17 September 2010

ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ މައްސަލައެއްނޫން

-->
އަހުމަދު ޢާޞިމް އުންމީދު ހއ.އިހަވަންދޫ

-->
އަޅުގަނޑުމެން  އިންސާނުންނަކީ ސިފަ ކިތައްމެ އެއްވައްތަރު ވިޔަސް އެއްގޮތްވާނެ ބައެއްނޫނެވެ. އެހެންކަމުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ހުރިހާ އިންސާނުންނަކީ ޚިޔާލާއި ފިކުރު އެއްގޮތް ނުވާނެ ބައެއްކަމެވެ.  
އެހެންކަމުން އިސްލާމް ދީނުގައިވާ މަޝްވަރާގެ މަތިވެރި އުސޫލުން ކަންތައްތައް ނިންމުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.                     
ދިވެހި ރާއްޖޭގެ ނައު ޒަމާނީ ޑިމޮކުރަސީއާއި ދިމާއަށް ދަތުރުކުރަމުން ދާހިނދު، އަޅުގަނޑުމެންގެ ތެރޭގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަން އެއްދުވަހުން އަނެއްދުވަހަށް ކުޑަވަމުން ދާކަމީ ވަރަށްހިތާމަ ހުރިކަމެކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިކަން މިގޮތަށް ވާން ދިމާވި އެއްސަބަބަކީ ސިޔާސީ ހަލަބޮލި ކަނޑެއްގެ ތެރެއަށް ނައު ދިޔުމެވެ. ނުވަތަ ސިޔާސީ ފިކުރު ތަފާތުވުމެވެ. އެހެންގޮތަކުން ބުނަނީނަމަ އެއްބަޔަކު ދައްކާވާހަކަ އަނެއްބަޔަކަށް ހަޖަމުކުރަން ނޭނގުމެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ އިސްލާމީ ގައުމެކެވެ. މިގައުމުގައި އޮންނާނީ ވެސް އިސްލާމީ އުސޫލުތަކަށް ފެތޭ ޑިމޮކުރަސީ އެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުންސުރެ އޮތް އިސްލާމީ ރިވެތި އުސޫލުތައް ނެތިދިޔުމުގެ ސަބަބެއް ކަމުގައި މިގައުމަށް ތަޢާރަފުވަމުންދާ ޑިމޮކުރަސީ ހަދައިގެން   ނުވާނެއެވެ.                                
ޒަމާނުންސުރެ، މިގައުމަކީ އަމަން އަމާންކަމާއި ޞުލުހަ މަސަލަސްކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުންދާ ގައުމެކެވެ. އެހެންކަމުން މިމަތިވެރި އުސޫލު އަޅުގަނޑުމެންގެ ތެރޭގައި އާލަކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އުވެމުންމިދާ އިސްލާމީ ރިވެތި ސިފަތައް  އަޅުގަނޑުމެންގެ ތެރޭގައި އާލާކުރެވޭނީ އަޅުގަނޑުމެން އެކަކު އަނެކަކަށް ކުރަންޖެހޭ އިޚްތިރާމާއި ޤަދަރު ފުރިހަމައަށް އަދާ ކޮށްގެންނެވެ. ތަފާތު ޚިޔާލުތަކާއިއެކުވެސް މަސައްކަތް ކުރަންދަންނަ މުޖުތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި  ގާއިމުކުރެވިގެންނެވެ.

No comments:

Post a Comment