13 September 2010

އޭތް! އެންމެހައި ރައްޔިތުންނޭ! ހޭލާކަށް ނުވޭތޯއެވެ!

-އަޙްމަދު ޢާޞިމް / އުންމީދު / ހއ. އިހަވަންދޫ-
އިހަވަންދޫއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިގައުމުގެ އެންމެ އުތުރުން ހަތްވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އިހަވަންދޫ ރައްޔިތުންނަކީ، ސީދާ މަސްވެރިކަމަށް “ޑިޕެންޑުވެގެން” އުޅޭބަޔެކެވެ. އެމީހުން ރެއާއި ދުވާލު ވެހޭހާއި ވާރެއްޔެއްގައާއި، ދޭހާ އަތްވެއްގައި ކުރާމަސައްކަތް ގާތްގަނޑަކަށް ގުރުބާން އެކޮށްލަނީ އެމީހުންގެ ދަރިންގެ މުސްތަގުބަލަށް ޓަކައެވެ. ދަރިންނަށް ތަޢުލީމު ދިނުމަށެވެ.
އެމީހުންގެ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައެވެ. ކަންމިހެން އޮތް އިރު ސުވާލަކީ އެމީހުންގެ ދަރިން ތަރުބިއްޔަތު ވަމުން އެދަނީ އެމީހުން ބޭނުންވި ގޮތަށް ބާވައެވެ؟
އަޅުގަނޑުގެ ގިނަ ލިޔުން ތަކުގައި އިހަވަންދޫގެ ފަޚުރުވެރި ތާރީޚްގެ ވާހަކަ ފާހަގަކޮށްލަނީ އުފަލާއި ހިތްހަމަޖެހިގެން ހުރެއެވެ. އާދޭހެވެ. އިހަވަންދޫ އަކީ ތަޢުލީމީ ގޮތުންނާއި އަޙްލާޤީ ގޮތުން އެންމެ ރަނގަޅު އަދި ކުށުގެ ރޭޓު އެންމެ މަދުރަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްރަށެވެ. އެހެންނަމަވެސް އެފަޚުރުވެރި ތާރީޚްގެ ވާހަކަ މިފަހަރު މިބަޔާން މިކުރެވުނީ އިވެމުންދާ ވާހަކަތަކުގެ ސަބަބުން ލޮލުން ކަރުނަ ހިލިގެންދާ ހާލުގައެވެ. ގިނަ ސުވާލުތަކެއް ތިބޭފުޅާގެ ހިތުގައި އުފެއްދިއްޖެ ދޯއެވެ؟ އެހެންކަމަށް ވާނަމަ ކެތްތެރިކަމާއެކު ތިރީގައި އެވާ މަޢުލޫމާތު ކިޔާލާށެވެ.
އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ތެދުކަމުގައި ވަނީނަމަ، އަޅުގަނޑުވެސް އެރަށަކަށް އުފަން އިހަވަންދޫ، ދެކެ ލޯބިވާ ރަށުދަރިއެއްގެ ހައިޞިއްޔަތުން ގަބޫލުނުކުރެވޭ ޛާތުގެ އެތައްކުށެއް ރަށަށް މިހާރުވަނީ ތަޢާރަފް ވާންފަށާފައެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރާ ބައެއްމީހުން އުޅޭކަމަށް ރަށުތެރޭގައި އަޑުފެތުރުމާއި، އަހްލާޤީ ގޮތުން ދަރިވަރުންގެ ކިބައިންނާއި، ރަށުގެ އިސް ބައެއް ފަރާތްތަކުގެ ކިބައިން ގަބޫލުނުކުރެވޭ ޛާތުގެ ކުށްތައް ފެންނަމުންދާ ކަމުގެ އަޑުއަރަމުންދާ ކަން ފާހަގަކުރެވެއެވެ.
