެވެ. އެ އަސާސްގެ މަތީ ނައުގެ ދުވެލި ހުރެއްޖެނަމަ ވާޞިލުވެވޭނީ ސުވަރުގޭ ގެބަގީޗާތަކާއި ދިމާލަށެވެ. މި މަންޒިލަށް ވާޞިލް ވެވޭނީ އެކަލާނގެ ޝަރިޢަތް އަޅުގަނޑުމެންނަށް ޤާއިމުކުރެވިގެންނެވެ

އެގޮތުން އެކަލާންގެ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަންތައްތައް ފުރިހަމައަށް އަދާކުރާށެވެ. ނަމާދު ޤާއިމުކުރާށެވެ. ނާމާދަކީ އާހިރަތްދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނޭކަމެވެ. އެހެންކަމުން އަޅުގަނޑުމެން މިކަމަށް ސާމަލުވަމާ ހިނގާށެވެ. ނަމާދު ބަރާބަރަށް އަދާކުރެވޭކަމަށް ވާނަމަ ދެން ހުރި ކަންތައްތައް ދާނީ ﷲ ގެ ރަޙުމަތްފުޅާއެކު ރަނގަޅަށެވެ. މީގެއިތުރުން ޒަކާތަށް ފަރުވާބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. ހަމަކަށަވަރުން މާތް ﷲ އަޅުގަނޑުމެންގެ ތެރެއިން މުއްސަނދިންނަށް ދެއްވާފައިވާ މުދަލުގައި އެހެން ބަޔަކަށް ދޭންޖެހޭ އަމާނާތެއް ވާކަންކަށަވަރެވެ. އެއަމާނާތް އޭގެ ހައްޤުވެރިންނަށް އަދާކުރުމުގެ ގޮތުން ޒަކާތް ދޭނަމަ އަޅުގަނޑުމެންގެ މުއްސަނދިންގެ މުދަލުގައި ބަރަކާތް ލައްވާ އެމުދާ މާތް ﷲ އިތުރު ކުރައްވާނެކަން ކަށަވަރެވެ. އެއީ ހިތްތަކުން ދަހިވެތިކަމާއި ބޮޑާކަން ނެތި ހިތްތައް ސާފު ވާނޭ އަޅުކަމެކެވެ
މީގެ އިތުރުން ރޯދަހިފުމަކީ އަލުގަނޑުމެންނަށް ކެތްތެރިކަން ދެއްވާ ގިނަގުނަ ޘާވާބު އެކަމުގައި ހުރި ކަމެއްކަން ކަށަވަރެވެ. ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެއްކަމުގައިވާ ލައިލަތުލް ގަދުރި ވިލޭރޭ ލިބިއްޖެ މީހަކަށް 1000 މަޝްވަރުކުރާ އަޅުކަމުގެ ޘަވާބުލިބި ފާފަތައް ފުހެވިގެންދެއެވެ. މީގެއިތުރު ހައްޖުވެސް ކުރަންވާ ފުރިހަމަގޮތުގައި އަދާކޮށް މަރުވެއްޖެ މީހަކަށް ސުވަރުގެ ނޫ އެހެންތަނެއް ނުވާކަން ރަސޫލުﷲ ގެފާނުގެ ބަސްފުޅުތަކުން އެނގެއެވެ. 
އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ﷲ ތަޢަލާ ހަރާމް ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވާންޖެހެއެވެ. އަދު އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެގައި މިވަނީ އެފަދަ ނުބައި ފާހިޝް އަމަލުތަކުގެ ޖަގަހައަކަށް ވެފައެވެ އަޚްލާޤީ އިޖުތިމާއީ ހަޑިމުޑުދާރު ތޫފާނަކުން އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު މިވަނީ ކިލަނބުވެފައެވެ، ކިސަޑުހެދިފައެވެ.
ޒިނޭއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް ކަމުގައި ވީނަމަވެސް މިއަދު ނަހަލާލަށް ބަލިވެ އިންނަ އަންހެނުން ގިނަވަމުންދާކަން ހިތާމައާއެކު ފާހަގަ ކޮށްލަމެވެ. އަދި ހަށިވިއްކާ މިހުން މިރާއްޖެއިން ފެންނަކަމީ ވަރަށް ހިތާމަ ހުރިކަމެކެވެ. ވައްކަން ކުރުމާއި، ފޭރުމާއި، ރާއްޖޭގެ ގިނަ ރައްތަކެއްގައި މިއަދު ޢާއްމު ކަމަކަށް ވެފައިވާ ކަމެކެވެ. ރިޝްވަތު ދިނުމާއި، ޚިޔާނާތްތެރިވުމާއި، ހީލަތާއި މަކަރުހެދުމާއި އޮޅުވާލުންފަދަ ކަންކަމަކީ ވެރިންނާއި ހިސާބުން ފެށިގެން އެންމެ ނިކަމެތި މީހާގެ ޘަޤާފަތެއް ކަމުގައި ވަނީ އެފަދަ ގިނަބަޔަކު ދެކެން ފަށާފައެވެ. 
ދޮގު ހެދުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމަކީ މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންކަމަށް ވީނަމަވެސް މިދިވެރާއްޖޭގެ ގިނަ މީޑިޔާތަކުގެ ފެންވަރުގައިވެސް މި “ވައިރެސް” ވަނީ ފެތުރި މުޅިރާއްޖެއަށް އާއްމުވެފައެވެ. އެއްވެސް ވަރަކަށް ފަހަށް އަންނަން އޮތް ދުވަހަކަށް ވިސްނާލުމެއް ނެތިއެވެ
އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަމަކީ އެއް އިރެއްގައި ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ މިދިވެހިރާއްޖެ މިހާރު އެހެންގޮތަކަށް ބައެއް އަވައްޓެރިން ސިފަކުރަމުންދާކަމެވެ. ސަބަބަކީ މީހުންމެރުމާއި އެފަދަ ހަރުކަށި އަމަލުތައް ރާއްޖޭގެ ރައްތަކުގައި ހަގަމުންދާތީއެވެ. މީގެއިތުން އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާކަމީ ވަރަށް ހިތާމަހުރިކަމެކެވެ. މިއީވެސް އެކަލާނެގެ ނަހީ ކުރައްވާފައިވާ ކަންކަމެވެ. 
އެދަންތުރައެއްގައި މުޅި ޤައުމުޖެހި ސަލާމަތް ނުވެވިފައިވާ ކަމަކީ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ ދަންތުރާގެ ހިތި އަރުތެރޭގައި ނެތް ޢާއިލާއެއް މި ދިވެހިރާއްޖޭގައި މަދުވާނެއެވެ. ހަމަކަށަވަރުން މަސްތުވާތަކެއްޗަކީ އެންމެހާ ނުބާކަންކަމުގެ މަންމަކަމުގައި ރަސޫލުﷲ ގެފާނު ވަނީ ސަފަކުރައްވާ އެކަމުން ދުރުހެލިވުމަށް އަމުރު ކުރައްވާފައެވެ. އިސްވެދެންނު ﷲ ފަރުޟުކުރައްވާފައިވާ އަޅުކަންތައްތަކަށް ސަމާލުވުމަށާއި، ހަރާމްކުރައްވާފައިވާ ކަންތައްކަކުން ދުރުހެލިވުމަށް ތިބޭފުޅުންގެ ދަރިންނަށް ތަރުބިއްޔަތުދޭށެވެ. އަދި ހުދު ތިބެފުޅުންވެސް އެކަންތައްތަކަށް ސަމާލުވާށެވެ. އޭރުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަންކަށްވަރެވެ