17 September 2010

އިހަވަންދުގައި ޢީދުދުވަސް ފާހަގަކުރުމަށްޓަކައި ރައިވާހިންގާ ކުޅިވަރު ތަކުގެތެރެއިން ޘަގާފީ ކުޅިވަރު ކުލަފަނޑުވަނީ

-->
ލިޔުނީ؛ އަޙްމަދު ޢާޞިމް

އިހަވަންދޫއަކީ މުސްލިމުން ދިރިއުޅޭ ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ދިވެހިގައުމަށް ނިސްބަތްވާ ރަށެކެވެ. ދިވެހި ރާއްޖޭގެ އެހެންރަށްތައް ފަދައިން އިހަވަންދޫގައި ވެސް އީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ. އަޅުގަނޑުމެން މުސްލިމުންނަށް އަންނަ ދެއީދު،ފިޠުރުޢީދާއި އަޟްހާޢީދުގައިވެސް ކުޅިވަރުތައް ފެށިގެންދަނީ ޢީދު ނަމާދުގެ ފަހުންނެވެ.
އެއްބަޔަކު އަނެއްބަޔަކާ ސަލާންކޮށް އީދުތަހުނިއްޔާ ކިޔާހެދުމާއި ގާތްތިމާގެ ގޭތަކަށާއި ރައްޓެހި ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތް ކުރުމަކީ އިހަވަންދޫގެ ކޮންމެ ރައްޔިތެއްގެ ކިބައިން ފާހަގަކޮށްލެވޭ ރީތި އާދަކާދައެކެވެ. އެހެން ކަމުން މިފަދަ ޘަގާފަތް ކުރިއަރުވަމާ ހިނގާށެވެ.
ޒަމާނުންސުރެ،އިހަވަންދޫގައި ޢީދު ފާހަގަކުރަނީ ހުރިހާ ކުޅިވަރެއްގައި ވެސް ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭގޮތަށެވެ. އިހުގައި އިހަވަންދޫގެ މީހުން ހާއްސަކޮށް އީދުގައި ކުޅޭ ކުޅިވަރު ތަކުގެތެރޭގައި މަންޑި، ސައްލި،ބާސާމަޑޭ،ފެންކުޅި،މޫދުކުޅިވަރުތައް ހިމެނެއެވެ. މީގެއިތުރުން ތަފާތު ވައްތަރުގެ މާލީގެ ކުޅިވަރު އަދި ކޯޑިނެގުން މީފާހަގަކޮށްލެވޭ ކުޅިވަރުތަކެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ ޘަގާފީ ކުޅިވަރުތަކާއި މިހާރުގެ ޒުވާނުން ދުރުހެލިވަމުންދާދިއުމެވެ. މީގެބަދަލުގައި ސުޓޭޖުމަތީ  ކުޅިވަރުތައް (ލަވަޔަށް ނެށުމާއި ޑުރާމާ) ކުޅުމަށް މިހާރުގެ ޒުވާނުން  ޝައުގުވެރިވާކަން ފާހަގަ ކޮށްލެވެއެވެ.  ޘަގާފީ ކުޅިވަރަކީ އެބައެއްގެ ދިރިއުޅުން އެންމެ ރަނގަޅަށް ދައްކުވާދޭ އެއްބަހާއެވެ. އެހެން ކަމުން ދެންއަންނަން އޮތްޖީލުތަކަށް އިހަވަންދޫ ރައްޔިތުންގެ ދިރިއުޅުން ހުރިގޮތް އަންގާދިނުމަށް މިރަށުގެ ޘަގާފީ ކުޅިވަރުތައް ދިރުވާ އާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޘަގާފީ ކުޅިވަރުތަށް ދިރުވާ އާލާކުރުމަށް ރަށުގައި އުފެދިފައިވާ ބައެއް ޖަމާއަތްތަކުން މަސައްކަތް ކުރާކަމީ އިހަވަންދޫގެ ޘަގާފަތް ދެންއަންނަން އޮތްޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމުގެ އެއް ހެއްކެވެ. މިގޮތުން މިޖަމާތްތަކުން އީދުދުވަސްތަކާ ދިމާކޮށް ބާއްވާ ތަފާތު ކުޅިވަރުތަކުގެ ތެރޭގައި ދިގުމަގުދަނޑި ޖުހުމާއި ބޮޑުބެރުޖުހުމާއި ތިންމުގޯލި ހިމެނެއެވެ. މިފަދަ ޖަމާއަތްތަކާގުޅިގެން މިފަދަގިނަ ކުޅިވަރުތަށް ދިރުވާއާކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ހަމައެކަނި ޘަގާފަތް ދިރުވާ އާލާކުރުމަށްޓަކައި ކުލަބެއް އިހަވަންދޫގައި އުފެއްދިކަމީ އިހަވަންދޫގެ ޘަގާފަތް ދިރުވުމައްޓަކައި ބަޔަކު މަސައްކަތްކުރާކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. 
 ސައިންސުވެރިން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ ޓެކުނޮލަޖީގެ ސަބަބުން އަޅުގަނޑުމެންގެ ޘަގާފަތާ ދުރުހެލިވުމަކީ އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ނޫނެވެ. އެފަދަ ޓެކުނޮލަޖީތަކަކީ އަޅުގަނޑުމެންގެ ނެތެމުންދާ ޘަގާފަތް އާލާކުރުމަށް އިތުރު އެހީއެއްގެ ގޮތުގައި ބަލައިގެން މިފަދަ ޘަގާފީ ކުޅިވަރުތައް ދިރުވާއާލާކުރަމާ ހިނގާށެވެ. މިފަދަ ޘަގާފީ ކުޅިވަރުތައް ދިރުވާއާލާކުރެވޭނީ ޘަގާފަތްދިރުވާ އާލާކުރުމަށްޓަކައި މަސައްކަތްކުރާ ކުލަބު ޖަމާއަތްތަކާއި ޒުވާނުންނާއި ގުޅިގެން މަސައްކަތްކޮށްގެންނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އުފާފާޅުކުރުމަށް ލިބޭ ދުވަސްތަކުގައިވެސް (ޢީދުދުވަސްތަކުގައިވެސް) ޘަގާފީ އިތުރު ކުޅިވަރުތައް ހިމަނާގެން ޢީދުގެ އުފާފާޅު ކޮށްގެންނެވެ. ޢީދުނޫނަސް އަންނަ އެހެން މުނާސަބަތު ތަކުގައި މިފަދަ ކުޅިވަރުތައް ކުޅިވަރުތައް ކުޅުމުގެ ފުރުސަތުތައް ހޯދާދެވިގެންނެވެ.

No comments:

Post a Comment