ހަޤީގަތުގައި ތަރުބިއްޔަތު ދޭންތިބޭ ފަރާތްތަކުގެ ކިބައިން މިފަދަ ކުށްތައް ފެންނަމުން ދާކަމަށްވާނަމަ، އެފަދަ ފަރާތްތަކުގެ ކިބައިން އުނގެނި ތަރުބިއްޔަތުވަމުންދާ ދަރިވަރުންގެ ހާލަތު ހުންނާނީ ކޮންފަދަ ގޮތަކަށް ބާވައެވެ؟ މިސާލަކަށް ތަރުބިއްޔަތު ދޭފަރާތްތަކުން ލައިސަންސް ނެތި ސައިކަލް ދުއްވުމާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާނަމަ، އޭނާގެ ދަރިވަރުންގެ ކިބައިން އެފަދަ ނާތަހުޒީބު ގޯސްއަމަލުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިދަނޑިވަޅުގައި، ތަރުބިއްޔަތުދޭ ފަރާތްތަކުން މިފަދަ ގޮތަކަށް ޢަމަލުކުރަމުން ގެންދާނަމަ، ވަގުތުން މިފަދަ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތައް ކުރުން ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ. އެހެންނޫކަމަށް ވާނަމަ އަޅުގަނޑުމެންގެ ރައްޔިތުން ދެކެން ބޭނުންވާކަހަލަ މުޖުތަމަޢުއެއް ބިނާކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.
ދެވަނަކަމަކަށް “ޑުރަގު” ބޭނުން ކުރާމީހުން މިމުޖުތަމަޢުގައި އުޅޭކަމަށް އަޑުއަރަމުން ދާދިޔުމަކީ ވަރަށް ބިރުވެރިކަމެކެވެ. “އަޑެއް ކިޔާފިއްޔާ ރެނދެއް ލާނޭ” މުސްކުޅިން ބުނާތީ އަޑުއަހަމެވެ. އެކަމަކު މިކަމުގައި ރެނދުނުލުމަކީ އަޅުގަނޑު ބޭނުންވާ ގޮތެވެ. އެހެންކަމުން އަޅުގަނޑުމެން ވިސްނަންވީ، ރެނދުނުލާނެ ގޮތެއްބަލައި އެގޮތައް އަމަލު ކުރެވޭތޯއެވެ. އެގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް ގިނަކަންތައްތައް އެބަހުއްޓެވެ. މިކަމުގައި އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ އިސްވެރިޔާއާ ހަމައަށް ކުރޭވެނެ ކަންތައްތައް އެބަހުއްޓެވެ.
އޭގެތެރެއިން، އެންމެ އާދައިގެ ފަރާތްތަކަށް ކުރެވީދާނެ ކަންތައްތަކުގެ ތެރޭގައި ތިމާގެ އަމިއްލަ ޢަޤީދާ ވަރުގަދަކޮށް ތިމާގެ ޢާއިލާ އެނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމުގެ ގޮތުން މަސްތުވާތަކެތި ބޭނުން ކުރާފަރާތްތަކަށް ދުނިޔެއާއި އާހިރަތުގައި ލިބޭނެ ގެއްލުންތައް އެނގުނު މިންވަރަކުން ކިޔާދިނުމާއި އޭނާގެ ދަރީން ދީނުގެ މަތިވެރި އުޞޫލުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުން ހިމެނެއެވެ. ކީރިތި މާތްނަބިއްޔާގެ ހަދީޘް ބަސްފުޅުގެ މާނައިގައިވަނީ “ތިން ކަމަކުން ތިޔަބައި މީހުންގެ ދަރިންނަށް ތަރުބިއްޔަތު ދޭށެވެ. އެއީ، ތިޔަބައި މީހުންގެ ނަބިއްޔާއަށް ލޯބިކުރުމާއި، އެކަލޭގެފާނުގެ އާލުބައިތުންނަށް ލޯބިކުރުމާއި ޤުރުއާން ކިޔެވުމަށް ލޯބިކުރުވުމެވެ.” އިސްވެދިޔަ ހަދީޘްގައި އެބުނާ ގޮތަށް ތިބާގެ ދަރިންނަށް ތަރުބިއްޔަތު ދީފިނަމަ އެކުއްޖާ އެފަދަ ވަބާއަކަށް އަރާގަތުމަކީ މުސްތަހީއްލުކަމެކެވެ.
ދެވަނަކަމަކަށް މިވަގުތު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ފަރާތަކީ، ކުލަބު ޖަމާއަތްތަކާއި އެސޯސިއޭޝަން އަދި މީޑިޔާތަކެވެ. އެނގި ވަޑައިގަންނަވާނޭ ފަދައިން އިހަވަންދޫއަކީ ފުދޭވަރެއްގެ ގިނަޖަމާއަތްތަކެއް އަދި މީޑިޔާ (ސައިޓުތައް) ހިމެނޭ އެއްރަށެވެ. އެފަދައިން އަޑުއަރަމުންދާނަމަ، ދެންމެ ދެންނެވިފަދަ ފަރާތްތަކަށް ކުރެވިދާނެ ވަރަށް ގިނަކަންތައްތައް އެބަހުއްޓެވެ. އުފެދިފައިވާ ހުރިހާ ސައިޓުތަކާއި ޖަމާއަތްތައް އެއްރޫހެއްގައި މަސައްކަތްކުރަމުންދާނަމަ، މިވަބާއަކީ ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ މުޖުތަމަޢުން ފޮހެލެވޭނެ ވަބާއެކެވެ.
މިގޮތުން ކުލަބު ޖަމާއަތްތަކުން ކުރެވިދާނެ ކަންތައްތައް ހުލާޞާގޮތެއްގައި ބަޔާން ކޮށްލާނަމެވެ. އޭގެތެރޭގައި މިކަމަށް ހާއްޞަކޮށް ހޭލުންތެރިކަމުގެ ޕުރޮގުރާމުތައް ހިންގުމާއި، މަސައްކަތް (ވަޒީފާ)  ނެތިފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަށް އެހީތެރިވުމަކީވެސް ކުރެވިދާނެ ބައެއްކަންކަމެވެ.
އުފެދިފައިވާ ސައިޓުތަކުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ކޮންމެ ސައިޓަކުން ހަފްތާއަކު އެއަފަހަރު ނުވަތަ މަހަކު އެއްފަހަރު މަސްތުވާތެކެތި ބޭނުންކުރާ ފަރާތްތަކަށް ދެދުނިޔޭގައި ހުރި ގެއްލުންތައް ބަޔާންކޮށް ލިޔުންތައް ޝާއިއު ކުރުން ހިމެނެއެވެ. މީގެއިތުރުން އެވަބާގައި ޖެހިފައިވާ ފަރާތްތަކަށް ރާއްޖޭގެ ޝެއިހުން ދީފައިވާ ނަސޭހަތްތައް އެކުލެވޭ އޯޑިޔޯ ނުވަތަ ވީޑިޔޯތައް ޖެހުން ހިމެނެއެވެ. އަޅުގަނޑު ދެކޭގޮތުގައި ޑުރަގުސްގެ ވައްތަރުތަކާއި އެބޭނުންކުރީމަ ވާގޮތައް މިޕުރޮގުރާމުގެ ތެރޭގައި ހިމެނުމަކީ އިތުރަށް މިވާބައިގާ ޖެހޭމީހުން އިތުރުވާކަމެކެވެ.
އަދި އިހަވަންދޫގައި އުފެދިފައިވާ ޖަމާއަތްތަކާއި ސަޓުތަކުން މިކަމުގައި އެއްބާރުލުން ދެވޭނެ އިތުރު ބައެއް ގޮތްތައް، ﷲ ގެ ވާގިފުޅާއެކު ލިޔެވޭތޯ ބަލާނަމެވެ.
މިފަދަ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުންދާނަމަ، އިހަވަންދޫގެ ރައްޔިތުން ކުރަމުންދާ މަސައްކަތުން ލިބޭ އާއްމުދަނީއަކީ ބޭކާރުވެގެންދާ އެއްޗެއްގެ ގޮތުގައި ވުމުގެ ބަދަލުގައި، އެއާއްމުދަނީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފިގެންދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެމީހުންނަށް ލިބިގެންދާނެއެވެ. އަޅުގަނޑުގެ ދުޢާ އަކީ އިހަވަންދޫއަކީ ޑުރަގްސްގެ ވަބާއިން ސަލާމަތްވެފައިވާ އަމާން ރަށެއްގެ ގޮތުގައި ﷲ ތަޢާލާ އަބަދުމެ ލެހެއްޓުމެވެ. އާމީން!

2 comments:

  1. މަނިކުފާނު ތިކުރައްވާ މަސައްކަތަށް ހަމަ ސާބަސް.... ތި ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި..! އާމީން!

    ReplyDelete
  2. ލިޔުން ހީކުރި ވަރަށްވުރެ ރަނގަޅު

    ReplyDelete